ފައިދާއެއް — އިބްނުލް ޢަރަބީ ވިދާޅުވިއެވެ: ދިހަވަނަ ނުކުތާ: ﷲ ގެ ވަޙީ: {وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ} ދަންނައެ:…
This article is available in Dhivehi only.
➌
ފައިދާއެއް:
އިބްނުލް ޢަރަބީ ވިދާޅުވިއެވެ: ދިހަވަނަ ނުކުތާ: ﷲ ގެ ވަޙީ: {وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ} ދަންނައެ: (ފާފައިގައި) މުޝްރިކަކަށް ކިޔަމަން ޤަތުމުގައި މުއުމިނު މީހާ މުޝްރިކުވުން ވަނީ، އޭނާގެ އިޢުތިޤާދުގައި (ޙަލާލާއި ޙަރާމުގައި ދެކޭ ދެކުމުގައި) ކިޔަމަން ވެއްޖެ ނަމައެވެ. ކުފުރާއި އީމާނުގެ ޖަގަހަ އަކީ އެއީއެވެ.“⁽²⁰⁾
އަދި އިބްނު ކަޘީރު ވިދާޅުވިއެވެ: ”އެއިލާހު تعالى ގެ ވަޙީ: {وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ} އެބަހީ: ކަލޭމެންގެ މައްޗަށްވާ ﷲ ގެ އަމުރާއި އެއިލާހުގެ ޝަރުޢު، އެއިލާހު ނޫން ފަރާތަކަށް ކަލޭމެން ބަދަލުކޮށްލުމުން، އެއިލާހުގެ މައްޗަށް އެހެންފަރާތެއް އިސްކޮށްފިއެވެ. ފަހެ އެ ޝިރްކު އަކީ މިއީއެވެ. މިހެން ކަމުން، އޭނާގެ ޢަމަލުގައި (އެފާފަކޮށް) އެކަލޭގެއަށް ކިޔަމަންގަންނަ ހިނދު، އޭނާގެ ޢަޤީދާ ސަލާމަތުން، ތަޥްޙީދާއި ތަޞްދީޤު ގައި ދެމިއޮވެއްޖެނަމަ (އެބަހީ: ﷲ އާއި ރަސޫލު ތެދުކުރުމުގައި ދެމިއޮވެއްޖެނަމަ)، ފަހެ އޭނާ އަކީ ފާފަވެރިއެކެވެ. (މުޝްރިކެއް ނޫނެވެ.)“⁽²¹⁾
ﷲ ވަޙީ ކުރެއްވިއެވެ:
{وَمَا كَانَ لِمُؤۡمِنٍ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلًا مُّبِينًا} (الأحزاب:36)
”އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.“
މިއާޔަތުގެ ތަފްސީރުގައި، އައްނަސަފީ ވިދާޅުވިއެވެ:
”ފަހެ އެ އުރެދުމަކީ، އެކަން ޤަބޫލު ކުރުމަށް ދެކޮޅުހަދައި ރައްދުކުޅައުމުގެ އުރެދުންކަމުގައި ވަނީނަމަ، އެއީ ކުފުރުވަނިވި މަގުފުރެދުމެވެ. އަދި އެއީ އެ އަމުރު ޤަބޫލުކުޅައުމާއި އެކު އަދި އޭގެ ވާޖިބުކަން ކަށަވަރުކުރާހިނދު (އިޢްތިޤާދު ކުރާހިނދު) ވެވޭ އުރެދުމެއް ނަމަ، އެއީ ކުށްވެރިކަމާއި ފާސިޤުކަމުގެ މަގުފުރެދުމެވެ.“⁽²²⁾
އަދި މިމާނަ ސާފުވުމަށް ނަބިއްޔު ﷺ މި ޙަދީޘް ފުދެއެވެ:
«سَتَكُونُ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ فَمَنْ عَرَفَ بَرِئَ وَمَنْ أَنْكَرَ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ » (صحيح مسلم 1854)
“ވެރިންތަކެއް ތިޔަބައިމީހުންގެ މައްޗަށް އަންނާނެއެވެ. ތިޔަބައިމީހުން އެމީހުންގެ ފަރާތުން (ފެންނަ ހެޔޮ ޢަމަލުތަކަށް) ރުހޭނެއެވެ. އަދި (ނުބައި ޢަމަލުތަކަށް) ނުރުހޭނެއެވެ. އެމީހުންގެ ނުބައިކަންތަށް އެނގޭމީހާ (އަދި އެކަން ހުއްޓުވަން އުޅެފިމީހާ) ކުށްވެރިވުމުން ބަރީއަވެއްޖެއެވެ. އަދި (ހުއްޓުވައި ދެމޮޅު ހެދުމަށް ނުކުޅެދޭ ޙާލު) އެކަމަށް އިންކާރުކުރާ މީހާ ސަލާމަތްވެއްޖެއެވެ. އެހެނަސް އެކަމަށް ރުހިއްޖެ އަދި އެކަމުގައި ތަބާވެއްޖެމީހާއެވެ.“
އައްނަވަވީ ވިދާޅުވިއެވެ: ”އޭގެ މާނައަކީ: އެހެނަސް ފާފަ އާއި ޢުޤޫބާތް ވަނީ އެކަމަށް ރުހިއްޖެ އަދި އެކަމުގައި ތަބާވެއްޖެ މީހާ ގެ މައްޗަށް ކަމެވެ. އަދި މުންކަރާތެއް ހުއްޓުވުމަށް ނުކުޅެދޭ މީހާ ހަނުހުރުމުން އެކަނިވެސް ފާފަ ވެރި ނުވާނެ ކަމުގެ މައްޗަށް މީގައި ދަލީލު އެބަވެއެވެ. އަދި ކިއެއްތަ؟ ފާފަވެރިވުން ވަނީ އެއަށް ރުހުމުގައެވެ. ނުވަތަ އޭނާގެ ހިތުން އެޔަށް ނަފުރަތު ނުކުރުމުގައެވެ. ނުވަތަ އެކަމުގައި އެވެރިންނަށް ތަބަޢަވުމުވައެވެ.“⁽²³⁾
”މިހެން ކަމުން އަމުރު ވެރިޔަކަށް އުރެދުމުގެ ޢަމަލެއްގައި ކިޔަމަންގަންނަ މީހާ، އެހެނަސް އެއީ (ހ) އެކަން އިސްތިޙްލާލު ކުރުމުގެ އިޢްތިޤާދެއް ނެތި އަދި (ށ) ﷲ ގެ ޙުކުމް އެކަމުގައި ވައްޓާލުމަށް ވެރިމީހާ އަށް އެއްބަސް ވުމެއް ވެސް ނެތި ނަމަ، މިފަދަ މީހާ އެވެއްޓެނީ އެޢަމަލުގެ ސަބަބުން ފާފައަށެވެ. ކުފުރަކަށް ނޫނެވެ. އެއީ އެ ޤައުމެއްގެ ޤާނޫނުން ޒިނޭ ހުއްދަ ކޮށްފައިވާ ޤައުމެއްގައި، ޒިނޭ ކުރާ މީހެއް ފަދައިންނެވެ. ވީމާ، އޭނާގެ ޙާލަކީ އެހެނިހެންވެސް ފާފަތަކަށް ވެއްޓޭ މުސްލިމު މީހެއް ފަދައިންނެވެ. އަދި އެކަން ޙަލާލު ނުކުރާކަމެވެ. ޝައިޚުލް އިސްލާމް ވިދާޅުވިއެވެ: ”އެއުރެން ކަށަވަރު ކުރަނީ (އިޢުތިޤާދު ކުރުނީ) އަދި އެއުރެން އީމާނަކީ ޙަރާމް ކަމުގެ ޙަރާމާއި ޙަލާލު ބަދަލު ނުވާނޭކަމެވެ. އެހެނަސް އެއުރެންނަށް މިބައިމީހުން ކިޔަމަންވަނީ ﷲ އަށް އުރެދި ފާފައިގައެވެ. އެއީ ފާފަ ކުރާ މުސްލިމުމީހާ އޭނާ އެކުރާ ފާފަ ކުރާއިރު މިއުރެދެނީކަން ކަށަވަރު (އިޢްތިޤާދު) ކުރާ ފަދައިންނެވެ. އެހެންކުަމުން މިބައިމީހުންނަށް ވާ ޙުކުމަކީ، ފާފަ ކުރާ މީހުންނަށް ވާފަދައެވެ.“⁽²⁴⁾
~ ގަލަންދާނު
______
⁽²⁰⁾ أحكام القرآن لابن العربي (2/275)
⁽²¹⁾ تفسير القرآن العظيم (2/192)
⁽²²⁾ مدارك التنزيل وحقائق التأويل (2/ 345 - 346).
⁽²³⁾ شرح النووي على صحيح مسلم (12/ 143)
⁽²⁴⁾ ބައްލަވާ: التكفير وضوابطه، السقار (1/107)
Comments (0)
Be the first to comment.