ދުވަސް ކަނޑައަޅައި ކޮންމެ އަހަރެއްގައި ފާހަގަކުރާ ޣައިރު ޝަރުޢީ މުނާސަބާ ތަކަކީ ބިދުޢެއް ކަމުގައި ކަނޑައެޅޭ އުޞޫލު
This article is available in Dhivehi only.
⚠️ ދުވަސް ކަނޑައަޅައި ކޮންމެ އަހަރެއްގައި ފާހަގަކުރާ ޣައިރު ޝަރުޢީ މުނާސަބާ ތަކަކީ ބިދުޢެއް ކަމުގައި ކަނޑައެޅޭ އުޞޫލު
(މިލިޔުން ކޮޅަކީ "ގަލަންދާން" އިން ކުރިން ޝާއިޢު ކޮށްފައިވާ "މާހެފުމުގެ ޙުކުމް" އިން ނެގިފައިވާ ލިޔުމެކެވެ.)
—🔢—
[އަހަރީ ޙަފުލާތައް]
މިއީ ޣައިރު ޝަރުޢީ ޢީދު ތަކުގެ ބާވަތްތަކުން އެއްޗެކެވެ.
ޤަވާޢިދު: މާޒީވެ ދިޔަ މުނާސަބަތެއް ހަނދުމަ ކުރުމަށްޓަކައި ބާއްވާ ކޮންމެ ޙަފުލާއަކީ ނުވަތަ ކޮންމެ އެއްވުމަކީ ނުވަތަ ކޮންމެ ޢަމަލަކީ ބިދުޢަ އެކެވެ. އެއީ ދީނީ ކަމެއް ވިޔަސް ނޫނީ ދުނިޔެވީ ކަމެއް ވިޔަސް އެވެ. އަދި މިއިން އިސްތިޘްނާ ވުން ވަނީ (ޝަރުޢީ) ދަލީލަކުން އެއަކަށް ދަލީލެއް އޮވެއްޖެ އެއްޗެއް އެކަންޏެވެ.
ވީމާ ޝަރުޢީ ޢީދުތައް މެނުވީ މިއިން އިސްތިޘްނާ ނުވެއެވެ. އެއީ ފިޠުރު ޢީދާއި އަޟުޙާ ޢީދު އެކަންޏެވެ.
މިއީ ނަބިއްޔު ﷺ ގެ މިޙަދީޘުގެ މައްޗަށެވެ: «يوم الفطر، ويوم الأضحى، وأيام التشريق عيدنا أيها المسلمون» (((ފިޠުރު ޢީދު ދުވަހަާއި، އަޟްޙާ ޢީދު ދުވަހާއި (އެޔައި އެކުވެގެންވާ) އައްޔާމުއް ތަޝްރީޤު ތިން ދުވަހަކީ އަހަރެމެންގެ ޢީދެވެ. އޭ އެންމެހައި މުސްލިމުތަކުންނޭވެ!))
ދެންފަހެ (ބައެއް ރިވާޔަތުގައި) (يوم الفطر) ((ފިޠުރު ދުވަސް)) އޮތުމުގެ ބަދަލުގައި (يوم عرفة) ((ޢަރަފާތް ދުވަހޭ)) އޮތް އޮތުމީ: ޝާޛް ލަފުޡެކެވެ. (ޞައްޙަކަން ބޮޑު ސަނަދާއި ޚިލާފަށް އޮަތް ބަހެކެވެ. ވީމާ ޟަޢީފެވެ.) އަދި ޘާބިތު އެއްޗަކީ: (يوم الفطر) އެވެ.
ނަބިއްޔު ﷺ މަދީނާއަށް ވަޑައިގެންނެވި އިރު، އަންޞާރު ބޭކަލުން (އުފާފާޅުކުރައްވައި) ކުޅިވަރު ކުޅުއްވާ ދެދުވަހެއް ވިއެވެ. އެހެންކަމުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «لقد أبدلكما الله بخير منهما: يوم الفطر ويوم الأضحى» ((ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެ ދެދުވަހަށްވުރެ މާ ހެޔޮކަންބޮޑު ދެ ދުވަހަކަށް މާތް ﷲ ވަނީ ބަދަލުކޮށްދެއްވާފައެވެ. އެއީ ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ.))
(އަނަސްގެފާނުގެ މިޙަދީޘުގައި) ވިދާޅުވީ: ”އޭގައި ކުޅިވަރު ކުޅުއްވާ ދެދުވަހެއް“ ކަމުގައެވެ. އަދި ”އަޅުވެތިވެ ކުއްތަންވެ” ވަޑައިގަންނަވައެކޭ އެއް ނޫނެވެ.
⚠️ދެންފަހެ ނުގޮތުން އާދަޔެއް ނޫން ގޮތުގައި ކުރިމަތިވާ މުނާސަބަތުތަކާއި މެދު ދަންނައެ، މީގައި މައްސަލައެއް ނުވެއެވެ. މިގޮތުން ކައިވެންޏެއް ކޮށްފި މީހާ، ކާރެއް ގަނެފި މީހާ، ކޮލެޖުން ނޫނީ ޔުނިވަރސިޓީ އިން ދަސްވެނިމޭ މީހާ، ނޫނީ ދަރިޔެއް ލިބިއްޖެ މީހާ ނޫނީ ބައްޔަކުން ފަސޭހަވެއްޖެ މީހާ ނޫނީ މިޒާތުގެ ކަމަކާއި ވިދިގެން ދެން މުނާސަބަތެއް ބާއްވައިފިނަމަ، އެކަން ހުއްދައެވެ. އެހެނަސް އެމުނާސަބަތު ހަނދުމަކޮށް ތަކުރާރު ކުރާނަމަ، ކައިވެނީގެ އަހަރީ ދުވަސް ނޫނީ ކާރެއް ގަތުމުގެ ނޫނީ ދަސްވެނިމުނުގެ ނޫނީ އުފަންދުވަސް ފަދަ ދުވަސްތައް (އަހަރު ހަމަކޮށް) އެމުނާސަބަތު ތަކުރާރު ކުރާނަމަ، މިތަކުރާރު ކުރުމަކީ ބިދުޢައެވެ.
⏺އެހެނީ "ޢީދު" އަކީ: ޢާދައެއް ގޮތުގައި އެއްވުމެއް އަންނަ އައުމަށް ދެވޭ ނަމެކެވެ.
އިބްނު ފާރިސް ވިދާޅުވިއެވެ: العيد (ޢީދު) : އެއްވެ އުޅޭ ކޮންމެ ދުވަހެކެވެ. އަލްޚަލީލު ވިދާޅުވެފައިވަނީ ލަފުޡު ފޯދިފައިވަނީ عاد، يعود (އެނބުރި އައުން) މި ލަފުޡުން ކަމުގައެވެ. މީސްތަކުން އަލުން އެއަށް އެނބުރި އައީއޭ ބުނެވޭ ކަހަލަގޮތުގައެވެ. އަދި މިހެން ބުނެވިދާނެއެވެ: އެކަން ކޮންމެ އަހަރަކު އެނބުރި އަންނާތީއޭ އެވެ.
اقتضاء الصراط المستقيم ގެ (٥/٢) ގައި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: العيد: މިއީ ވަކި ބާވަތަކަށް އޮތް ނަމެކެވެ. އޭގެ ތެރެއަށް ވަންނަނީ މީސްތަކުން އެއްވެ އުޅޭ ކޮންމެ ދުވަހެއް ނޫނީ ތަނެކެވެ. އަދި އެތަންތަނުގައި ނޫނީ ދުވަސްތަކުގައި އެވެރިން (އެއަށް ޚާއްޞަކޮށްގެން) ހަދާފައިވާ ކޮންމެ ޢަމަލެކެވެ. އެހެންކަމުން ނަހީ އޮތީކީ ހަމައެކަނި އެވެރިންގެ ޢީދުތަކަކަށް އެކަންޏެއް ނޫނެވެ. އެހެނަސް އެއަކަށް އިސްލާމް ދީނުގައި އެއްވެސް އަޞްލެއް ނުވާ، އެވެރިން މަތިވެރިކުރާ އެންމެހާ ވަޤުތުތަކާއި ކޮންމެ ތަނެއް ވެސް މެއެވެ.
📑މީގެ މައްޗަށް ބަލައި، މުޝްރިކުން މާތް ކުރާ ކޮންމެ ޒާމާނެއް (އެބަހީ: ވަޤުތާއި ދުވަހާއި ދަނޑިވަޅެއް) އަދި އެވެރިން މާތް ކުރާ ކޮންމެ މަކާނެއް (އެބަހީ: ތަނެއް) ވަނީ، އަހަރެމެންގެ މައްޗަށް އެޔެއް މަތިވެރިކުރުން ޙަރާމް ވެގެންނެވެ. އެއީ ޢާޝޫރާ ދުވަސް ފަދަ، އެ އެއްޗެއް މައްޗަށް ދަލީލު އޮވެއްޖެ އެއްޗެއް މެނުވީއެވެ. އަދި އެވެސް ހުއްދަ ވަނީ ޝަރުޢުން ހުއްދަ ކުރާ މިންވަރަކަށް އެކަންޏެވެ. މިޘާލަކަށް (ޢާޝޫރާގައި ނަމަ) އޭގެ ރޯދައެވެ.
=
Comments (0)
Be the first to comment.