ޚަވާރިޖުން ގެ ޙަޤީޤަތް އަދި އެވެރިންގެ ޙުކުމް
This article is available in Dhivehi only.
①
📌ޚަވާރިޖުން ގެ ޙަޤީޤަތް އަދި އެވެރިންގެ ޙުކުމް
[ފުރަތަމަ ބައި]
🔻🔻🔻
▫️އަލް-ޚަވާރިޖް ގެ ޙަޤީޤަތް އަދި އެވެރިންގެ ޙުކުމް
އައްރާޒީން ގެ ދެބޭކަލުން ވިދާޅުވިއެވެ: ⟨⟨އަދި އަލްޚަވާރިޖުންނީ މުއްރާޤު އެވެ.⟩⟩ ⁽¹⁾
"ޚަވާރިޖު" އޭ އެވެރިންނަށް ނަން ދެވެނީ، (މުސްލިމުންގެ) ޖަމާޢަތުން އެވެރިން ބޭރުވެގަތުނުގެ މައްޗަށެވެ. އަދި އެއަށް އެވެރިން ބަރޯސާ ނުކުރުމާއި، އޭގެ މުސްލިމުންގެ އިމާމުގެ މައްޗަށް ވެސް ބަރޯސާ ނުވުމުގެ މައްޗަށެވެ. "މުއްރާޤު" މިލަފުޒު ނެގިފައިވަނީ އިތުރުއެކަލޭގެފާނުން ﷺ ގެ ޤަޥްލުފުޅުންނެވެ: «يَمْرُقُونَ مِنَ الإِسْلاَمِ كَمَا يَمْرُقُ السَّهْمُ مِنَ الرَّمِيَّةِ» (ޝިކާރައިގެ ތެރެއިން ތީރު ނުކުމެގެންދާ ފަދައިން، އެބައިމީހުން އިސްލާމް ކަމުން ބޭރުވެގެން ދާނެއެވެ.)⁽²⁾ އަދި މިފަދައިން އަޞްޙާބު ބޭކަލުން މިވެރިންނަށް އަލްމާރިޤާ އޭ ނަން ދެއްވިއެވެ. ނުވަތަ އަލްމާރިޤީން އޭ އެވެ. ޢަލީ ބިން އަބީ ޠާލިބު އާއި އެނޫން ބޭކަލުން ފަދައިންނެވެ.⁽³⁾
އަދި އިސްލާމް ދީނުގެ ފިރުޤާ ތަކުގެ ތެރެއިން ފިރުޤާއަކަށް ނޫނީ ބައިގަނޑަކަށް، ޚަވާރިޖުން ޛިކުރު ވެވިގެންވާ ފަދައިން ޙަދީޘެއް ޘާބިތުވެފައި ނުވެއެވެ. އަދި އަޙްމަދު ވިދާޅުވިއެވެ: "ދިހަ މަގަކުން އެވެރިންނާއިމެދު ޙަދީޘު ޘާބިތުވެފައިވެއެވެ."⁽⁴⁾
އަދި އަޞްޙާބު ބޭކަލުންގެ އަރިހުން މިވެރިންނާއިމެދު ވާރިދުވެފައިވާ މަޥްޤޫފު ރިވާޔަތް ތަކަށް ބަލާއިއިރު، އެއީ އެނޫން ފިރުޤަތަކާއި ބައިގަނޑުތަކަށް ވުރެ ގިނަގުނަކޮށެވެ. އެއީ އެވެރިން ފާޅުވިގޮތް އިސްވެފައި، ދުނިޔެވީ ގޮތުން އެވެރިންގެ ނުބައިކަމުގެ ބޮޑު ކަމާއި، އެއަށް ފަހު ދީނަށް އޮތް ނުބައިކަމުގެ ބޮޑު ކަމުގެ ސަބަބުންނެވެ.
▫️ޚަވާރިޖުން ފާޅުވި ޒަމާން
އެވެރިންނާއި މެދު އައިސްފައިވާ ޙަދީޘް ތައް، ވަނީ އެވެރިންގެ ޢަމަލުތައް ސިފަކޮށްދެއްވުމުގައެވެ. ވަކި މިވެނި ބައެއްކަން ކަނޑައެޅިގެނެއް ނޫނެވެ. ވީމާ ނަބިއްޔު ﷺ ޒަމާނުގައި އެވެރިން ބައިގަނޑެއް ގެ ގޮތުގައި ނެތެވެ. އަދި އަބޫ ބަކުރު އާއި ޢުމަރު ޒަމާނުގައިވެސް ނެތެވެ. އަދި ޢުޘްމާން ގެ ޚިލާފަތުގެ ވެސް ބޮޑުބައިގައި ނެތެވެ. އަދި ޢަބްދުއްރަޙުމާނު ބުނު މަހްދީ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އަހަރެން އަޑު އެހީމޭ، މަލީކު ބުނު އަނަސް ވިދާޅުވީތީ: ”މި މަގުފުރެދުމުގެ އެއްވެސް އެއްޗެއް ރަސޫލު ﷲ ﷺ ގެ ޒަމާނަކު ނުވެއެވެ. އަދި އަބޫ ބަކުރުގެ ޒަމާނަކު ވެސް ނުވެއެވެ. އަދި ޢުމަރުގެ ޒަމާނަކުވެސް ނުވެއެވެ. އަދި ޢުޘްމާނުގެ ޒަމާނަކުވެސް ނުވެއެވެ.“ އަދި ޢުޘްމާންގެފާނާއި ދެކޮޅަށް ނިކުތް މީސްތަކުންނަށް މާލިކު އެއީ ޚަވާރިޖުން ކަމުގައި ނިސްބަތް ކުރެއްވިއެވެ.⁽⁵⁾
▫️ޚަވާރިޖުންގެ ޞިފަތައް އަދި އެވެރިންގެ ޢަލާމާތްތައް
ޚަވާރިޖުންގެ ޞިފަޔާއި އެވެރިންގެ މައްޗަށްވާ ޙުކުމާއި މެދު ޢިލްމުވެރިން ގިނަގުނަކޮށް ޚިލާފުވިއެވެ. އެއީ އެވެރިންގެ ތަފާތުތަކާއި ބާވަތްތަކުގެ ސަބަބުންނެވެ. އަދި އެކަންކަން ބަޔާން ކޮށް އެވެރިންގެ އިމާމުންގެ ފުށުން ފަތްފުށް ލިޔެވިފައި ނެތުމުގެ ސަބަބުން ނެވެ. މިހެންކަމުން ޚަވާރިޖުންގެ ބޮޑުންނާއި ޢާންމުން އެއަކަށް ރުޖޫޢަވާންވީ، އަދި އެއަކަށް ބަރޯސާ ކުރާނޭ ވަކި އުޞޫލުތަކެއް އެވެރިންގެ އަތްތަކުން ލިޔެވިފައި ނުވެއެވެ. ނުވަތަ އެއަށް ޝަރަޙަކޮށްދޭ އެއްޗެއްވެސް ނުވެއެވެ. އެއީ ގިނަ އެހެން އެތައް ފިރުޤާއެއް ފަދައިންނެވެ. އަދި އެވެރިން ބަލަނީ ދަލީލު ތަކުގެ ބޭރުފުށަށެވެ. އަދި އެވެރިންގެ ކޮންމެ ވަކި ބައިގަނޑެއް ނޫނީ ވެރިޔެއް އެވެރިންގެ އެހެންމީހުންނާއި ޚިލާފު ގޮތަކަށް އެ ތައުވީލުކޮށް މާނަކުރެއެވެ.
މިހެންކަމުން ނައްޞުތައް (އާޔަތް ތަކާއި ޙަދީޘްތައް) ބޮޑުކޮށްލައި ސަލަފުންނާއި ޢިލްމުވެރިން ނާއި އެބޭފުޅުންގެ ފަހުމުގެ މަންޒިލުގައި މިވެރިން ކިޔައިދެއެވެ. ވީމާ ވަޙީ ގެ މައްޗަށްވާ އެވެރިންގެ އަމިއްލަ ފަހުމު ނޫން އެއްޗެއް ނުދެއްކެއެވެ. އަދި ނަބިއްޔު ﷺ ވަނީ މިވެރިން ވާވަންނަނީ ދެ އަޞްލަށް ކަމަށް ޙަދީޘް ކުރައްވާފައެވެ: އެއީ ކީރިތި ފޮތާއި ސުންނަތަށެވެ. އުއްމަތުގެ ސަލަފުންނާއި އިމާމުންގެ ފަހުމުން އެއަކުން ނެއްޓިފައިވާ ގޮތުގައެވެ. އެހެންކަމުން އެއުރެން ސަލަފުންގެ ފަހުމުން ފިލައި އެވެރިންގެ އަމިއްލަ ފަހުމާއި އަމިއްލައެދުމަށް ވަދެއެވެ:-
----------------------
[1] ތަރުޖަމާނުގެ ނޯޓް: މުޅި މި ލިޔުމަކީ މި ޖުމްލަކޮޅުގެ މައްޗަށްވާ ޝަރަޙައެވެ. އޭގެންވެސް ބަޔެކެވެ. މި ފޮތުގެ ޝަރަޙަ އާއި ނުލައިވާ މަތަން: « ސުންނަތުގެ އަޞްލު އަދި ދީނުގެ އިޢުތިޤާދު » (އަބޫ ޒުރްޢާ އަދި އަބޫ ޙާތިމް އައްރާޒީ ގެ ޢަޤީދާ) — "ގަލަންދާނު" ގައި ކުރިން ވާނީ ގެނެވިފައެވެ.
[2] އެއީ ޢަލީ ބުނު އަބީ ޠާލިބުގެ ޙަދީޘް ގައި، އަލްބުޚާރީ 3611 އަދި މުސްލިމް 1066 ގައި ވާ ފަދައިންނެވެ.
[3] އިބްނު އަބީ ޢާޞިމް ގެ "އައްސުނާ" 908
[4] އަލްޚައްލާލް ގެ "އައްސުންނާ" 110
[5] އަލްފަރިޔާބީ ގެ "އަލްޤަދަރް" 378 އަދި އަލްހަރަވީ ގެ "ޛައްމުލް ކަލާމް" 878 ގައި.
Comments (0)
Be the first to comment.