4) އައްނުޞައިރިއްޔާ (النُّصَيْرِيَّة)
This article is available in Dhivehi only.
(4) އައްނުޞައިރިއްޔާ (النُّصَيْرِيَّة)
ބާރަ އިމާމުންގެ ކުފުރާއި ޝިރުކުގެ ފިކުރު އިތުރަށް މަގުފުރެދި އެއިން އުފެދުނު އެއް ގޮތްޕެއް ކަމަށް މިވަނީ ”ނުސައިރީން“ ނޭ ކިޔޭ ބައިގަނޑެކެވެ. އަދި މިއީ ވެސް (އިސްމާޢިލީން ފަދައިން) ބާތިނީ ފިކުރުގެ ބައިގަނޑެކެވެ.
މިބައިމީހުން ނިޞްބަތްވަނީ އަބޫ ޝުޢައިބް މުޙައްމަދު ބުނު ނުޞައިރުއް ނުމައިރު އަށެވެ. އެއީ ހިޖުރައިން 270 ގައި މަރުވި މީހެކެވެ.
އެހެނަސް ދީނުގެ އަޞްލަކީ، މައިމޫނުލް ޤައްދާޙުލް ދައިޞާނީ އެވެ. މިކަލޭގެ އަކީ ފާރިސީ ކަރައިގެ ޔަހޫދީއެކެވެ. އަދި މަޤުޞަދަކީ އިސްލާމް ކަން ހަލާކުކޮށް ފާރިސީންގެ ރަން ޒަމާން ޢިޔާދަކުރުމެވެ. މިވެރިން ދައުވާ ކުރަނީ މިއީ ޢަލީގެފަނުގެ ބައިގަނޑުން ”ޢަލަވީ“ ބަޔެއްކަމެވެ. އަދި މިނަމުން ނަންދެވިގެން އުޅެނީ ޝަރަފުވެރިވެ އެވެރިންގެ ޙަޤީޤީ ކަޅު ތާރީޚު އޮޅުވައިލުމަށެވެ.
މިބައިމީހުން ޢަލީގެފާނަކީ އިލާހު ކަމުގައި ދެކެއެވެ. އިބްނު ކަޘީރު ހިޖުރައިން 717 ޖަބަލާ އަށް ނުޞައިރީން ދިން ޙަމަލާގެ ވާހަކަ ބަޔާން ކުރައްވަމުން ވިދާޅުވިއެވެ:
”އަދި ޖަބަލާ ޝަހަރަށް އެވެރިން އަރައިގަތެވެ. އަދި އެތަނުގެ މީސްތަކުން ޤަތުލުކުރިއެވެ. އަދި އެތަނުން ނިކުންނަމުން ގޮވަމުން ދިޔައެވެ: لا إله إلا علي (ޢަލީ ފިޔަވައި އިލާހެއް ނުވެއެވެ) އަދި މުޙައްމަދު މެނުވީ ފަރުދާއެއް ނުވެއެވެ. އަދި ސަލްމާން (އަލްފާރިސި) މެނުވީ ދޮރެއް ނުވެއެވެ.“ އަދި ދެޝައިޚުންނަށް (އެބަހީ: އަބޫ ބަކުރު އާއި ޢުމަރަށް) ހުތުރު އެއްޗެހިގޮވިއެވެ....“
އަދިވެސް ވިދާޅުވިއެވެ: ”...އަދި އެވެރިންގެ އަތްދަށުވާ މުސްލިމު އަސީރުންނަށް ބުނެތެވެ: لا إله إلا علي އޭ ބުނާށެވެ! އަދި ތިބާގެ އިލާހު، އަލްމަހްދީ އަށް ސަޖިދަ ކުރާށެވެ. (އެއީ އޭރުގެ އެވެރިންގެ ވެެރިޔާއެވެ.) ތިބާގެ ލޭ ރައްކާތެރިކޮށް ދެއްވާތޯއެވެ. އެއީ ތިބާ އަށް ދިރުންދެއްވައި މަރުގަންނަވާ ފަރާތެވެ...“
((البداية والنهاية)) (14/83،84)
ސީރިއާގެ ފަހުގެ ހަނގުރާމާގައި، ނުސައިރީން ރަހީނުކުޅަ މުސްލިމެއް ދިރިހުއްޓައި ވަޅުލާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވެފައިވެއެވެ. އޭގައި ނުސައިރީން ބުނެއެވެ: ”ބުނާށެވެ: لا إله إلا بشار الأسد (ބައްޝާރުލް އަސަދު މެނުވީ އިލާހެއް ނުވެއެވެ.)“ އެ މުސްލިމު މީހާގެ އިންކާރާއިއެކު ދިރިހުއްޓައި ފަސްއަޅައި ވަޅުލައެވެ. إنا لله وإنا إليه راجعون.
އިޘްނާ ޢަޝަރަ ޢަޤީދާ ގެ މަގުފުރެދުމުގެ މައްޗަށް މިބައިމީހުން:
ޢަލީގެފާނަށް އިލާހުކަން ނިސްބަތް ކުރެއެވެ. އަލުން ދިރުއްވޭނޭ ކަމާއި އާޚިރަތް ދުވަހަށް އިންކާރުކުރެއެވެ. އަދި ޙައްޖާއި އުމްރާ އާއި ނަމާދާއި ރޯދަ ފަދަ އަޅުކަންތަކަށް އެބައިމީހުންގެ އަމިއްލަ މާނަތައް ދެއެވެ. އަދި ޝަރީޢަތަށް އިންކާރުކުރެއެވެ. ޙަލާލާއި ޙަރާމްގެ އަސާސެއް ނުވެއެވެ. އަދި ރާ ހުއްދަކުރެއެވެ. އަދި ކިއެއް، ރަލަކީ އިލާހީ އެއްޗެއް ކަމަށް ދެކި، އެވެރިންގެ ދީނީ ހަފުލާތަކުގައި ބޭނުން ކުރެވެއެވެ. މިސްކިތަކީ އެވެރިންގެ ޝަހަރުތަކުގައި ނުވާ އެއްޗެކެވެ. އަދި ޝަހަރެއްގައި މިސްކިތެއް ވާނަމަ ހުންނަނީ ޖަނަވާރު ބަހައްޓާ ތަނެއް ގޮތުގައެވެ. އެބައިމީހުން ތަޤިއްޔާ ކުރުމަށް ސުންނީންނާއި އެކު އުޅޭނަމަ އެސިފަ ޖައްސުވައެވެ.
ނުސައިރީ ދީން ދޫކުޅަ، ސުލައިމާން އިފަންދީ އަލްއަދަނީ ބުނެފައިވެއެވެ:
”ކޮންމެ މަޒުހަބެއްގެ ބޭރުފުށް އެވެރިން ނަގައެވެ. ސުންނީ އަކާއި ދިމާވެއްޖެ ނަމަ، ހުވާ ކޮށްފައި ބުނެއެވެ: ”އަހަރެމެން ކަލޭމެން ފަދައެވެ. އަހަރެމެން ރޯދަހިފަމުއެވެ. އަދި ނަމާދުކުރަމެވެ.“ އެހެނަސް އެއުރެން ރޯދަ ހިފަނީ ނުބައިކޮށެވެ. އަދި ސުންނީ އަކާއި އެކު މިސްކިތަކަށް ވަދެއްޖެ ނަމަ، ނަމާދުގެ އެއްވެސް ޒިކުރެއް އަނގައިން ނުކިޔާނެއެވެ. ދެން މުސްލިމުން ފަދައިން (ނަމާދުގައި) ގުދުވެ ތެދުވެ ހަދާނެއެވެ. އެއީ އަބޫ ބަކުރާއި ޢުމަރާއި ޢުޘްމާނަށް ލައުނަތް ދޭ ޙާލުގައެވެ.“
ސުލައިމާން އިފަންދީ މިބައިމިހުންގެ ޙަޤީޤަތް ޙާމަކުރުމުގެ ސަބަބުން މިވެރިން ހަމަލާއެއް ދީ ޤަތުލުކޮށްލިއެވެ.
ނަޞާރާއިންގެ ގިނަގުނަ ހަފުލާތައް މިބައިމީހުން ހުއްދަކޮށް އަދި ފާހަގަ ކުރެއެވެ. އަދި ޤަބުރަށް އަޅުކަން ކުރުމުގެ ތެރޭގާއި ނަޞާާރާއިންގެ މާތް ފަރާތްތައްވެސް ޝާމިލުކުރެއެވެ.
ހުޅަނގުގެ މުޙައްޤިޤެއް ބުންޏެވެ:
”ތަޤިއްޔާ ބޭނުން ކޮށްގެން ވަޔާއި އެއްގޮތަށް އެވެރިން ބަދަލުވެއެވެ. ފަރަންސޭސިން ސީރިއާގައި ވެރިކަން ކުރި އިރު، ތިމާމެންނަކީ ގެއްލިފައިތިބި ނަޞާރާއިން ކަމަށް ހެދުނެވެ. ޢަރަބި ޤައުމިއްޔަތު އެތާގައި ވެރިކަން ކުރިއިރު، ޢަރަބިވަންތަ ޖަޒުބާތުގެ ބަޔަކަށް ވިއެވެ. (ސީރިއާ ގެ) ވެރިކަމަށް (ނުސައިރީ) އަސަދު އައުމުގެ ކުރިން ދިމިޝްޤުގައި ތިބި 10,000 ޢަލަވީން (އެބަހީ: ނުސައިރީން) ތިބީ ސުންނީން ކަމަށް ވެގަނެގެނެވެ. ދެން ސިޔާސީ ގޮތުން މިކަން ފައިދާ ހުރި ކަމަކަށް ވުމާއި އެކު ފާޅުވެގަތެވެ. އަސަދުގެ ވެރިކަމުގައި، ޢަލަވީން މިއީ އިޘްނާ ޢަޝަރީން ކަމަށް ދެއްކުމަށް ރާވައިގެން މަސައްކަތް ކުރެވުނެވެ. (އެއީ އީރާންގެ މަދަދު ހޯދުމަށެވެ.)“
=
Comments (0)
Be the first to comment.