16- މީހަކު ރޯދަ މަހުގެ ދުވާލެއްގައި އިސްލާމް ވެއްޖެނަމަ، އެދުވަހުގެ ބާކީ އޮތްބައިގައި އޭނާ ރޯދައަށް ހުންނާނީއެވެ. އަދި މީސްތަކުންނާއި އެކު…
This article is available in Dhivehi only.
16- މީހަކު ރޯދަ މަހުގެ ދުވާލެއްގައި އިސްލާމް ވެއްޖެނަމަ، އެދުވަހުގެ ބާކީ އޮތްބައިގައި އޭނާ ރޯދައަށް ހުންނާނީއެވެ. އަދި މީސްތަކުންނާއި އެކު ކުރިޔަށް ހުރިރޯދަތައް ހިފާނީއެވެ. ފަހެ އޭނާ އިސްލާމްވި ދުވަހުގެ އަދި ދުވާލުގެ ފެށުމުން ނުހިފުނު ރޯދަ، އޭނާ ޤަޟާއި ކުރާނީތޯ؟ މީގައި ދެބުނުމެއް ވެއެވެ:
ފުރަތަމައީ: އޭނާ އެދުވަސް ޤަޟާއު ކުރާނީ ކަމެވެ. މިއީ އަޙްމަދު އަރިހުން އައިސްފައިވާ އެއް ރައުޔެވެ. އަދި މިބޭކަލުން މިކަމަށް ދަލީލު ނަންގަވަނީ ދެޞަޙީޙު ގައި ސާލާމަތަ ބްނުލް އަކްވައު އަރިހުން ވާރިދުވެފައިވާ ޙަދީޘްއެވެ: އެއީ ”ކައިގެން ތިބި ބަޔެއް ދުވަހުގެ ބާކީ އޮތްބައިގައި ރޯދަހިފުމަށް މީސްތަކުންތެރޭ ގޮވައި އިޢުލާން ކުރުމަށް ނަބިއްޔު ﷺ މީހަކަށް އަމުރުކުރެއްވިއޭ އެވެ. އަދިނުކައިތިބި ބަޔަކު ފަހެ ރޯދައަށް ތިބޭށޭއެވެ. އެހެނީ މިއަދަކީ ޢާޝޫރާ ދުވަހެވެ.“ މިއީ އިއްތިފާޤުވެލައްވާފައިވާ ޙަދީޘެކެވެ. އަދި އަބޫ ދާވޫދު ގެ ރިވާޔަތުގައި ވަނީ ”އަދި މީގެ ބަދަލުގައި އެހެން ދުވަހެއްގައި ޤަޟާއު ކުރާށޭ“ އެވެ.
ދެވަނަ ބުނުމަކީ: އޭނާ އެރޯދަ ޤަޟާއު ނުކުރުމެވެ. އެހެނީ އޭނާ އިސްލާމްވި ސީދާ އެދުވަހުގައި ކަމަށް ވެފައި، އޭނާ އަށް އެކަން މުޚާޠަބުވެފައި ނުވުމެވެ. އަދި ޝަރުޢުތައް ތަބަޢަވަނީ އެކަން އެގުމުގެ ދަށުން ކަމަށް ވުމެވެ. އަދި ރަނގަޅު ރައުޔަކީ މިއީއެވެ. ދެންފަހެ އަބޫ ދާވޫދު ގެ ރިވާޔަތް، އެއީ މުންކަރު ރިވާޔަތެކެވެ. އަދި ސަލަމާ ގެ ޙަދީޘް ގައިވާ ނަބިއްޔު ﷺ ގެ ބަސްފުޅު: "ދުވަހުގެ ބާކީ އޮތްބައި ފުރިހަމަ ކުރާށޭ" އަދި އޭގައި "ޤަޟާއު" ކުރާށޭ އެކޭ ނުވެއެވެ. މިއީ ޤަޟާއުކުރުން ވާޖިބު ނޫން ކަމުގެ މައްޗަށް ވަރުގަދަ ދަލީލެކެވެ.
17- އަދި މީގެ ތެރޭގައި ވަނީ، ކުޑކުއްޖެއް ނޫނީ ޅައަންހެން ކުއްޖެއް (އަލަށް) ޙައިޟު ވެއްޖެނަމަ، އެބަހީ ދުވާލުގައި އޭނާ ބާލިޣުވެއްޖެ ނަމަ ، އެވެރިންނަށް އެދުވަސް ޤަޟާއު ކުރުމެއް ނުވާ ކަމެވެ. އަދި މި ޙައިޟުވެރިޔާ ޤަޟާއު ކުރާނީ އެދުވަސް ނޫން އަނެއް ދުވަހުން ފެށިގެން ނުހިފައިވާ ރޯދަތަކެވެ. އެހެނީ އޭނާ އެއަށްއަމުރުވެވިފައިވާ މީހަކަށް އެހިސާބުން ވުމުންނެވެ.
19- ބުއްދި ފިލާފައިވާ މީހުން ރޯދަ ހިފުން ވަނީ އެކި ދަރަޖައިގައެވެ:
އެކެއް: މެދުނުކެނޑި ބުއްދިފިލާފައިވާ މިހުން، މިފަދަ މީހާގެ މައްޗަށް އިޖުމާޢު އިން ރޯދަ ހިފުމެއް ނުވެއެވެ.
ދޭއް: ބުއްދިފިލަމުން ގޮސް ދެން ދާއިމަށް ގޮސްފައިވާ މީހާ، މިފަދަ މީހާ ވަނީ ފުރަތަމަ ބައިގެ ދަރަޖައިގައެވެ.
ތިނެއް: ބުއްދިފިލުން އޭނާގެ މައްޗަށް އަންނަ އެހެނަސް ދެމިނުހުންނަ މީހާ، އަދި ބައެއް ފަހަރު ހޭވެރިކަން ހުރެ އަނެއްބައި ފަހަރަށް ހޭވެރިކަން ނުހުންނަ މީހާ، ފަހެ މިފަދަ މީހާ ރަމަޟާން މަހުގެ މުޅި ދުވަހު ހޭވެރިވެ ހުންނަނަމަ އޭނާ އަށް އަމުރުވެވިގެންވަނީ ރޯދަ ހިފުމަށެވެ. އެހެނަސް އޭނާ ދުވަހުގެ ބައެއްގައި ހޭވެރިވެ އެނޫން ބައެއްގައި ބުއްދިފިލާދާނަމަ، ބުނެވެއެވެ: އޭނާ އަށް (ރޯދަހިފުން) އަމުރުވެގެން ވެއެވެ. އަދި ބުނެވެއެވެ: އަމުރުވެވިގެން ނުވެއެވެ. މީގެ ދަށުން، މުސްކުޅިވެ ހޭވެރިކަން ފިލާފައިވާ ބައްޕައެއް ނޫނީ ބަލިމީހެއް އެމީހެއްގެ ބެލުމުގެ ދަށުގައި ވެއްޖެ މީހާ، އެމީހާ ހޭވެރިވެ ހުންނަ ޙާލުގައި އެކަމަށް ވަނީ އަމުރު ކުރުމެވެ. އަދި އޭނާ ކައިހަދައިފިނަމަ ދޫކޮށްލުމެވެ. އަދި މުޅިދުވަހު ހޭވާރިކަން ނުހުންނަނަމަ، ފަހަރެއްގައި އެންމެ ރާޖިޙުއީ ފުރަތަމަ ރައުޔެވެ. ވީމާ، އޭނާގެ މައްޗަށް ރޯދައެއް ނުވެއެވެ.
20- ފިޤުހު ޢިލްމުވެރިން ވަނީ ހަނދާން ނެތި ރޯދަމަހުގެ ދުވާލު ކައިފި މީހާ އާއި މެދު، އޭނާގެ އެޢަމަލަށް އިންކާރު ކުރުން ވޭތޯ އާއިމެދު ޚިލާފުވެލައްވާފައެވެ. ޢިލްމުވެރިން އަރިހު ދެ ބަސްފުޅެއް ވެއެވެ:
އެކައްޗަކީ: އޭނާ އެކަން ކުރީ ހަނދާން ނެތިކަން އެނގުނަސް އިންކާރު ކުރުން (އެބަހީ: ނުރުހުންތެރިކަން ފާޅުކުރުން) ވާޖިބު ކަމެވެ. އެހެނީ އޭނާ އެވަނީ ބޭރުފުށަށް (ފާޅުވާ ގޮތުން) ދެކޮޅުހަދައިފައި ކަމުންނެވެ.
ދެވަނައީ: އޭނާގެ މައްޗަށް އިންކާރުކުރުމެއް ނުވާ ކަމެވެ. އެހެނީ އޭނާއަށް އެ ކެއުމާއި ބުއިން ދެއްވާފައިވަނީ ﷲ ކަމުންނެވެ. ﷲ އޭނާ އަށް ޢަފޫ ކުރައްވާހާ ހިނދަކު އޭނާ އަށް ޢަފޫ ވެގެން ވުމެވެ.
ބައެއް ބޭކަލުން މިބައިކުރައްވައި ވިދާޅުވެތެވެ: މީސްތަކުންގެ ލޯކުރިމަތީގައި ނަމަ އޭނާއަށް އިންކާރު ކުރުންވެއެވެ. އެއީ އެއްވެސް މީހަކަށް އެކަމުން ނުބައިހިޔެއް ނުއުފެއްދުވުމަށެވެ. އަދި އެއިން ފަސާދައެއް އުފެދުމުން ދުރުކުރުވުމަށްޓަކައެވެ. އެހެނަސް އޭނާ އެކަނި ހުރެއްޖެނަމަ، (އިތުރައް އެއްޗެއްނުބުނެ) އޭނާ ދޫކޮށްލައި (އެކުރެވުނު ކަންތަކަށް) އިންކާރު ނުކުރުމެވެ. އަދި މިއީ ވަރުގަދަ ބުނުމެކެވެ. އަދި މީގެން ރަނގަޅު ގޮތެވެ. އެހެނީ އޭނާއަށް ކެއުމާއި އެ ބުއިން ދެއްވީ ﷲ ކަމުންނެވެ.
(ނުނިމޭ)
~ ގަލަންދާން
Comments (0)
Be the first to comment.