ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން
➊
📚 ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން
ހ.
ޒަކާތަކީ ފަރުޟު ޢައިނެކެވެ. އެމީހެއް އަމިއްލަޔަށް، ނިޔަތާއި އެކު، އެ އަދާއު ނުކުރާހާ ހިނދަކު އޭގެ ވާޖިބު އަދާއު ވީކަމަށް ނުވާނެއެވެ.
އަލްމަރްދާވީ ވިދާޅުވިއެވެ: "ދިރި ހުރި މީހަކަށްޓަކައި، އޭނާގެ އިޛުނައެއްނެތި، އެހެން މީހެއް، އަމިއްލަ މާލުން ޒަކާތް ނެރެފިނަމަ، އެ ޞައްޙަވެގެންނެއް ނުވެއެވެ. އެހެން ނޫންނަމަ، (އިޛުނަދީފިނަމަ) ޞައްޙައެވެ." އަލް-އިންޞާފް 3/197
އެހެންކަމުން، އެހެން މީހަކަށްޓަކައި ޒަކާތް ނެރެދޭން އެދިއްޖެ މީހެއް، އެކަން ކުރީބާގައި ޒަކާތް ނެރުމުގެ ފަރުޟު އޮތް މީހާއަށް އަންގަން ޖެހެއެވެ. އަދި އޭނާގެ ރުހުން ލިބިގެން ނިޔަތާއި އެކުގައި ނޫނީ އެކަން ޞައްޙައެއް ނުވާނެއެވެ.
އެހެނީ ފަރުޟު ޢައިނަކީ ފަރުދީ ޒިންމާއެއް ކަމުން، އެވަކިފަރުދެއްގެ ނިޔަތް ނެތި އެކަން އަދާއު ނުކުރެވޭތީއެވެ. އަދި މިއީ މިކަމުގައިވާ ޖުމްހޫރުންގެ ބަހެވެ.
ށ.
ތިމާގެ ޒަކާތް ފަޤީރުންނާއި ހަވާލުކޮށް ދިނުމަށް، މުވައްކިލެއް އައްޔަނު ކުރުން ހުއްދައެވެ. އެއީ ވަކިފަރުދެއް ވިޔަސް، ޚާދިމެއް ވިޔަސް ނޫނީ ޒަކާތް ބެހުމަށް ޚާއްޞަ ޖަމްޢިއްޔާއެއް ވިޔަސް އެވެ.
އަލްއިންޞާފް 3/197 ގައި ވެއެވެ: "ޒަކާތް ދިނުމަށް މުވައްކިލަކު އައްޔަން ކުރުން ޖާއިޒެވެ. ޞައްޙައީ މި (ރައުޔު) އެވެ. އެހެނަސް މިކަމުގައި، އެއީ އިތުބާރުވެވިގެންވާ ފަރާތެއް ކަމުގައިވުން ޝަރުޠުވެގެންވެއެވެ. މީގެ މައްޗަށް (އިމާމް އަޙްމަދު) ވިދާޅުވެފައިވެއެވެ."
އަދި ޛިންމީއަކާއި (ނުވަތަ: ކާފަރަކާއި) އެ ބެހުމަށް ހަވާލުވެވިދާނެތޯ އާއި މެދު ޢިލްމިވެރިން ޚިލާފުވިއެވެ. އެހެންކަމުން ޙަނަފީންނާއި ޝާފިޢީންގެ އިތުރުން، ޙަންބަލީންގެ ބައެއް ބޭފުޅުން މިކަމުގައި ވަކިގޮތެއް ޝަރުޠުނުވާކަމަަށް ވިދާޅުވިއެވެ.
"އަލްފަތާވާ އަލްހިންދިއްޔާ" (1/ 171) ގައި ވެއެވެ: "ފަޤީރުންނަށް ބެހުމަށްޓަކައި ޛިންމީ އަކާއި ހަވާލުކުރިޔަސް، ޖާއިޒެވެ. އެކަން އަމުރު ކުރާ މީހާގެ (އެބަހީ މުވައްކިލެއް އައްޔަން ކުރާ، ޒަކާތް ނެރޭ ފަރާތުގެ) ފުށުގައި (ޒަކާތް ނެރުމުގެ) ނިޔަތް ގަނެވިފައިވާނަމައެވެ."
އަދި މީގެ މާނައަކީ، ހަވާލުކުރަންވީ ކޮން ބަޔަކާއިތޯ ކަނޑައެޅުމަކަށް ނޫނެވެ. އެހެނަސް އެބަހައިދިނުމުގައެވެ. އަދި މިކަމުގެ ޝަރުޠަކީ (މުދަލުގައި) އިތުބާރުވެވުމެވެ.
1/2
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.