ތިންވަނަ ޤަޥްލަކީ: އިސްލާމީ ޝިޢާރުތައް ފާޅުވާހާ ހިނދަކު، (ކާފަރުން) އަރައި ވެރިވެގަތުމުން ނޫނީ އިސްތިއުމާރު ކުރުމުގެ ސަބަބުންނެއް ދާރުލް…
This article is available in Dhivehi only.
ތިންވަނަ ޤަޥްލަކީ: އިސްލާމީ ޝިޢާރުތައް ފާޅުވާހާ ހިނދަކު، (ކާފަރުން) އަރައި ވެރިވެގަތުމުން ނޫނީ އިސްތިއުމާރު ކުރުމުގެ ސަބަބުންނެއް ދާރުލް އިސްލާމް އެއް ދާރުލް ކުފުރަކަށް ބަދަލެއް ނުވާނެއެވެ. މިއީ މާލިކީންގެ ޤަޥްލެވެ.
މިކަމުގައިވާ މާލިކީންގެ ނައްޞުތަކުގެ ތެރޭގައި:
”ހަމަކަށަވަރުން އިސްލާމީ ބިން ދާރުލް ޙަރްބު އަކަށް، ކާފަރުން ހަމައެކަނި އެތަނަށް ވެރިވެގަތުމުވެ ސަބަބުންނެއް ބަދަލެއް ނުވާނެތެވެ. އަދިކިޔެއްތަ؟ އިސްލާމީ ޝިޢާރުތައް އެތަނުން ކަނޑުވާލެވުމަށް ދާންދެނެވެ. ދެންފަހެ އިސްލާމީ ޝިޢާރުތައް އެތާގައި ދެމިއޮތްހާ ހިނދަކު، ނުުވަތާ އޭގެތެރެއިން ގިނަ ކަންކަން އެތާގައި ޤާއިމުވާ ހިނދަކު، ފަހެ ޙަދްބީ ދާރަކަށް އެތަން ބަދަލު ނުވާހުއްޓެވެ.“ މިއީ "އައްޝަރްޙް އަލްކަބީރު" ގެ މައްޗަށްވާ އައްދުސޫޤީ ގެ ޙާޝިޔަތު (2/297) ގައެވެ. އެއީ އައްޞާވީ ގެ "އައްސާލިކް" (2/218) ގައިވާ ބުނުމުގެ މަތީންނެވެ.
އަދި މީގެ ތެރޭގައި، މާލިކީންގެ މި ޤަޥްލުވެއެވެ: ”އެހެނީ ކާފަރުން އޭގެ މަައްޗަށް ގަދަބާރުން އަރައި ގަތަސް، އޭގައި އިސްލާމީ ޝިޢާރުތައް ޤާއިމުވާހާ ހިނދަކު، އިސްލާމީ ބިން ޙަރްބުގެ ދާރަކަށް ބަދަލެއް ނުވާހުއްޓެވެ.“ މިއީ އައްސާލިކް (2/187) ގައިވާ ފަދައިންނެވެ.
އަންދަލުސް ގެ ސަރަހައްދު "އަރްޣޫނާ" އަށް ނަޞާރާއިން އެރުމާއިވިދިގެން އައްޝާފިޢީންގެ ފިޤުހުވެރިޔާ އައްރަމްލީ ވެސް ފަތުވާ ދެއްވީ މިގޮތުގެމަތީންނެވެ. އެހެންކަމުން އެކަލޭގެފާނުގެ ފަތާވާ ގައި ޖަވާބުދެއްވިއެވެ: ”އެވެރިންގެ ދީން އެތާގައި ފާޅުކުރެވޭނޭ ކުޅަދާނަކަން ވާހާ ހިނދަކު، އެވެރިންގެ ވަޠަނުން ހިޖުރު ކުރުން މި މުސްލިމުތަކުންނަށް ވާޖިބުވެގެންނެއް ނުވެއެވެ. އަދި އެހެނީ އިތުރުއެކަލޭގެފާނުން ﷺ ޙުދައިބިއްޔާގެ ދުވަހު ޢުޘްމާން މައްކާ އަށް އެކަލޭގެފާނުގެ ދީން އެތާގައި ފާޅުކުރެއްވުމުގެ މަތީން ފޮނުއްވެވިއެވެ. އަދި ކިއެއްހެއްޔެވެ؟ އެތަނުން ހިޖުރަކުރުން ޖާއިޒެއް ނޫނެވެ. އެއީ އެވެރިން އެތާގައި ޤާއިމުވެ ތިބެ އެހެންމީހުން އިސްލާމް ކުރުވުމުގެ އުއްމީދުގައެވެ. އެހެނީ އެއީ އިސްލާމެއް ކަމުގައި ވުމުންނެވެ. ފަހެ އެވެރިން އެތަނުން ހިޖުރަކޮށްފިނަމަ އެތަން ޙަރްބީ ބިމަކަށް ބަދަލުވެއެވެ.“ فتاوى الرملي (4/52).
އަދި މި މަޛްހަބަކީ (ދެކުމަކީ) ޙަދީޘް ޢިލްމުވެރިންނަށް އަބޫ ބަކްރުލް އިސްމާާޢީލީ ނިޞްބަތް ކުރެއްވި ދެކިލެއްވުން ވެސެމެއެވެ. އެއީ މިވިދާޅުވުމުގައެވެ: ”މުޢްތަޒިލީން ދެކުނުގޮތާއި ޚިލާފަށް، އެބޭކަލުން ދެކިލައްވަނީ ބިމެއްގައި ނަމާދަށް(ބަންްގި) ގޮވޭހާ ހިނދަކު އަދި ފާޅުގައި ޤަމަތްދެވޭހާ ހިނދަކު އަދި އޭގެ އަހުލުން އަމާން ކަމާއި އެކު އެކަމަށް ކުޅަދާނަވާހާ ހިނދަކު، އެބިމަކީ ދާރުލް އިސްލާމެއް ގޮތުގައެވެ. ދާރުލް ކުފުރެއް ނޫނެވެ.“ — اعتقاد أئمة الحديث (ޙަދީޘް ޢިލްމުގެ އިމާމުން ގެ ޢަޤީދާ) ص76.
އަދި މިކަމުގެ ދަލީލު ތަކުގެ ތެރޭގައި، އަނަސް ބުނު މާލިކު رضي الله عنه ގެ ޙަދީޘް ހިމެނެއެވެ: ”ނަބިއްޔާ عليه السلام އަހަރެމެންނާއި ބަޔަކުމީހުންނާއި ހަނގުރާމައަށް ވަޑައިގަންނަވާ ނަމަ، ދުވާލުވުމާއި ހަމައަށް އެޣަޒްވާ ނުފައްޓަވައި ބައްލަވައެވެ. ފަހެ ބަންގީގެ އަޑު އިވިއްޖެނަމަ، އެއުރެންނަށް ޙަމަލާ ނުދެއްވައި ހުއްޓަވާލައްވައެވެ. އަދި ބަންގީގެ އަޑު ނުއިވިއްޖެނަމަ، އެއުރެންނަށް ޙަމަލާ ދެއްވައެވެ.“ އަދި މިޙަދީޘް ވަނީ ދެ ޞަޙީޙު ގައެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله މިޙަދީޘް އާއި ބެހޭގޮތުން ވިދާޅުވިއެވެ:
”އަދި މިއިން ދަލީލުކޮށްދޭ ކަންތަކުގައި ވަނީ: ޝިޢާރުތައް — ބޭރުފުށަށް ފާޅުވާ ފަދަ އިސްލާމީ ޝިޢާރުތަކަކީ، ދާރެއް އެއީ އިސްލާމީ ދާރެއް ކަމުގައި ދަލީލުކޮށްދޭ ތަކެއްޗެވެ. އެއީ ބަންގިއާއި، ހުކުރާއި ޢީދު ފަދައެވެ.“ كتاب النبوات (2/760).
އަހަރެން (އައްޞޫމާލީ) ބުނަމެވެ: މިފަދައިން ސުންނީންގެ މަޛުހަބު، ދާރެއް ކުފުރާއި މުރުތައްދު ކަމަށް ބުނުމުން މަނައު ކުރުވައެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.