އެހެންމީހަކަށް ދެވޭ އަނިޔާގެ ސަބަބުން ނޫނީ އިންޒާރުގެ ސަބަބުން ތިބާ އިކުރާހަށްވެއްޓިދާނެހެއްޔެވެ؟
This article is available in Dhivehi only.
📌 އެހެންމީހަކަށް ދެވޭ އަނިޔާގެ ސަބަބުން ނޫނީ އިންޒާރުގެ ސަބަބުން ތިބާ އިކުރާހަށްވެއްޓިދާނެހެއްޔެވެ؟
އެނގިގެންވާ ފަދައިން މުސްލިމުންނަކީ އަނިޔަލުގެ މަތީ ކެތްތެރި ސާބިތުވެތިބޭ ބަޔެއްކަން ދަނެތިބެ، އެބައިމީހުންގެ އަނބިދަރިންނާއި ލޮބުވެތިވެގެންވާ މީހުންނަށް އަނިޔާ ދިނުމަށް ނޫނީ ހައްޔަރުކުރުމަށް ނޫނީ އަބުރާއި އިއްފަތް ނަގާލުމަށް ﷲ ގެ ޢަދުއްވުން އިންޒާރު ދިނުން މިއީ ވަރަށް ބޮޑު ވޭނެކެވެ.
ފިޤުހު ޢިލްމިވެރިންކުރެ ޖުމްހޫރުން އިއްތިފާގުވެފައިވަނީ އެމީހެންގެ ޢާއިލާގެ މީހުންނާއި ލޮބުވެތި މީހުންނަށް، އިންޒާރު ގެ ދާއިރާ ފުޅާވެއްޖެނަމަ، މިކަމުގައިވެސް އޭނާއަށް ރުޚްސާ ލިބުމެވެ. އެއީ އޭނާގެ އަމިއްލަ ޒާތަށް ސީދާ އަނިޔާ ނުލިބުނެއް ކަމަކުއެވެ.
މީގެ ތަފްޞީލަކަށް "الإكراه وأثره في التصرفات" ޞ. 60-61 އަދި އައްސަރްޚަސީ ގެ المبصوت ޖ24 ޞ 143-144
އިބްނު ޤުދާމާ ވިދާޅުވިއެވެ: "އޭނާގެ ދަރިއަށް އަނިޔާދޭނޭކަމަށް އިންޒާރުދެވިއްޖެނަމަ، ބުނެވެއެވެ: އެއީ އިކުރާހެއް ނޫނެވެ. އެހެނީ އަނިޔާ ލިބެނީ އެހެން ފަރާތަކަށް ވުމުންނެވެ. އެހެނަސް އައުލާކަން ބޮޑީ އެ އިކުރާހަށް ވުމަށެވެ. އެހެނީ އެކަން އޭނާ އަށް އޭނާގެ މުދާ ނިގުޅައިގަތުމަށްވުރެވެސް ބޮޑުވެގެންވުމެވެ. އަދި މިކަމުގައި (އެބަހީ: މުދާ ނިގުޅައިގަތުމިގެ) އިންޒާރަކީ އިކުރާހު (ކަމުގައި ޢިލްމުވެރިން ކަނޑައެޅުއްވި) އެވެ. އެހެންކަމުން ހަމަ މިފަދައިން އެކަމުގައި ވެސް އެވެ. (އެބަހީ ދަރިޔަށް އަނިޔާ ކުރުން އެމީހާގެ މައްޗަށް އިކުރާހެއް ކަމުގައި ވުމަށް ފުދެއެވެ.)
المغني 10/353
ضرب ولده وحبسه ونحوهما: إكراه لوالده، على الصحيح من المذهب، صححه في الفروع، والقواعد الأصولية، وغيرهما
އަލް މިރްދާވީ ވިދާޅުވިއެވެ: "ދަރިއެއްގައިގަ ތަޅައި އަދި ހައްޔަރުކޮށް އަދި މިޒާތުގެ ކަންކަމީ ބައްޕަގެ މައްޗަށް އިކުރާހެވެ. އެއީ މަޛުހަބުގެ (ރައުޔުތަކުގެ ތެރެއިން) ޞައްހަވެގެންވާ ގޮތުގެ މަތިންނެވެ. އަދި (އިބްނު މުފްލިޙު) އަލްފުރޫޢު ގައި މިގޮތް ޞައްޙަކުރެއްވިއެވެ. އަދި އަލް ޤަވާޢިދު އަލް އުސޫލިޔާ އަދި މިނޫން ފޮތްތަކުގައެވެ."
އަލްމިރްދާވީގެ الإنصاف 8/441
އަދި މިގޮތުން ކާފަރެއް އަތުން މުސްލިމެއް، އޭނާގެ ދަރި އަތުލިމަށް ކޯޓަށް ދެވިދާނެތޯ އާއި މެދު ބަޔެއް ޢިލމްމިވެރިން ފަތުވާ ދެއްވަނީ މިބާބުގެ ތެރެއިންނެވެ. އޭގެތެރޭގައި އައްޝެއިޚް އަޙްމަދު މޫސާ ޖިބްރީލް ވެސް ހިމެނެއެވެ. (އަދި އިކުރާހުގެ ފިޤުހާއި ހަމަތަކަށް މުރައްކަބު ޖާހިލުންގެ ބައިގަނޑެއް ޝެއިޚް އަޙްމަދު ޖިބްރީލް އަށް ތަކުފީރުކުރުމުގައި އަވަސްވެގަތެވެ.)
އަދި ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން އިބްނު ޚަޒަމް رحمه الله އިކުރާހުގެ ތާއްރީފުގައި މިބީދާއިން ވިދާޅުވިއެވެ :
"...(އަދި އިކުރާހުގެ ތެރޭގައި ހިމެނެނީ) އޭނާ ނޫން އެހެން މުސްލިމެއް މެރުމަށް ނޫނީ ތެޅުމަށް ނޫނީ ޖަލަށްލުމަށް ނޫނީ މުދާ ނެތިކޮށްލުމަށް މިބީދާއިން (އޭނާއަށް) ދެވޭ އިންޒާރެކެވެ. (މިބުނެވުނު ޙުކުމް ބިނާވަނީ) ރަސޫލާ صلى الله عليه وسلم މިޙަދީޘް އަށެވެ: ( المسلم أخو المسلم لا يظلمه ولا يسلمه ) "މުސްލިމަކީ އަނެއް މުސްލިމުގެ އަޚެކެވެ. އަނެކާއަށް އަނިޔަލެއްވެސް ނުކުރާނެއެވެ. އަދި (ޢަދުއްވަކަށް) ހަވާލެއްވެސް ނުކުރާނެއެވެ." إهـ
المحلى (8/330)
އެހެންކަމުން މިރުޚްސާގެ ތެރެއަށް އިކުރާހުގައިވާ އެހެން މުސްލިމުން ސަލާމަތްކުރުންވެސް އެއްކުރެއްވިއެވެ.
📌 ނޯޓު:
މުދާ ނިގުޅައިގަނެވުން އިކުރާހުގެ ތެރެއަށް ވަންނަކަމަށް އިސްތިދްލާލުކުރައްވައި މަޛުހަބުތަކާއި ފިޤުހު ޢިލްމިވެރިން ގެންނަވަނީ އަލްޙައްޖާޖު ބުނި ޢިލާޠުގެ ޙަދީޘް އެވެ.
ޢަބްދުއް ރައްޒާޤް، މުޞައްނަފު 9771 ގައި ރިވާކުރެއްވިއެވެ:
އަނަސް ބިން މާލިކު ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ صلى الله عليه وسلم ޚައިބަރު ފަތަޙަ ކުރެއްވިހިނދު، އަލް-ޙައްޖާޖް އިބްނު ޢިލާޠު ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! މައްކާގައި ތިމަންކަލޭގެފާނުގެ މުދާ އެބަހުއްޓެވެ. އަދި ތިމަންކަލޭގެފާނުގެ އަހުލުންވެސް އެތާ އެބަތިއްބެވެ. އެގެނައުމަށް އެދެމެވެ. ތިމަންކަލޭގެފާނުގެ އެތަނަށް ވަނުމަށް ހުއްދަހެއްޔެވެ؟ ނޫނީ (އެކަން ކުރުމަށް) ބަހެއް ބުނުމަށެވެ. (އެބަހީ: މުސްލިމުންނާއި ދެކޮޅަށް ބަހެއްބުނުމަށެވެ.) އެހެންކަމުން އޭނާ ބޭނުން އެއްޗެއް ބުނުމަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ހުއްދަދެއްވިއެވެ..."
(ނުނިމޭ)
Comments (0)
Be the first to comment.