31- ރޯދަ ދޫކޮށްލުން ހުއްދަވާ ކަންކަން އިބްނުލް ޤައްޔިމް ޛިކުރު ކުރައްވައި އެއީ ހަތަރު އެއްޗެއް ކަމަށް ވިދަޅުވިއެވެ: ބަލިވުމާއި،…
This article is available in Dhivehi only.
•
31- ރޯދަ ދޫކޮށްލުން ހުއްދަވާ ކަންކަން އިބްނުލް ޤައްޔިމް ޛިކުރު ކުރައްވައި އެއީ ހަތަރު އެއްޗެއް ކަމަށް ވިދަޅުވިއެވެ: ބަލިވުމާއި، ދަތުރުވެރިވުމާއި، ޙައިޟުވުމާއި ބިރުވެރިކަމެވެ.
32- (ޙަދީޘް) "من لم يبيت الصيام من الليل فلا صيام له" (ރޭގަނޑުގައި ރޯދަ ބިނާނުކޮށްފި މީހަކަށް (އެބަހީ: ނިޔަތް ނުލައިފި މީހަކަށް) ރޯދައެއް ނުވެއެވެ.) ، މަރްފޫޢުކޮށް (ޙަދީޘް އެއް ގޮތަށް) އަދި މަޥްޤޫފުކޮށް (އަޞްޙާބު ބޭކަލެއްގެ ބަސްފުޅެއް ގޮތަށް) ވެސް ވާރިދުވެފައިވެއެވެ. އަދި ރަނގަޅު ގޮތަކީ މަރްފޫޢުކޮށް މީގެ އެއްވެސް ރިވާޔަތެއް ނަބިއްޔު ﷺ އަރިހުން ޞައްޙަ ނޫން ކަމެވެ. އަދި ޘާބިތީ މަޥްޤޫފުކޮށެވެ.
33- ރަނގަޅު ގޮތަކީ، ރަމަޟާން މަހުގެ ދުވާލުގައި ޖިމާޢު ވެއްޖެ މީހާ، ކައްފާރާ ދިނުން ވާޖިބުވެގެންވާ ކަމެވެ. އަދި އެޔާއި ވިދިގެން އަންނަ ދުވަހު ޖިމާޢުވެ، އަދި އޭގެ ކުރީދުވަހަށް ކައްފާރާ ނުނިންމައި ހުރެއްޖެ ނަމަ، (ޚިލާފުތަކުގެތެރެއިން) ރަނގަޅު ބުނުމަކީ، އޭނާގެ މައްޗަށް (ވަކިވަކި) ދެ ކައްފާރާ ވާޖިބު ވެގެންވާ ކަމެވެ. އަދި މުޅި މަހުގައި އޭނާ ޖިމާޢު ވެއްޖެ ނަމަ، ތިރީސް ކައްފާރާ (ވަކިވަކިން) އޭނާއަށް ވާޖިބުވެގެންވާ ކަމެވެ. މިއީ ކުރިންވީ ޖިމާޢުއަށް ކައްފާރާ ނުދައްކައި ހުރެއްޖެނަމަ، އެ އެންމެހާ އެއްޗަކަށް އެއް ކައްފާރާ ފުދޭ ކަމަށް ވިދާޅުވާ ބޭކަލުންގެ ބަސްފުޅާއި ޚިލާފަށެވެ. އަދި ރަނގަޅު ބުނުމަކީ، ކޮންމެ ދުވަހަކަށް ވަކި ކައްފާރާ އެއް ވުމެވެ. އެހެނީ ކޮންމެ ދުވަހަކަށްވެސް ވަކި ޙުރުމަތެއް ވެއެވެ. އަދި އެހެނީ އޭނާ އެއްދުވަހަށް ވުރެ ގިނައިން އެ ފަސާދަ ކޮށްފިނަމަ، އެއް ކައްފާރާއަށް ވުރެ ގިނަ ކައްފާރާ ނެރެން ވާޖިބުވާނެތީ އެވެ. އެހެނީ އޭނާގެ ދަރަޖައަކީ ދެމީހެއް މަރާ މީހެއް ފަދައެވެ.
34- ދުލުން ނިޔަތް ގަތުން، އެއީ މިސާލަކަށް، ޔާ ﷲ މާދަމާ ރޯދަ ހިފުމަށް އަހަރެން ނިޔަތް ގަތީމޭ ނުވަތަ ރަމަޟާން މަހަށް ރޯދަހިފުމަށޭ ބުނެ މިފަދައިން ނިޔަތް ގަތުމަކީ ބިދުޢައެކެވެ. އެހެނީ މިކަމުގެ މައްޗަށް އެއްވެސް ދަލީލެއް ނެތެވެ.
35- (ވާޖިބު ނޫން) ނަފްލު ރޯދައަށް ދުވާލު ނިޔަތް ގަތުމާއި މެދު ޢިލްމުވެރިންވަނީ ތިން ޤަޥްލެއްގެ މައްޗަށް ޚިލާފުވެފައެވެ:
ފުރަތަމަ ޤަޥްލަކީ: ނަފްލު ވަނީ ފަރުޟު އާއި އެއްފަދަ އަކުން ކަމެވެ.(ކުރިޔަށްލައި) ރޭނގަނޑުގައި މެނުވީ (ނިޔަތް ގަތުން) ޞައްޙަ ނުވާނޭ ކަމެވެ. މިއީ އަބޫ ޙަނީފާ ދެކިލައްވާ ގޮތެވެ. އަދި އަޙްމަދު ގެ އަރިހުން އައިސްފައިވާ އެއް ޤަޥްލެވެ. އަދި އިބްނު ޙަޒަމް މިޤަޥްލަށް ތާއީދުކުރެއްވި އެވެ.
ދެވަނަ ޤަޥްލަކީ: އިރުމެދުން ފިލުމުގެ ކުރިން ނަފްލު ރޯދައިގައި ނިޔަތް ގަތުން ޞައްޙަ ކަމެވެ. އަދި އޭގެ ފަހުން ޞައްޙަ އެއް ނުވާނޭ ކަމެވެ. މިބޭކަލުން ދެކިލައްވަނީ އިރުމެދުން ފިލައިފިނަމަ ދުވާލުގެ ބޮޑުބަޔަށް ނިޔަތް ނުގަނެވި ވާނޭ ކަމުގައެވެ. އަދި މިރައުޔު ޞައްޙަ އެއް ނޫނެވެ.
ތިންވަނަ ޤަޥްލަކީ: އިރުމެދުން ފިލުމުގެ ކުރިން އަދި އޭގެ ފަހުންވެސް ޞައްޙަކަމެވެ. އަދި މިއީ އަޙްމަދު ދެކިލައްވާ ގޮތެވެ. އަދި އަޞްޙާބު ބޭކަލުންގެ ތެރެއިން ބައިގަނޑެއްގެ އަރިހުން މިރައުޔު ރިވާވެފައިވެއެވެ. އަދި ދަލީލު ގެންނަވަނީ މުސްލިމް ގައިވާ ޢާއިޝާ ގެ ޙަދީޘެވެ: ﷲގެ ނަބިއްޔާ ﷺ ތިމަން ކަމަނާ ގާތަށް އެއްދުވަހު ވަޑައިގެންނެވިއެވެ. ޙަދީޘް ކުރެއްވިއެވެ: "ކަމަނާ އަތުގައި (ކާނެ) އެއްޗެއް އެބަހުރިހެއްޔެވެ؟" ވިދާޅުވީމެވެ: ނޫނެކެވެ. ޙަދީޘް ކުރެއްވިއެވެ: «فإني إذن صائم» "އެހެންވެއްޖެއްޔާ ތިމަންކަލޭގެފާނު މިހުންނެވީ ރޯދައަށެވެ."
އަދި މިރިވާޔަތް ދަލީލަކަށް ގެނައުމުގައި ޖަދަލަކީ، އިތުރުއެކަލޭގެފާނުން ނިޔަތް ގެންނެވީ ސީދާ އެވަޤުތުން ކަމެއް މީގައި ސާފުކޮށް އެނގޭން ނެތުމެވެ. އެހެންކަމުން ފަހަރެއްގައި އެކަލޭގެފާނު ކުރިން ސުރެ ހުންނެވީ ނިޔަތް ގަންނަވައިގެންނެވެ. ކާއެއްޗެއް ލިބިއްޖެނަމަ ދޫކޮށްލުމަށް ޤަޞްދު ކުރައްވައިގެނެވެ. އަދި މިޖަދަލަށް ވާ ރައްދަކީ، މިގޮތަށް މާނަކުރުމުން ހަމަވަނީ ރޯދައިގެ ނިޔަތް ކަށަވަރު ނޫންކޮށް އޮތްކަމެވެ. އަދި ޝައްކެތްނެތި ރޯދައިގައި ނިޔަތް އިންނަން ޖެހޭނީ ކަށަވަރަށެވެ. އަދި އެންމެ ރައްކާތެރި ވެގެން ވާ ގޮތަކީ، ދެވަނަ ފަޖުރުގެ ކުރިން ނަފްލު ގެ ނިޔަތް ގަނެ ނިންމުމެވެ. އެހެނަސް ޢާންމު ނަފްލު ރޯދަތަކުގެ ކަންތަކުގައި (ފަސޭހަތައް) ފުޅާވެގެން ވެއެވެ. އަދި ދުވާލުގައި މީގެ ނިޔަތް އެކަތަ ކުރުން ޞައްޙަކަން، މިއީ ޖުމްހޫރު ޢިލްމުވެރިން ގެ ބަސްފުޅެވެ. އެހެނަސް ޚާއްޞަ ނަފްލު ރޯދަ ތަކުގައި، ރޭގަނޑުގައި ނިޔަތް ގަނެ ނިންމުން މެނުވީ ޞައްޙަ ވެގެންނެއް ނުވެއެވެ. އަދި ޢާޝޫރާ ދުވަހާއި ޢަރަފާތު ދުވަސް ފަދަ ޚާއްޞަ (ނަފްލު) ރޯދަތަކަށް ދުވާލުވާފަހުން ނިޔަތް ގަނެފިމީހާ، ޢާޝޫރާ ދުވަހުގެ ނޫނީ ޢަރަފާތުގެ ރޯދަ ހިފި ކަމަށް ކަނޑަނޭޅެއެވެ. އޭނާ ފުށުން މިކަން ޞައްޙައެއް ވެސް ނޫނެވެ. އަދި ޤަބޫލެއް ވެސް ވެވިގެން ނުވެއެވެ.
Comments (0)
Be the first to comment.