11- ޝައްކުގެ ދުވަހު (30 ޝަޢުބާން) ގައި ރޯދަ ހިފުމާއި މެދު ޚިލާފުވެގެން ވެއެވެ. ބުނެވެއެވެ: ވާޖިބެވެ. މިއީ ޙަންބަލީން ދެކޭގޮތެވެ. އަދި…
This article is available in Dhivehi only.
•
11- ޝައްކުގެ ދުވަހު (30 ޝަޢުބާން) ގައި ރޯދަ ހިފުމާއި މެދު ޚިލާފުވެގެން ވެއެވެ. ބުނެވެއެވެ: ވާޖިބެވެ. މިއީ ޙަންބަލީން ދެކޭގޮތެވެ. އަދި އިމާމް އަޙްމަދު އަށް ނިސްބަތްވެވޭ ރައުޔެކެވެ. އަދި މިއީ ކުށެއްކަން އަހަރެމެން ކުރިން ބަޔާންކޮށްފީމުއެވެ. އެކަލޭގެފާނު އަރިހުން އެއެއް ޞައްޙައެއްވެސް ނޫނެވެ. އަދި އެކަމުގައި ރިވާޔަތެއް ނުވެސް ވެއެވެ. އެހެންކަމުން މިކަމަށް ސަމާލުކުރުވުން މުޙިއްމެވެ. އަދި ބުނެވެއެވެ: އެދުވަހު ރޯދަހިފުން މުސްތަޙައްބެވެ. އާދި ބުނެވެއެވެ: އެކަންވަނީ ނަހީ ވެގެންނެވެ. އެއީ އެއްބައިގަނޑެއް ވިދާޅުވާ ފަދައިން ތަންޒީހީ ނަހީއެކެވެ. (ފާފަވެރިނުވާ ނަހީއެވެ.) އަދި އެނޫން ބައިގަނޑެއްގެ ބަސްފުޅަކީ ތަޙްރީމީ ނަހީ އެއްކަމެވެ. އަދި ބޮޑަށް ބުރަވެވިގެންވަނީ މިގޮތެވެ. އެހެނީ ޞައްޙަ ޙަދީޘްތަކެއްގައި، ހަމަކަށވަރުންވެސް ނަބިއްޔު ﷺ ވަނީ މިކަމަށް ނަހީ ކުރައްވާފައެވެ. އަދި އިސްލާމް ދީނަކު ޝައްކުގެ ދުވަހު ރޯދަ ހިފުމެއް ނުވެއެވެ. މިކަމަށް ނަބިއްޔު ﷺ އަރިހުން އަޞްލެއް ނުވެއެވެ. ނަބިއްޔު ﷺ ގެ މިޙަދީޘް ފުޅުން ދޭހަވާފަދައިންނެވެ: " فإن غم عليكم فأكملوا عدة شعبان ثلاثين يوما" (ފަހެ، ތިޔަބައިމީހުން ގެމައްޗަށް ވިލާތައް ބޯވެފައިވާނަމަ، ޝަޢުބާންމަހުގެ ތިރީސްދުވަސް އަދަދުކޮށް ފުރިހަމަ ކުރާށެވެ.) އަދި އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މުޢައްލަޤުކޮށް އަދި (ޙަދީޘް ސުނަން ގެ) ފަސްބޭކަލުން (ސަނަދު) ފުރިހަމަކޮށް ގެންނަވާފައިވާ މިރިވާޔަތުގެ މައްޗަށެވެ: (ޢައްމާރު ބުނު ޔާސިރް ވިދާޅުވިޔޭ) «مَنْ صَامَ الْيَوْمَ الَّذِي يُشَكُّ فِيهِ فَقَدَ عَصَى أَبَا الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ» (އެދުވަހެއްގައި ޝައްކު އެކުލެވޭ ދުވަހު ރޯދައަށް ހުރެއްޖެ މީހާ، ފަހެ އަބުލް ޤާސިމް ﷺ އަށް އުރެދިއްޖެއެވެ.) މިރިވާޔަތް ދެގޮތަކަށް ނެގިދާނެއެވެ: އެހެންޏާ އެއީ ޢައްމާރު ނަބިއްޔު ﷺ އަރިހުން އިވިވަޑައިގަތް އެއްޗެއްގެ މައްޗަށް ފަހުމްވެލެއްވި ބުނުމެކެވެ. ނޫނީ އެއީ ނަބިއްޔު ﷺ އަރިހުން ޢައްމާރު ރިވާކުރެއްވި ޙަދީޘްފުޅެކެވެ. މީގެ މައްޗަށް ބަލައި: މިދުވަހުގައި ސުންނަތް ގޮތުގައި ރޯދަ ހިފައިފި މީހާ، (ޢިލްމުވެރިން ކުރެ) ބައިގަނޑެއް ކަނޑައަޅުއްވާފައިވަނީ މި ކުއްތަންވުމުގެ ޢަމަލު ޞައްޙަވެގެން ނުވާކަމުގައެވެ. މިއީ ވަރުގަދަ ޤަޥްލެކެވެ. އެއީ ދެޞަޙީޙު ގައިވާ ނަބިއްޔު ﷺ ގެ މި ޙަދީޘް ގެ މައްޗަށެވެ: « لا تقدموا رمضان بصوم يوم ولا يومين » ”ރަމަޟާން މަހުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ހިފަން ނުފަށާށެވެ.“ އަދިމިދަނޑިވަޅުގައި މިއޮތް ނަހީ އަކީ (އެ ޢަމަލު) ފަސާދަވުން ނިޔާވާ ކަމެކެވެ. އަދި ރަނގަޅު ރައުޔަކީ މިއީއެވެ. ވީމާ ޔަޤީންކޮށްލުމަށްޓަކައި ރަމަޟާން މަސް ވަނުމުގެ ކުރިން ރޯދަ ހިފައިފި މީހެއްގެ ރޯދަ ބާޠިލުވެގެން ވެއެވެ. އަދި އެޢަމަލެއް އޭގެ ޒާތުގައި ޙަރާމް ކުރެވިއްޖެނަމަ ނޫނީ އެޢަމަލެއްގެ ޝަރުޠުތަކުން ޝަރުޠެއް ޙަރާމް ކުރެވިއްޖެނަމަ، އޭގެން ނިޔާކަނޑައެޅެނީ (އެޢަމަލު) ފަސާދަވުމެވެ.
12- އަޞްޙާބު ބޭކަލުންނާއި ސަލަފުންގެ އަރިހުން ޝައްކުގެ ދުވަހު ރޯދަ ހިފުމާއި ބެހޭ އަޘަރުތައް ވަނީ ދެބަޔަކަށެވެ: ޟަޢީފު ބަޔާއި ޞައްޙަ ބަޔެވެ. އަދި މީގެން ޞައްޙަ ތަކެތީގައި، އެއީ އެކަން އެބޭކަލުން ވާޖިބު ކުރައްވާ ގޮތުގައެއް ނޫނެވެ. އެހެނަސް ރައްކަަލަކަށްޓަކައި އެބޭކަލުން އެގޮތަށް ޢަމަލުކުރައްވާކަމެވެ.
13- ރައްކަަލަކަށްޓަކައި ޝައްކުގެ ދުވަހު ރޯދަ ހިފައިފިމީހާ، އަދި އެދުވަސް ރަމަޟާން މަހަށް ވެއްޖެނަމަ، އެއިން (ރޯދަ ޞައްޙަވުމަކަށް) ނުފުދެއެވެ. އަދި އޭނާފުށުން (އެރޯދަ) ޤަބޫލުވެވިގެންވެސް ނުވެއެވެ. އަދި ޞައްޙައީ އޭނާ މައްޗަށް ވަނީ އެރޯދަ އަލުން ޤަޟާއު ކުރުން ކަމެވެ. އެހެނީ އޭނާ ނިޔަތް ގަތް ރޯދައަކީ ޙަރާމް އެއްޗަކަށް ވުމެވެ.
14- ހުޅަވިހަނދު ބޮޑު ވުމާއި މެދު ރިވާ ވެފައިވާ ޙަދީޘް: " من أشراط الساعة أن يروا الهلال ابن ليلة يقولون ابن ليلتين..." (ޤިޔާމަތުގެ ޢަލާމާތް ތަކުގެތެރޭގައި ފުރަތަމަ ރޭގެ ހުޅަވިހަނދު ފެނި އެއީ ދެވެނަ ރެޔޭ ބުނާނެތެވެ...) މިހަދިޘުގެ ނިޔަލަށް. މިއީ މަޢްލޫލު (ބަލިކަށި) ރިވާޔަތެކެވެ. އެއީ އޭގެ މާނަ ޞައްޙަ ކަމުގައިވީހީ ނަމަވެސްމެއެވެ.
15- އަހަރެމެން އެއް (ހެކިވެރިއެއްގެ) ފެނުމުގެ މައްޗަށް ރޯދަ ހިފަން ފަށައި ދެން މަސް ނިމުމުގައި ތިރީސް ދުވަސް ފަހުންވެސް ހުޅަވިހަނދު ނުފެނިވާނަމަ އަހަރެމެން އެއްތިރީސް ހަމަ ކުރާނީއެވެ. އެހެނީ މިއީ މަސް ވަނުމުގައި ފެނުނު މީހާ ކުށްޖެހިގެންވީކަމުގެ ދަލީލެކެވެ. އެހެނީ ދެހެކީންނަށް ނުފެނި އަހަރެމެންނަށް ރޯދަމަސް ވީއްލާލެވޭން ނުއޮންނާނެތީއެވެ. މިއާއި ޚިލާފަށް، ރަމަޟާން މަސް ވަނުމުގައި ދެ ހެކިވެރިންގެ ހެކިބަހުން އެކަންވީނަމަ، އެއްތިރީސް ވަނަ ރޯދައެއް ހިފުމެއް އަހަރެމެންނަކަށް ނުވެއެވެ. އެހެނީ މަހެއްގައި އެއްތިރީސް ދުވަސް ވުން ޖާއިޒުވެގެންނެއް ނުވެއެވެ. ވީމާ ހަނދު ނުފެނުނަސް ރޯދަވީއްލުން ވާޖިބުވެގެން ވެއެވެ.
=
Comments (0)
Be the first to comment.