ކާފަރުންނާއިއެކު މުޢާމަލާތް ކުރުމުގެ ބައެއް ޙުކުމްތައް — الولاء_والبراء (9)
This article is available in Dhivehi only.
`
📍ކާފަރުންނާއިއެކު މުޢާމަލާތް ކުރުމުގެ ބައެއް ޙުކުމްތައް
🔗 #الولاء_والبراء (9)
2. ކާފަރުން ގާތު މަސައްކަތް ކުރުމުގެ ޙުކުމް
(މިދަރުސް) އަޑުއަހަންތިބި އަޚުންނަކީ ހުޅަނގުގެ ބިންތަކުގައި ދިރިއުޅޭ ބަޔެއް ކަމަށްވާހިނދު، އެއަޚުންނަށް ބޭނުންތެރި މުހިންމު މަސްއަލައެއް މިތާ އެބައޮތެވެ. އެއީ ކާފަރުންގެެ ގާތުގައި މަސައްކަތް ކުރުމުގެ ޙުކުމެވެ.
މުުުސްލިމު މީހާގެ މައްޗަށް މިކަމުގައިވާ ނިކަމެތި ކަމަށްޓަކައި އަދި ކާފަރުންގެ އަތްދަށުގައިވާ އިހާނަތަށްޓަކައި، ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް މިކަން މަނަޢު ކުރެއްވިއެވެ. އަދި މިއީ އިމާމު އަޙްމަދުގެ މަޛްހަބުގައިވާ ބުނުމެކެވެ. އަދި ޝާފިޢީންގެ ތެރެއިން ފިޤުހުވެރީންގެ ބައިގަނޑެއްވެސް މިފަދައިން ވިދާޅުވެތެވެ.
އަނެއް ބުނުމަކީ: ކާފަރުން ގާތު މަސައްކަތް ކުރުމުގައި މައްސަލައެއް ނުވާ ކަމުގައެވެ. އަދި މިއީ ދެ ޝަރުޠެއް މަތީންނެވެ:
ފުރަތަމައީ: އޭނާގެ މަސައްކަތަކީ މުސްލިމުންގެ މައްޗަށް ޙަލާލުވެގެންވާ މަސައްކަތަށް ވުމެވެ.
ދެވަނައީ: މުސްލިމުތަކުންނަށް ގެއްލުން ދެވޭ ފަދަ ކަމެއްގައި އޭނާ ވާގިވެރި ނުވުމެވެ.
އަދި ރަނގަޅު ރައުޔަކީ މިއެވެ. އެހެނަސް މޮޅު އިތުރީ މުސްލިމު މީހާ މުސްތަޤިއްލުކޮށް މަސައްކަތްކުރުމެވެ. ނޫނީ މުސްލިމެއް ގާތު މަސައްކަތްކޮށް ކާފަރުން ގާތު މަސައްކަތްކުރުން ދޫކޮށްލުމެވެ. މީގެ މިޘާލަކީ އެވެރިންނާއި އެކު ވިޔަފާރި ކުރުމާއި މުޟާރަބާ މަސައްކަތް ކުރުމެވެ. (މިއީ އެއްފަރާތުން އިންވެސްޓުކޮށް އަނެއްފަރާތުން މަސައްކަތް ކޮށް، ދެފަރާތަށް އޭގެ ފައިދާ ބެހޭ ވިޔަފާރިއެވެ.)
އަދި އިމާމު އަޙްމަދު އަރިހުން، ޔަހޫދީ އަކާއި ނަޞާރާއަކާއި އެކު ވިޔަފާރި ޕާޓްނަރޝިޕެއްގައި ބައިވެރިވާ ފަރުދަކާއިމެދު ސުވާލު ވެވުނެވެ. ވިދާޅުވިއެވެ: ”އެވެރިންނާއި ބައިވެރިވާށެވެ — އެބަހީ: އެކަމުގައި މަނައެއް ނުވެއޭ އެވެ — އެހެނަސް އޭގައި އެކުލެވޭން ޖެހޭނީ ގަނެވިއްކުމެވެ. އެހެނީ، އެއުރެންނަކީ ރިބާ ކާބަޔެކެވެ. އަދި މުދައު ހުއްދަކުރެތެވެ.“ ވީމާ އެވިޔަފާރިވެރިޔާގެ ފަރާތުން އޭނާ މި ޕާޓްނަރޝިޕް ވިޔަފާރީގައި ރިބާ އެކުނުލަވާކަން ކަށަވަރުވެވިއްޖެނަމަ، އޭނާ އާއި އެކު ބައިވެރިވުމުގެ މައްސަލައެއް ނުވެއެވެ. އެއީ ކުރިންވެސް ބަޔާންވެވުނު ފަދައިން އެވެރިންނާއި އެކު ދެޝަރުޠާއިއެކު މަސައްކަތްކުރުން ހުއްދަވާގޮތުގެ މާތީންނެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.