ހަތަރުވަނަ ކަމަކަށް: ބަޔެއް މީހުން ދަޢުވާ ކުރާ ގޮތުން މިބިންތަކުގެ ވެރިންނާއި ނިޡާމުތަކުގެ ސަބަބުން މިބިންތައް ވަނީ ކުފުރުގެ ބިންތަކަށް…
This article is available in Dhivehi only.
ހަތަރުވަނަ ކަމަކަށް: ބަޔެއް މީހުން ދަޢުވާ ކުރާ ގޮތުން މިބިންތަކުގެ ވެރިންނާއި ނިޡާމުތަކުގެ ސަބަބުން މިބިންތައް ވަނީ ކުފުރުގެ ބިންތަކަށް ވެފައިކަމެވެ. މިހެންކަމުން މިތަންތާގައި އެބަޔެއް މައްޗަށް ޙުކުމް ކުރެވޭ ނިކަމެތިވެފައިވާ މީހުން ވެސް ތަކްފީރު ކުރުން ވާޖިބެވެ. އެހެނީ ތަކްފީރު ކުރުމުގައި ބޮޑާވެތިބި ބަޔަކާއި ނިކަމެތިވެފައިވާ ބަޔެއް ފަރަޤުވުމެއް ނުވެއެވެ.
މީގެ ޖަވާބު ދެގޮތަކަށް ވެއެވެ:
ފުރަތަމަ ގޮތަކީ: މިއީ އަލްޙަރާޤިޞާއިން ގެ ފުށުން، މިނިސްބަތްވެވޭ ބިންތަކަކީ އެވެރިން އެދަޢުވާ ކުރާ ބަދަލު އައުމުގެ ކުރިން ދާރުލް އިސްލާމެއް ކަމުގައި ވެވޭ އިޤުރާރެކެވެ. އިދިކޮޅު ފަރާތުގެ އިޢްތިރާފު އޮތުމުން މިކަމުގެ މައްޗަށް ހެއްކާއި ޤަރީނާ ގެނައުމުގެ ޙާއްޖަތެއް ނެތެވެ. ވީމާ އަހަރެން ބުނަމެވެ:
ﷲ ގަންދީއެވެ. ތިއީ ބޭކާރު ބަހުޘެކެވެ. އެހެނީ މިބިންތަކަކީ އިހުގައި ދާރުލް އިސްލާމް ކަމުގައިވީހީ ނަމަ، އަދި ކުފުރުގެ ބިންތަކެއް ނޫންނަމަ، ފަހެ އަޞްލަކީ، އެއްޗެއް އެއޮތް ގޮތެއްގައި އެ ދެމިއޮތުމެވެ. (الأصل بقاء ما كان على ما كان މިއީ، ފިޤުހީ ޤަވަޢިދެކެވެ. ކަމެއް ކުރިން ޘާބިތުވެފައިވާނަމަ، އެކަން އެއޮތް ގޮތުގައި ދެމިއޮވެޔޭ އެޔާއި ޚިލާފަށް ދަލީލެއް އައުމާއި ހަމަޔަށް، މިއެވެ.) އަދި އަޞްލު ޙާލު ދެމިއޮތުމީ ޝަރުޢުން އެގޭން އޮތް ކަމެކެވެ. އެއީ އެއަކާއި އިދިކޮޅު އެއްޗެއް ދަލީލުން ޘާބިތުވުމާއި ހަމައަށެވެ. ޙަރާޤިޞާގެ ބަހަނާއަކުން ނޫނެވެ. (އެހެންކަމުން މީސްތަކުންގެ ޙުކުމް އޭގެ އަޞްލުގައި ދެމިއޮވެއެވެ.)
ދެވަނަ ގޮތަކީ: ބިމަކަށް އިސްލާމް ކަމުގެ ޙުކުމް ކަނޑައެޅޭ ސަބަބު އާއިމެދު ފިޤުހު ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ. ތަފާތު ބުނުން ތަކަކަށެވެ؛ އެއީ ވެރިކަން ކުރުމުގެ ބާރުކަމަށް ދެކިލައްވާ ބޭކަލުންވިއެވެ. އަދި އަމާންކަމާއި ބިރުވެރި ކަމަށް ވެސް ބެލެވެއެވެ. އަދި އެދެ ސަބަބު އެކުލެވޭގޮތަށްވެސް ބެލެވެއެވެ. އަދި އެތަނެއްގައި ދިރި އުޅޭ މީހުންގެ ފުށުގައިވާ ދީނީ ސިފައިގެ ވަރުގަދަކަމަށް ވެސް ބެލެވެއެވެ. އަދި ދީނުގެ ޝިޢާރުތައް ފާޅުކުރެވޭ މިންވަރަށްވެސް ބެލެވެއެވެ. އަދި ދިރިއުޅޭ މީހުންގެ ދީނީ ސިފަ އާއި ވެރިކަން ކުރުމުގެ ބާރަށްވެސް ބެލެވެއެވެ.
މިބިންތަކަކީ ކުރިން އިސްލާމީ ބިންތަކެއް ކަމަށް އަލްއަޒާރިޤާ ގެ (އެބަހީ: ޚަވާރިޖުން ގެ) އިޢުތިރާފަށް ފަހު، އެބިންތަކުގެ ޙާލު ކުފުރާއި ރިއްދާ (މުރުތައްދުކަމަށް) ފުރޮޅުނީ ކަން ނޫން ބުނުމެއް މީގައި އެވެރިން ފުށުން ނުއޮންނާނެއެވެ. އެހެން ކަމުން އަހަރެމެން ބުނަމެވެ:
ދާރުލް އިސްލާމް އަކުން ދާރުލް ކުފުރަކަށް ބިމެއްގެ ޙުކުމް ބަދަލުވުމާއި މެދު ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ. ތަފާތު ބުނުންތަކެއްގެ މައްޗަށެވެ:
ފުރަތަމަ ޤަޥްލަކީ: ބިމެއް ދާރުލް ކުފުރަކަށް ބަދަލުވަނީ ތިން ސިފަޔެއް އޭގެ ސަބަބަކަށް އެކުލެވުމުންނެވެ. އެއީ: އިސްލާމީ ޝަރީޢަތުން އެތާ ޙުކުމް ނުކުރެވުމާއި، އޭގައި މުސްލިމުންނަށް އަމާންކަމެއް ނެތުމާއި، ދާރުލް ޙަރްބު އަކާއި އިންވެގެން އޮތުމެވެ. މިއިން ޝަރުޠެއް އޭގައި އެކުނުލެވިއްޖެނަމަ އެއީ ކުފުރުގެ ބިމެއް ނޫނެވެ. އަދި މިއީ ޙަނަފީންގެ ޤަޥްލެވެ. އަދި މިއީ އެނގިގެންވާ (ފިޤުހީ) މި ޤަވާޢިދާއި އެއްބަސްވާ ބުނުމެކެވެ: އަޞްލުގެ އަޘަރު ދެމިއޮންނަހާ ހިނދު، އޭގެ ޙުކުމް (އިސްލާމްކަން) ދެމިއޮވެތެވެ.
އައްސަރްޚަސީ ވިދާޅުވިއެވެ: ”ދެން އަލްއަޞްލު ގެ އަޘަރެއް ދެމިއޮވެއްޖެހާ ހިނދު، ދެބަސްވުމެއް ނެތި އޭގެ ޙުކުމަކީ އެ އަޞްލުގެ ޙުކުމެވެ... އަދި މި ބިމަކީ ކުރީއްސުރެ އޭގެ އަޞްލުގައި އިސްލާމީ ބިމެއް ކަމުގައިވޭމެ، ފަހެ އޭގައި މުސްލިމެއް ދެމިހުރެއްޖެނަމަ، ނުވަތަ ޒިއްމީއެއް، އެހިނދުގައި އަލްއަޞްލުގެ އަޘަރު ތަކުގެ ތެރެއިން އަޞްލެއް ދެމިއޮވެއްޖެއެވެ. ވީމާ އެޙުކުމް ދެމިއޮވެއެވެ.“
އެބޭފުޅުން ބޭނުން ކުރައްވާ (ފިޤުހީ) ޤަވާޢިދަކީ: (الثابت باليقين لا يزول بالشك) ”ޔަޤީންކަމާއި އެކު ޘާބިތުވެފައިވާ އެއްޗެއް، ޝައްކެއްގެ މައްޗަށް ނިގުޅައެއް ނުގަނެވޭނެތެވެ.“ އެހެނީ މިބިންތަކަކީ ޔަޤީނާއި އިސްލާމީ ބިމެއް ގޮތުގައިވީ އެއްޗެކެވެ. އެހެންކަމުން ޝައްކާއި ލަފާގެ މައްޗަށް، ކުފުރުގެ ނޫނީ މުރުތައްދުގެ ބިމަކަށް އެތަނުގެ ޙުކުމަށް ބަދަލު އައުމެއް ނުވެއެވެ.
=
Comments (0)
Be the first to comment.