އަދި އަބޫ މުޙައްމަދު ޢަބްދުލް ޢަޒީޒުލް ޙަލްވާނީ، އަލްޙަނަފީ (452هـ) ވިދާޅުވިއެވެ: ”ފަހެ އެންމެހާ ޝަރުޠެއް ހިމެނިއްޖެނަމަ ދާރު ޙަރްބު އަކަށް…
This article is available in Dhivehi only.
އަދި އަބޫ މުޙައްމަދު ޢަބްދުލް ޢަޒީޒުލް ޙަލްވާނީ، އަލްޙަނަފީ (452هـ) ވިދާޅުވިއެވެ: ”ފަހެ އެންމެހާ ޝަރުޠެއް ހިމެނިއްޖެނަމަ ދާރު ޙަރްބު އަކަށް އެތަން ބަދަލުވީއެވެ. އަދި ދަލީލުތައް ނޫނީ ޝަރުޠުތައް ދެއަތަށް ވާނަމަ، ފަހެ ހަމަކަށަވަރުން އޭތި ކުރިން އެއޮތް ގޮތެއްގެ މަތީ އެދެމިއޮވެއެވެ. (يبقى ما كان على ما كان). ނުވަތަ ރައްކަލަކަށްޓަކައި އިސްލާމް ކަމާއި އެއްކޮޅަކަށް ލެވެއެވެ. ފަހެ ދާރުކް ޙަރްބެއް ގައި ހަމައެކަނި އިސްލާމީ ޙުކުމް ޤާއިމުވުމުންވެސް، އެތަނަކީ އިޖްމާޢުގެ މަތީން އިސްލާމީ ދާރަކަށް ވެގެންދާތަން ތިބާ ނުދެކެމުހެއްޔެވެ؟“
އަދި ބަހާއުއްދީނުލް އިސްބީޖާބީ، އަލްޙަނަފީ، އިސްލާމީ ބިން ތަކުގެ ތެރެއިން ތަތާރުން އަރައިގަތް ބިންތަކާއި މެދު ވިދާޅުވިއެވެ: ”ކަނޑައެޅެވުނުފަދައިން: ސަބަބު ތަކުގެތެރެއިން އެއްޗެއް ދެމިއޮވެއްޖެނަމަ، އޭގެ ޙުކުމް ދެމިއޮވެއެވެ. އަދި ތަތާރުން މިބިންތަކަށް އަރައިގަތުމުގެ ކުރިން ޚިލާފެއް ނެތި އަހަރެމެން ވަނީ އެއީ އިސްލާމީ ބިންތަކެއް ކަމުގައި ޙުކުމް ކަނޑައަޅާފައެވެ. އަދި އެވެރިން އެތާގެ މައްޗަށް އެރުމަށް ފަހުގައިވެސް، ބަންގިއާއި ހުކުރާއި ނަމާދުޖަމާއަތްތައް އަދި އެނޫން އެފަދަ އިސްލާމީ ޝިޢާރުތައް ދެމިއޮތެވެ. ވީމާ ދާރުލް އިސްލާމެއް ގޮތުގައި އެދެމިއޮތެވެ.“
އަދި އިބްނު ޢާބިދީން އެކަލޭގެފާނުގެ ޙާޝިޔަތު ގައި ވިދާޅުވިއެވެ: ”އެއިން ފާޅުވަނީ: މުސްލިމުތަކުންގެ ޙުކުމްތަކާއި ޝިރުކުގެ އަހުލުންގެ ޙުކުމްތައް އެތާނގައި ޤާއިމުވެވޭނަމަ، އެއީ ޙަރްބުގެ ބިމެއް ނޫންކަމެވެ.“
ދެން އެއަށްފަހު އިބްނު ޢާބިދީން، އައްދުރޫޒް ގެ ބިންތަކަކީ އިސްލާމީ ބިންތަކެއް ގޮތުގައި ޙުކުމް ކުރެއްވިއެވެ. (ދުރޫޒް އަކީ އިސްލާމީ ސިފަ އެކުލެވިގެންވާ ޝިރުކީ ބައިގަނޑެކެވެ.) އެއީ އެބިންތަކުގެ ޙާކިމުންނަކީ ދުރޫޒުން ނޫނީ ބަޞާރާއިން ކަމުގައި ވިޔަސް މެއެވެ. އަދި އެވެރިންގެ ދީނުގެ މަތީ ޙުކުމްކުރާނޭ ޤާޟީން އެތާގައި އައްޔަންވެފައި ތިބިކަމުގައި ވިޔަސް މެއެވެ. މިއާއި އެކު އިސްލާމް ކަމާއި މުސްލިމުންނަށް މިވެރިން ގޮވާ ބަދު ބަސް ތަކާއިއެކުގައެވެ. އެއީ މިބަޔާންވެވުނު ތިން ޝަރުޠު އެތަނުން ފެންނާން ނެތުމުންނެވެ.
އަހަރެން (އައްޞޫމާލީ) ބުނަމެވެ: މި ދެކުމުގެ މައްޗަށް ބަލާނަމަ، އިސްލާމްކަމަށް ނިސްބަތްވެގެން އޮންނަ އެއްވެސް ބިމެއް، ކުފުރު އަދި މުރުތައްދު ބިމަކަށް ޔަޤީނުންވެސް ނުވާނެއެވެ. އެއީ ކުފުރާއި މުރުތައްދުކަމަށް ބަދަލުކޮށްދޭ ސަބަބަށް އޮތް ހުރަސްތަކުގެ ސަބަބުންނެނެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.