3 ހ.) އިސްމާޢީލިއްޔާ (الْإِسْمَاعِيلِيَّة)
This article is available in Dhivehi only.
(3 ހ.) އިސްމާޢީލިއްޔާ (الْإِسْمَاعِيلِيَّة)
މިއީ އިމާމިއްޔާ އަށް ނިސްބަތް ވެގެން ތިބޭ ބާތިނީ ފިރުޤާއެކެވެ. (ބާޠިނީން، މިއީ އެބަޔެއްގެ ދީނަކީ ސިއްރު، އަދި ވަކި ބަޔަކަށް ނޫނީ އޭގެ ޢަޤީދާ ފަހުމު ނުވާނޭ ރޫހާނީ ޢިލްމެއް ގެ މައްޗަށް އެކަނި ޙާސިލު ކުރެވޭ އެއްޗެއް ކަމަށް ދެކޭ، އަދި ޢާންމުންނަށް އެ ސިއްރު ޢަޤީދާ ހާމަ ނުކުރާ ބޭރުފުށުން އެހެންދީނެއް (އިސްލާމްކަން) ދައްކައިގެން ތިބޭ މުޝްރިކުންގެ ދީނެކެވެ.)
އިސްމާޢިލީން އެވެރިންގެ ނަން ނިސްބަތް ކުރަނީ ޖަޢުފަރުއް ޞާދިޤުގެ ދަރިކަލުން އިސްމާޢީލަށެެވެ. މިވެރިންގެ ހައްދުފަހަނަ އެޅުން އިންތިހާއެވެ. އަދި އެވެރިންގެ ބަޔެއް ޢަޤީދާ ހުންނަނީ ވަންހަނާ ކޮށްފައެވެ. ބޭރުފުށުން ދައްކަނީ ނަބިއްޔާ ﷺ ޢާއިލާ މަތިވެރި ކުރާކަމެވެ. އަދި ޙަޤީޤަތަކީ މިދީނު ގެ ބިންގާތަށް ފުނޑުކޮށްލުމަށް އެކުލެވިފައިވާ ފިކުރެއް ކަމެވެ.
އިސްމާޢީލިއްޔާގެ މަޝްހޫރު މަގުފުރެދިފައިވާ ޢަޤީދާ ތަކުގެ ތެރޭ:
މަޚުލޫގުންގެ ސިފަ ﷲ އާއި އެއްގޮތް ކުރުމާއި، އަދި އެއިލާހަށް ބައްޓަންވެފައިވާ ޖިސުމެއް (التجسيم) ވާކަމަށް ދައުވާ ކުރުމާއި، އެއިލާހުގެ ބަޔެއް ސިފަފުޅު ތަކަށް އިންކާރު (التعطيل) ކުރުމާއި (الحلول) ޙުލޫލް ވާކަމަށް (އެބަހީ: ﷲ އިންސާނެއްގެ ޖިސުމަށް ދުނިޔެއަށްފާޅުވެ ވޮޑިގަންނަވާ ކަމުގައި) ބުނުމާއި، ކާއިނާތު އަބަދަށްދެމިއޮންނާނޭ ކަމަށް (قِـدَم العالَم) ބުނުމާއި، ރޫޙުތައް އެހެން ހަށިގަނޑަކަށް އެޅުއްވުން (تناسخ الأرواح) (ރިއިންކާނޭޝަން) ގެ ފިކުރާއި، އެވެރިންގެ އިމާމުންނަކީ ﷲ އަށް ގާތްވެވެން އޮތް ވާޞީލަތެއް ކަމަށް ދެކުމާއި، (الرجعة) އައްރަޖްޢާ (ޣައިބުވި އިމާމު އާއި އެހެން އިމާމުން ޒަމާން ތަކަކަށް ފަހު އެނބުރި އައިސް އެވެރިންނާއި ދެކޮޅުވި ޚަލީފާއިންނާއި ސުންނީންނަށް އަދަބުދޭނޭ ކަމުގެ ފިކުރު، މީގެ ތަފްޞީލު ދެން އަންނަބައިގައި) ، ޤުރުއާނަކީ ﷲ ގެ ވަޙީކަމަށް އިންކާރުކުރުން ހިމެނެއެވެ.
އިސްމާޢީލިއްޔާ ތަފާތު ގޮފިތަކަށް ދެކަފިވެ މިޔަދާއި ހަމައަށްވެސް މީގެ ބަޔެއް ގޮފިތައް ދެމިއެބައޮތެވެ. މިބައިމީހުންގެ ހައްދުފަހަނަ އެޅުމުގެ މިންވަރަކީ، އިސްނާ ޢަޝަރަ (ބާރަވަންތަ ޝީޢީން) ވެސް އިސްމާޢިލީން ނަކީ ކާފަރުން ގޮތުގައި ކަނޑައެޅިކަމެވެ. (ބާރަވަންތަ ޝީޢީން —މިބައިމީހުންގެ ތަފްސީލު ދެން އަންނަ ބައިގައި ގެނެވޭނެއެވެ.)
މިޒަމާނުގައި ފެންނާން ހުރި އިސްމާޢީލީންގެ މައިގަނޑު ގޮފިތަކުގެ ތެރޭ:
—ބޯރާ އިން (މުސްތަޢުލިއްޔާ ފިރުޤާ)
ރާއްޖެއަށް އައި ބޯރާ ވިޔަފާރިވެރިން ނަކީ މިމީހުންނެވެ. މިބައިމީހުންގެ ބޮޑުބައި އޮންނަނީ އިންޑިއާ ގައެވެ.
—އަޤާ ޚާނުން (ނިޒާރިއްޔާ ފިރުޤާ) އިންޑިއާ އާއި ޕާކިސްތާން އަދި އަފްޣާނިސްތާނުގައި މިބައިމީހުން އުޅެއެވެ. މިބައިމީހުން އަޅުކަން ކުރާ އިމާމު ދިރިއުޅެނީ ޕޯޗުކީޒުގައި ވިޔަފާރިވެރި މިލިއަނަރެއްގެ ގޮތުގައެވެ.
—ދުރޫޒުން: މިބައިމީހުންނަކީ އިޒްރޭލުން ހިމާޔަތް ދީފައިވާ ބައެކެވެ. އަދި ވަޒަންވެރިވެފައިވަނީ ސީރިއާ އާއި ލުބުނާނާއި އިޒްރޭލުގައެވެ.
Comments (0)
Be the first to comment.