2) ﷲ تعالى ގެ މި ވަޙީފުޅު ގެ މާނަ
This article is available in Dhivehi only.
➋
(2) ﷲ تعالى ގެ މި ވަޙީފުޅު ގެ މާނަ:
{وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ} [الأنعام 121]
(ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، މުޝްރިކުންކަން ކަށަވަރެވެ.)
ހަމަކަށަވަރުން ﷲ ނޫން ފަރާތަކަށް ކިޔަމަންވެއްޖެ މީހާ، އަދި ﷲ ޙަރާމް ކުރެއްވި އެއްޗެއް ޙަލާލު ކޮށްގަނެ ނުވަތަ ޙަލާލު ކުރެއްވި އެއްޗެއް ޙަރާމްކޮށްގަނެ އެކަމުގައި ޤުރުއާނާއި ސުންނަތުގައި ހިފުމުން ބޯ އަނބުރާލައިފިނަމަ، އަދި ﷲ އަށް އުރެދުމުގައި އޭނާ ކިޔަމަންގަނެފިނަމަ — ފަހެ އޭނާ އެވަނީ ރައްބެއް އަދި އަޅުކަންކުރާ ފަރާތެއް ނަގައި ﷲ އާއި ޝަރީކަކު ގެނެސްގެންފައެވެ. އެހެނީ އަމުރާއި ނަހީގައި ރައްބާއި އެކު ބައިވެރިޔެއްް ގެނެސްގެންފި ކޮންމެ ހިނދެއްގައި ޝިރްކުއް ޠާޢާ ފުދެއެވެ. އެހެނީ ރައްބަކީ އެންމެހާކަމެއް ތަދުބީރުުކޮށް ހިންގަވާ ވެރިޔާ (المالك) އެވެ. އެންމެހާ އެއްޗެއް މިލްކު ވެ ވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެއިލާހު އެތަކެެތީގެ މަައްޗަށް ތަދުބީރު ކުރައްވައެވެ. އަދި އަމުރާއި ނަހީގައި ތަދުބީރު ކުރައްވާ ފަރާތެވެ. އެގޮތުން އެއިލާހުގެ އަޅުތަކުންނަށް އެއިލާހު ޝަރުޢު ކަނޑައަޅުއްވައި އެއުރެން އެއަށް ޢަމަލު ކުރުމަށް އެއިލާހު އަމުރު ކުރައްވައެވެ. އަދި މަނައުތައް އެއުރެންނަށް މަނައު ކުރައްވައެވެ. އަދި އެއަށް ބާރު އަޅުއްވަ އެވެ. އެއީ އެއާއި އެއުރެން ގާތް ނުވުމަށް ޓަކައެވެ. އަދި އެއްވެސް ޚަލްޤެއް މިކަމުގައި ރައްބުވަންތަ އިލާހުއާއި ބައިވެރިކުރުން ހުއްދަ ވެގެންނެއް ނުވެއެވެ. މިހެންކަމުން ޚަލްޤުންތެރެއިން އެއްވެސް ފަރާތެއް (އެކަމުގައި) އެއިލާހާއި ޝަރީކު ކޮށްފިނަމަ، ފަހެ އެއިލާހުގެ ރައްބުވަންތަކަމާއި މަލިކުވަންތަކަމުގައި ދެބަސްވެއްޖެއެވެ. ދެން، ޙަލާލުކުރުމާއި ޙަރާމް ކުރުމާއި ޝަރުޢު ކުރުމުގައި މި މަޚްލޫޤަށް ތަބަޢަ ވެއްޖެ މީހާ، ފަހެ އޭނާ އެވަނީ ﷲ ފިޔަވައި ރައްބެއް ގޮތުގައި މި މަޚުލޫޤު ނަގާފައެވެ. އަދި މިކަމުގެ ސަބަބުން، އިޚްލާޞް ގެ ކަލިމަ (لا إله إلا الله) އެއަކަށް ދަލީލުކޮށްދޭ ﷲ ގެ ދީން ކަމުގައިވާ އައް-ތަޥްޙީދު (ﷲ تعالى އެއްކައުވަންތަ ކުރުން) ނަފީކޮށްލަތެވެ. (ހެކިވެވެނީ لا إله إلا الله — ﷲ ނޫން އަޅުކަން ވެވޭ ޙައްޤު އެހެން އެއްވެސް އިލާހެއް ނުވާކަމަށެވެ.) ފަހެ ހަމަ ކަށަވަރުން، ”އިލާހު“ އަކީ (ބޯލަނބައި) އަޅުކަން ވެވޭ ފަރާތެވެ. އަދި ﷲ تعالى ވަނީ އެއުރެންނަށް ކިޔަމަން ގަތުމަކީ އެއުރެންނަށް ”އަޅުކަން ކުރުން“ ކަމުގައި ނަން ދެއްވާފައެވެ. އަދި އެއުރެންނީ ޚުދު ”ރައްބުން“ ގޮތުގައި ވެސް ނަންދެއްވާފައެވެ.⁽¹⁹⁾
ކޮންމެ ޖީލެއްވެސް އެވެރިންގެ ބޮޑުންނަށް (މިފަދައިން) ތަބަޢަ ނުވަނީ ނަމަ، އުއްމަތްތަކުގެ ތެރެއިން މަގުފުރެދުނު މީހުން މަގުނުފުރެދުނީހެވެ. އެއީ ﷲ تعالى ވަޙީ ކުރެއްވި ފަދައިންނެވެ:
{وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠}
”އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ.“
އަދި ﷲ تعالى ގެ ޝަރުޢު ނޫން އެއްޗަކުން ޙުކުމް ކުރާ ފަރާތަކަށް (އެކަމުގައި) ކިޔަމަން ގަތުމީ، އަދި އެކަން އޭނާ ދަނެހުރި ޙާލު ﷲ ގެ ޙުކުމާއި ޚިލާފު ވުމީ، ކިޔަމަން ތެރިކަމުގައި ﷲ تعالى އާއި ޝިރުކު ކުރުމެވެ. އެއީ އެއިލާހު عزّ وجل ވަޙީ ކުރެއްވި ފަދައިންނެވެ: {وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَٰدِلُوكُمْۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ} [الأنعام 121]
(އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ جدل ކުރުމަށް شيطان ން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، މުޝްރިކުންކަން ކަށަވަރެވެ.)
=
______________
⁽¹⁹⁾ فتح المجيد شرح كتاب التوحيد (106)
Comments (0)
Be the first to comment.