ފިޠިރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟
📚 ފިޠިރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟
ފިޠިރު ޒަކާތް ބެހެނީ މުދަލު ޒަކާތް ބެހެވޭ 8 ބަޔަށެވެ.(1) މިއީ ޖުމްހޫރު ޢިލްމިވެރިންގެ ބަސްފުޅެވެ.
އަދި މާލިކީންނާއި، އަދި އަޙްމަދު އަރިހުން އައިސްފައިވާ އެއްބަސްފުޅަކީ، އަދި އިބްނު ތައިމިޔާ އިޚްތިޔާރު ކިރެއްވި ރައުޔަކީ، އެބެހެވުންވަނީ ފަޤީރުންނާއި މިސްކީނުންނަށް ޚާއްޞަވެގެންކަމެވެ.
އައްޝާފިއީ ވިދާޅުވިއެވެ: ފިޠުރު ޒަކާތް ބެހެވެނީ މުދަލު ޒަކާތް ބެހެވޭ ބައިތަކަށެވެ. އެނޫން ބަޔަކަށް އެބެހެވުމެއް ނުވެއެވެ. .. އެބެހެވެނީ ފަޤީރުންނާއި މިސްކީނުންނާއި އަދި މިނިވަންވުމަށް ލިޔެވިފައިވާ (ފައިސާދެމުންދާ) އަޅުންނާއި، އަދި فِي سَبِيلِ اللَّهِ(2) އާއި ދަތުރެއްމަތީގައިވާ މީހާއަށެވެ.
ފިޠުރު ޒަކާތް ޙައްޤުވެގެންވާ މީހުންވަނީ ފަޤީރުންތެރެއިންނާއި، ދަރަންޏެއް އޮވެ އެދެއްކުމުގެ ޤާބިލުކަންނެތް މީހުންނާއި، އެވެރިންގެ މަހު މުސާރައިން ދެކޮޅު ނުޖެހި އެހެންކަމުން މިސްކީނުން ގޮތުގައިވެ ޙާއްޖަތަށް ޖެހިފައިވާ މީހުންނަށެވެ. އެހެންކަމުން ޙާއްޖަތަށް ބޭނުންޖެހިފައިވާ މިންވަރުން އެވެރިންނަށް އެދެވެއެވެ.
ނޯޓް:
"ފަޤީރު" އަދި "މިސްކީނު" މި ދެލަފުޛުގެ ތަޢްރީފުގައި ޢިލްމިވެރިންގެ ޚިލާފެއް ވެއެވެ. އެހެނަސް އެއިން އެއްލަފުޛު އައިސްފައިވާނަމަ އަނެއް ލަފުޛުވެސް އޭގެމާނައަށް ވަދެއެވެ.
ޢާންމު މާނައިގައި، ފަޤީރުންނަކީ އެމީހާގެ އަމިއްލަ ނަފުސާއި ބަލަހައްޓަން ޖެހޭ މީހުންގެ ޙާޖަތް ފުއްދައި ނުދެވޭ މީހުންނެވެ. އެއީ ކާބޯތަކެއްޗާއި، އަންނައުނާއި ބޯހިޔާވަހިކަން ވިޔަސް އެވެ.
މިސްކީނުންނަކީ، މިޙާޖަތްތައް ކޮންމެވެސް ވަރަކަށް ހުއްޓަސް ލިބޭ އެތިން ދެކޮޅު ނުޖެހި އެކަންތައް ތައް ފުރިހަމަ ނުކުރެވޭ މީހުންނެވެ.
އަދި ކޮންމެ މިސްކީނަކީ، ސަލާން ޖަހާ ނޫނީ ވަޒީފާއެއް ނުވަތަ މުދަލެއް ނެތް މީހަކަށް ވުން ލާޒިމެއް ނޫނެވެ. އަދި މީގެ ދަކީލަކީ، އަލްކަޙްފު ސޫރަތުގައި ވާ الله تعالى ގެ ވަޙީއެވެ:
أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ ...
"ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ مسكين ބަޔެއްގެ ނަވަކަށެވެ..."
މިތާގައި މިސްކީނު ބައެއް ކަމަށް ނިޞްބައިވެފައި އެވަނީ، އޮޑިވެރި ބައެކެވެ.
الله أعلم.
_______
(1) މިބައިތައް ބަޔާން ވެފައިވަނީ އައްތަޥްބާ ސޫރަތުގެ 60 ވަނަ އާޔަތުގައެވެ:
إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِۖ فَرِيضَةً مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٌ
"ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި، (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ އިލާހެވެ."
(2) فِي سَبِيلِ اللَّهِ ، އެބަހީ: اللَّه ގެ މަގުގައި ހަނގުރާމަ ކުރާ މުޖާހިދުންނާއި ޖިހާދަށެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. ފަހުގެ ބައެއް މީހުން، މިއީ ދީނީ އެންމެހާ ކަމެއްގައި ކަމަށް ބުނެއެވެ. އެހެނަސަ އަލްއަޒުހަރުގެ އިހުގެ މުފްތީ، ޝެއިޚް މުޙައްމަދު ބަޚީތުލް މުޠީޢީ މިމައްސަލައިގައި ފަތުވާއެއް ދެއްވިއެވެ. އަދި އޭގައި ފިޤުހު ޢިލްްމުވެރިންގެ ޖުމްހޫރު ޤައުލުތައް ގެންނަވައި، ޚުލާޞާ އަކަށް ވިދާޅުވީ، ޒަކާތުގެ މި ހަތްވަނަބައި، فِي سَبِيلِ اللَّهِ ، އަކީ ﷲ ގެ މަގުގައި ހަނގުރާމަ ކުރާ މުޖާހިދުންކަމެވެ. ވިދާޅުވީ، فِي سَبِيلِ اللَّهِ ފުޅާ މާނައެއްގައި ނަގާ ނަމަ އެންމެހާ އަޅުކަމެއްވެސް ހިމެނޭކަމެވެ. ނަމަވެސް ފިޤުހު ޢިލްމުވެރިން ވަނީ މިލަފުޛު "فِي سَبِيلِ اللَّهِ" ، اللَّه ގެ މަގުގައި ކުރެވޭ ހަނގުރާމަޔަށް އެކަނި ކަނޑައަޅުއްވާފައިކަމެވެ. އެހެންކަމުން، މިނޫން ޞަދަޤާތް ކުރެވޭ ކަންކަން، މިސްކިތް ބިނާ ކުރުމާއި، ޙައްޖުވާން ބޭނުންވާ މީހުންނަށް އެހީ ތެރިވުމާއި، މަރުވާ މީހުންނަށް ކަނފުން ގަނެދިނުން އަދި މިޒާތުގެ އެއްވެސް ކަމެއް އޭގައި ނުހިމެނެވޭނޭކަމެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.