2) ޒައިދިއްޔާ (الزَّيْدِيَّة)
This article is available in Dhivehi only.
(2) ޒައިދިއްޔާ (الزَّيْدِيَّة)
ތަޢްރީފު:
ޝީޢީން ގެ މި ފިރުޤާގެ ނަން ނިސްބަތްވަނީ ޒައިދު ބުނު ޢަލީ ބުނުލް ޙުސައިން އަށެވެ. (ޢަލީގެފާނުގެ މުނިކާފަ ދަރިކަލުން، އެނޫން ނަމަކުން ނަމަ: ޒައިދު ބުނު ޒައިނުލާ ޢާބިދީން އެވެ.) އަދި އެހެން ޝީޢީންގެ ފިރުޤާ ތަކާ ޚިލާފަށް، ޒައިދީން ގެ އަޞްލު ފިރުޤާ، އަބޫ ބަކުރާއި، ޢުމަރާއި ޢުޘްމާން ގެ ވެރިކަން ޞައްޙަ ކަމަށް ދެކެއެވެ. (މިއީ ޚުދު ޒައިދު ދެކިލެއްވިގޮތެވެ.) އަދި އެއްވެސް ޞަޙާބީއެއް ކާފަރުވި ކަމަށް ނުދެކެއެވެ. (އެހެނަސް ޒައިދީން ފަހުން ބައިބައިވެ، އޭގެން ބަޔެއް ގޮފިތަށް މިކަމުގައި މަގުފުރެދުނެވެ.) އަދި އަނިޔާވެރި ވެރިންނާއި ދެކޮޅަށް ނިކުމެވޭނޭ ކަމާއި، ވެރިކަން ލިބެން ޖެހޭނީ ފާޠިމާގެފާނުންގެ ދަރިފަސްކޮޅަށް ކަމަށް މިބައިމީހުން ދެކެއެވެ. އަދި އިސްލާމީ އުއްމަތަށް ދެޤައުމެއްގައި ދެ އިމާމެއް އައްޔަން ކުރެވިދާނޭ ކަމަށާއި، އެއިން ކޮންމެ މީހަކަށް ކިޔަމަންތެރިވާން ޖެހޭނޭކަމަށް ދެކެއެވެ. މިވެރިން ޢަޤީދާ ގައި މުއުތަޒިލީންނާއި އެއްގޮތެވެ. އަދި ބޮޑު ފާފަ ކުރާ މީހުން ނަރަކައިގައި ދެމިތިބޭނެކަމަށް ދެކެއެއެވެ.
ޒައިދީންގެ ޢަޤީދާގެ ތެރޭގައި:
ހ. ވެރިކަމުގައި އެއަށް ވުރެ އައުލާކަން ބޮޑު މީހެއް ހުއްޓަސް ފަޟުލުވެރި ވެރި ބޭފުޅެއް އިމާމަކަށް ޢައްޔަންވެވިދާނެކަމަށް ދެކެއެވެ. (މިގޮތުން ފުރަތަމަ ތިން ޚަލީފާއިންގެ ވެރިކަމުގެ ޞައްޙަކަން ޤަބޫލުކުރިއެވެ.) އަދި އިމާމުން ނަކީ މައުސޫމު ބަޔެއް ކަމުގައި ނޫނީ ރަސޫލު ﷺ ގެ ވަޞީލަތެއް ކަމުގައިވެސް ނުދެކެއެވެ. އަދި ރަޖްޢާ (الرجعة) ގެ ވާހަކަ އެއްވެސް ނުދައްކައެވެ. (އެއީ: މަރުވުމަށް ފަހު ދުނިޔެއަށް އަލުން އެހެން ހަށިގަނޑެއްގައި ފޮނުއްވޭނޭ ކަމުގެ މަގުފުރެދިފައިވާ ވާހަކައެވެ.) އަދި ޣައިބުގައިވާ އިމާމުވަންތަ ކަމުގެ ވާހަކައެއްވެސް ނުދައްކައެވެ. (އެއީ، ދުނިޔެއަށް އައިސް ޣައިބުވި އިމާމު ގެއްލިފައި ހުރެފައި ފަހުން އަންނާނޭ ކަމަށް ބުނާ ފިކުރެވެ.)
ށ. އެވެރިން ދެކެނީ ބޮޑުފާފަ ކުރާ މުއުމިނުން ނަރަކާގައި ދާއިމަށް ދެމިތިބޭނެކަމަށެވެ.
ނ. ފާސިޤުން ފަހަތުގައި ނަމާދު ނުކުރެވޭނޭ ކަމަށެވެ.
ރ. ﷲ ގެ ޒާތުފުޅާއި ކަން ކުރެއްވުނުގެ އިޚްތިޔާރާއި މެދު، އެވެރިން ބުރަވަނީ މުއުތަޒިލީންގެ ފިކުރަށެވެ.
ބ. އަލްމުތަޢާ (ވަގުތީ ކައިވެނި) ކަންތަކުގައި ޝީޢީން ނާއި ޚިލާފުވެ އެކަމަށް އިންކާރުކުރެއެވެ.
ޅ. ޚުމުސް ގެ ކަންތަކުގައި ޝީޢީން ނާއި އެއްބަހެވެ. (އެބަހީ، ޣަނީމާ މުދަލުން ނެގުމަށް އަމުރު ވެފައިވާ "ފަސްބައިކުލަ އެއްބައި" (އަދި މިހިއްސާ ގައި ﷲ ގެ ރަސޫލު އާއިލާވެސް ހިމެނޭ) ، މި ޙުކުމްް ކޮންމެ އަހަރަކުން ނެރެވޭ މުދަލު ޒަކާތުން ތެރެއަށް މިބައިމީހުން ލައެވެ.). އަދި ތަޤިއްޔާ ގެ ކަންތަކުގައި ވެސް ޝީޢީން ނާއި އެއްބަހެވެ. (މަސްލަހަތަށްޓަކައި އަސްލު ޢަޤީދާ ފޮރުވުން، މިއީ ވަރަށް ގިނަ ސުންނީން ކުރިމަތީ ޝީޢީން ބޭނުން ކުރާ އުކުޅެކެވެ.)
ޒައިދިއްޔާ ގެ ގޮފިތައް:
ޒައިދިއްޔާ ފަހުން މައިގަނޑު 3 ގޮތްޕަކަށް ބެހުނެވެ.
ހ. ޖާރޫދިއްޔާ
މިއީ (ހިޖުރައިން 150 ގައި މަރުވި) އަބުލް ޖާރޫދު ޒިޔާދު ބުނުލް މުންޛިރިލް ޢަބްދީ އަށް ތަބައުވި މީހުންނެވެ.
މިވެރިން ދެކެނީ ޢަލީ އަށް (ފުރަތަމަ ޚަލީފާގެ ގޮތުގައި) ބައިޢަތު ނުދިނުމުގެ ސަބަބުން އަޞްޙާބު ބޭކަލުން ކާފަރުވެފައިވާ ކަމަށެވެ. އަދިވެސް ދެކެނީ ނަންނުގަންނަވައި ސިފަ ކުރައްވައިގެން ނަބިއްޔު ﷺ ޢަލީ އަކީ އެކަލޭގެފާނުންގެ ޚަލީފާ ކަމުގައި ކަނޑައެޅުއްވި ކަމަށެވެ.
ށ. ސުލައިމާނިއްޔާ
މިއީ ސުލައިމާނު ބުނު ޖަރީރުއް ޒައިދީ އަށް ތަބައުވި މީހުންނެވެ. މިވެންނަށް ”ޖަރީޖިއްޔާ“ އޭވެސް ކިޔެއެވެ. މިބައިމީހުން ޢުޘްމާންގެފާނަށް ތުހުނަތުތައް ކޮށް، ކާފަރުކުރެއެވެ. އަދި ޢަލީ އާއި ދެކޮޅަށް ހަނގުރާމާގައި ތެދުވިކަމަށް ޢާއިޝާ އާއި ޠަލްޙާ އާއި އައްޒުބައިރު ވެސް ކާފަރު ކުރެއެވެ. އެހެނަސް އަބޫ ބަކުރު އާއި ޢުމަރުގެ ޚަލީފާކަން ޤަބޫލުކުރެއެވެ.
އަދި ”އަލްބަދާއު“ ގެ ކަންތަކުގައި ރާފިޡީ ޝީޢީންނާއި ދެކޮޅެވެ. އަދި ތަޤިއްޔާ ކަންތަކުގަވެސް އެވެ. (މި ލަފުޡު ތަކުގެ ތަޢުރީފު ކުރިން ބަޔާންވެފާ ވާނެއެވެ.)
ނ. ބަތުރިއްޔާ
މިއީ ލަޤަބަކާށް ”އަލްއަބްތަރު" ކިޔޭ މީހެއް ކަމަށްވާ، ކަޘީރުއް ނަވާއު އަށް ތަބައުވީ ބައިގަނޑެވެ. (މަރުވީ ހިޖުރައިން 169 ގައި). އިމާމުންގެ ޖަންތަކުގައި މިބައިމީހުން ދެކެނީ ހަމަ އިހު ބަޔާންވި ސުލައިމާނިއްޔާ ދެކޭގޮތަށެވެ. ތަފާތަކީ ޢުޘްމާން އަށް ތަކްފީރުކުރުމުން މިބައިމީހުން މަނާވެއެވެ. އެއީ އެކަލޭގެފާނުގެ ފަޟުލު ވަންތަކަމާއި މެދު އައިފައިވާ ނައްޞުތަކާއި އެކަލޭގެފާނަށް ނިސްބަތްވާ ޙަދީޘްތަކުގެ މައްޗަށް ބަލައެވެ.
މިޒަމާނުގައި ފެންނާން ހުރި ޒައިދީން:
ޔަމަނުގެ ޙޫޘީ ޤަބީލާ އަދި އެއާއި އިންވެގެން އޮތް ސަޢުދީ ސަރަހައްދަކީ ފަހުގެ ތާރީޚުގައި ފެންނާންއޮތް ޒައިދީންގެ ބޮޑު ޖަމާއަތް ވާ ސަރަހައްދެވެ. އެހެނަސް ޙޫޘީން ތެރޭ އިރާނުގެ ނުފޫޒާއިއެކު މިހާރުވަނީ ރާފިޟީ ޝީޢީކަން ފެތުރިފައެވެ.
Comments (0)
Be the first to comment.