ސަމާލުވޭ: ދަނެހުރެ ހަވާނަފުސަށްޓަކައި، ޢިލްމުވެރިންގެ ނަާދިރު ބަސްތަކީ އެމީހެއްގެ ދީން ކަމުގައި ހަދައިފިމީހާ، ޒިންދީޤަކަށް ވެއްޖެއެވެ
This article is available in Dhivehi only.
🔴ސަމާލުވޭ: ދަނެހުރެ ހަވާނަފުސަށްޓަކައި، ޢިލްމުވެރިންގެ ނަާދިރު ބަސްތަކީ އެމީހެއްގެ ދީން ކަމުގައި ހަދައިފިމީހާ، ޒިންދީޤަކަށް ވެއްޖެއެވެ.
އަލްޣަޒާލީ ވިދާޅުވިއެވެ: ރުޚްޞަ، "މިބަހުން މުރާދަކުރަނީ، އެއްޗެއްގެ މަނާކަން ދެމިއޮވެމެ، ޢުޛުރެއް ނޫނީ ނުކުޅެދުމެއްގެ ސަބަބުން މުކައްލަފަކަށް އެކަން ކުރުން ހުއްދަވާ ކަންކަމެވެ."
ދީނުގައި "ރުޚްޞަ" ދެ ޞިފަޔެއްގައި ވެއެވެ.
އެކައްޗަކީ: ޤުރުއާނާއި ސުންނަތުން ޘާބިތު ޝަރުޢީ ރުޚްޞަ ތަކެވެ. އެއީ ދަތުރު ވެރިޔާ ޤަޞްރު ޖަމްޢު ކުރުން އަދި މަޖުބޫރުވެއްޖެ މީހާ މުޅަ މަސް ކެއުން ފަދަ ކަންކަމެވެ. މި ބާވަތުގެ ރުޚްޞަ ގައި، އެކަމެއްގެ ސަބަބު ވުޖޫދަށް އައިސްފިނަމަ، އޭގައި ހިފުން (ޖުމްލަގޮތެއްގައި) އެދެވިގެން ވެއެވެ. އަދި ބައެއް ފަހަރު ވާޖިބުވެސްމެއެވެ.
ދެވަނައީ: ފިޤުހީ މަޛުހަބު ތަކުގެ ރުޚްޞަ އެވެ. މިއީ ޚިލާފު އޮތް މައްސަލައެއްގައި ހުއްދަ ކަމަށް ވަކި ޢިލްމު ވެރިޔެއް ދޭ ފަތުވާއެވެ. އެއީ އޭނާ ނޫން މީހުން އެކަން މަނައުކޮށް ހުއްދު ނުކުރާ ކަމެއްގައެވެ.
މިފަދަ ރުޚްޞަ ތަކުގައި ޝަރުޢީ ގޮތުން ރާޖިޙު ގޮތަށް ބެލުމެއް ނެތި، ވަކިން ޚާއްޞަކޮށް ފަސޭހަ ގޮތުގައި ހިފައި، މިއީ ޢިލްމީހޮތުން ބުރަދަން އޮތް ގޮތް ކަމަށް ހީކުރާ އާންމު މީހެއް ނޫން މީހާ، އަދިކިއެއް؟ ޝަހުވަތާއި ހަވާނަފުސުގެ އެދުމުގެ މަތީން އެކަމުގައި ހިފާ މީހާ، ފަހެ އޭނާ އެކުރަނީ ހުއްދަނޫން މުންކަރާތެކެވެ. އަދި އިބްނު ޢަބްދުލް ބައްރު އާއި އިބްނު ޙަޒަމް މިކަމުގައި އިޖުމާޢު ވާކަމަށް ވިދާޅުވިއެވެ.
މިފަދައިން ޢަމަލު ކުރާ މީހާ އެކަމުގައި ޖަމާކޮށްފައި އެވަނީ ހުސް ނުބައިތަކެވެ. އެހެނީ އޭނާ ޢިލްމިމުވެރިންގެ (ތަފާތު) ދެކިލެއްވުން ތަކުގެ މެދުގައި ޙީލަތް ހަދައެވެ. (އަދި ހަވާ ނަފްސު ޚިޔާރުކުރެއެވެ.) އެހެންކަމުން އޭނާ އެ ރުޚްޞަ އެއް ގައި ހިފުމުގެ މަޤުޞަދަކީ ޝަހުވަތް ކަމުގައި ވެއެވެ. އަދި މިފަދަ ހުރިހާ ޙާލަތެއްގައިވެސް އެކަން މަނާ ވެގެން ވެއެވެ.(1)
އަލްމިރްދާވީ، އިމާމް އަޙްމަދު އަރިހުން ގެންނެވިއެވެ:
من تتبع الرخص فأخذ بها: فسق
”ރުޚްޞަ ތަކަށް ތަބަޢަވެ އޭގައި ހިފަހައްޓާ މީހާ: ފާސިޤުވެއްޖެއެވެ.“ (2)
عن بعض السلف : "من تتبع الرخص فقد تزندق"
ބައެއް ސަލަފުން ވިދާޅުވެތެވެ: ”ރުޚްޞަ ތަކަށް ތަބައުވާ މީހާ ފަހެ ޒިންދީޤަކަށް ވެއްޖެއެވެ.“ (3)
އެބަހީ، ދީނުން ބޭރުވެއްޖެއެވެ. ޒިންދީޤަކީ އިސްލާމް ކަމުގެ ފޭރާންލައިގެން ހުރެ ކާފަރު ޢަޤީދާ ފާޅުކުރާ މީހާއެވެ.
الأوزاعي : " من أخذ بنوادر العلماء خرج من الإسلام "
އަލްއައުޒާޢީ ވިދާޅުވިއެވެ: ”ޢިލްމުވެރިންގެ ނާދިރު ބަސްތަކުގައި ހިފަހައްޓާ މީހާ، އިސްލާމް ދީނުން ބޭރުވެއްޖެއެވެ.“(4)
وقال الإمام أحمد: لو أن رجلا عمل بقول أهل الكوفة في النبيذ، وأهل المدينة في السماع (يعني الغناء) وأهل مكة في المتعة كان فاسقًا.
އިމާމް އަޙްމަދު ވިދާޅުވިއެވެ: ”މީހަކު ނަބީޛު (މޭބިސްކަދުރާއި ކަދުރު ނޫން ތަކެތިން ހެދިފައިވާ ރާ ޒާތުގެ ބުއިން) ގެ މައްސަލައިގައި ކޫފާގެ އަހުލުންގެ ބަހަށް ޢަމަލުކޮށް، އަޑުތަކަށް (އެބަހީ ލަވަޔަށް) މަދީނާގެ އަހުލުންގެ ބަހަށް ޢަމަލުކޮށް، އަދި މުތަޢާ ގެ މައްސަލާގައި މައްކާގެ އަހުލުންގެ ބަހަށްޢަމަލު ކޮށްފިނަމަ އޭނާ އަކީ ފާސިޤެކެވެ.“(5)
قال الذهبى :- "من تتبع رخص العلماء وزلات المجتهدين فقد رق دينه".
އައްޛަހަބީ ވިދާޅުވިއެވެ: ޢިލްމުވެރިން ގެ ރުޚްޞަ ތަކާއި މުޖުތަޙިދުންގެ ކުށް ތަކަށް ތަބަޢަވުމުވައި ހުރެއްޖެ މީހާ، އޭނާގެ ދީން އަޅުވެތިކޮށްފިއެވެ. (6)
~ ގަލަންދާނު
____
[1] (މިހިސާބަށް: އިސްލާމްވެބް ފަތުވާ 140418 އިން ނެގިފައި)
[2] الإنصاف (12/ 50)
[3] އަލްމިރްދާވީ ގެ "އައްތަޙްބީރް" 8/4090، އަލްބަޙްރުލް މުޙިޠް" 8/383
[4] އަލްބައިހަޤީ "އަލްކުބްރާ" 10/211
[5] وعون المعبود 13 / 187 ، وشرح قصيدة ابن القيم 2 / 524
[6] أعلام النبلاء (7/176)
މަސްދަރުތައް:
1. އަލްއަލޫކާ ފޯރަމް https://majles.alukah.net/t18979/
2. ޢަބްދުލް ކަރީމް އަލްޚުޟައިރް ގެ ”ސިލްސިކަތުލް މުޚާޟަރާތު“ ޞ. 230
3. އިސްލާމްވެބް ފަތުވާ 140418
Comments (0)
Be the first to comment.