އެހެން މުސްލިމަކު ޤަތުލުކުރުން
This article is available in Dhivehi only.
📌 އެހެން މުސްލިމަކު ޤަތުލުކުރުން
ޢިލްމިވެރިން ވަނީ އިކުރާހުގެ ޙާލަތުގައި ވިޔަސް އެހެން މުސްލިމެއް ޤަތުލުކުރުން ޙުއްދަ ނުވުމުގެ މައްޗަށް އިޖްމާޢު ގެންނަވާފައެވެ. އިބްނު ރަޖަބް جامع العلوم والحكم 2/251 ގައި މި އިޖްމާޢު ޛިކުރުކުރެއްވިއެވެ.
އަދި އަލް ޤުރުޠުބީ ވިދާޅުވިއެވެ:
"އޭނާއަށް އެހެން މީހެއް ޤަތުލުކުރުމަށް އިކުރާހު ކުރެވިއްޖެނަމަ، އެމީހެއް މެރުމާއިގެން ކުރިޔަށް ދިޔުން ހުއްދަވެގެން ނުވާ ކަމުގެ މައްޗަށް ޢިލްމުވެރިން ވަނީ އިޖުމާޢުވެލައްވާފައެވެ. އަދި އަނެކާގެ ހުރުމަތް ކަނޑާލުމަށް ވެސް ހުއްދަވެގެންނެއް ނުވެއެވެ. އެއީ ހަންމުއްޓަކުން ޖެހުން ނޫނީ އެފަދަކަމެއްވިޔަސް އެވެ. އޭނާގެ މައްޗަށް އައިސްފައިވާ އިމްތިހާނަށް އޭނާ އަށް ވަނީ ކެތްތެރިވުމެވެ. އަދި އެހެން މީހެއް (ހައްޔަރު ކުރުވައިގެން) އަމިއްލަ ނަފުސު ފިދާ (ސަލާމަތް) ކުރުންވެސް ހުއްދަވެގެންނެއް ނުވެއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ޢާފިޔަތަށް (ދުޅަހެޔޮކަމަށް) ﷲ ހަޟްރަތުން އޭނާ އެދިދަންނަވަން ޖެހޭނެއެވެ."
الجامع لأحكام القرآن (تفسير القرطبي) 10/163
އިކުރާހުގެ ތެރޭގައި މުސްލިމެއް މަރައިފި ނަމަ ޙުކުމަކީ ކޮބައިހެއްޔެވެ؟
އިބްނު ރަޖަބް ވިދާޅުވިއެވެ: "މިޙާލަތުގައި އޭނާ މަރައިފިނަމަ، ޖުމްހޫރު ޢިލްމިވެރިން ކަނޑައަޅުއްވަނީ އެދެވެރިންވެސް ޤިޞާޞްގައި ޝާމިލުވާނޭކަމެވެ. (އެބަހީ) މަޖުބޫރު ކުރިމީހާ އާއި މަޖުބޫރު ވެވުނު މީހާއެވެ. މިހެނީ ޤަތުލުގައި މިދެމީހުންވެސް ބައިވެރި ވުމުގެ ސަބަބުންނެވެ. އަދި މިއީ މާލިކް، އަދި އައްޝާފިޢީ އަރިހުން މަޝްހޫރު، އަދި އަޙްމަދުގެ ވެސް ރައުޔެވެ. އަދި ބުނެވެ އެވެ: އެކަން (ޤަތުލުގެ ހައްދު) ވާޖިބީ މަޖުބޫރު ކުރިމީހާއަށް އެކަންޏެވެ. އެހެނީ މަޖުބޫރުވެވުނު މީހާ އަކީ އެކަމުގައި ބޭނުން ކުރެވުނު އާލާތެއް ފަދައެވެ. އަދި މިއީ އަބޫ ޙަނީފާ އަދި އައްޝާފިޢީގެ ދެ ރައުޔުން އެއް ރައުޔެވެ. އަދި ފުރަތަމަ (ރައުޔު) ޒުފަރުގެ އަރިހުންވެސް ރިވާވެގެންވެއެވެ. އަދި ވިދާޅުވެފައިވަނީ މަޖުބޫރުވެވުނު މީހާގެ މައްޗަށް (ހައްދު ޤާއިމުކުރުން) ވާޖިބުވަނީ، އޭނާ އެކަމުގައި ސީދާ ބައިވެރިވުމުންނެވެ. އަދި އޭނާއަކީ އާލާތެއް ފަދައެއް ނޫނެވެ. އެހެނީ އޭނާ އެކަމަށް އެއްބަސްވުމުގެ ސަބަބުން ފާފަވެރިވާތީއެވެ."
جامع العلوم والحكم 2/251
📌 ފައިދާއެއް:
މލިޔުމުގައި ހައްޔަރު ކަމަށް ބުނެވިފައިވަނީ "ޙަބަސަ" އެވެ. އަދި ޖަލަށް ލެވުމަކީ އޭގެ ވައްތަރެކެވެ. ޖަލުގެ ވާހަކަ ބަޔާންވެފައިވާ ތަންތަނުގައި "ޖަލު" ކަމަށް ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން ޖަލަކީ އިކުރާހުގެ ވައްތަރެއް ކަމާއި މެދު ޢިލްމިވެރިން ވަރަށް ޞަރީޙަކޮށް ބަޔާންކޮށްފައިވާތަން ފެންނާނެއެވެ.
(ނުނިމޭ)
Comments (0)
Be the first to comment.