41- ހުވަނދުން ރޯދައެއް ނުގެއްލޭނެއެވެ. އަދި ޢިލްމުވެރިން ކުރެ އެންމެ ބޭފުޅެއް ވެސް އެއީ ރޯދަ ގެއްލޭކަމެއް ގޮތުގައި ވިދާޅެއް ނުވެއެވެ.…
This article is available in Dhivehi only.
•
41- ހުވަނދުން ރޯދައެއް ނުގެއްލޭނެއެވެ. އަދި ޢިލްމުވެރިން ކުރެ އެންމެ ބޭފުޅެއް ވެސް އެއީ ރޯދަ ގެއްލޭކަމެއް ގޮތުގައި ވިދާޅެއް ނުވެއެވެ. އަދިކިޔެއް؟ އެކަމުގައި މަކުރޫހަކަމެއް ވެސް ނުވެއެވެ. އަދި ރޯދަހިފައިގެން ވިޔަސް އެއީ ހެޔޮވެގެންވާ ކަމެކެވެ. ޚިލާފު އައިސްފައިވަނީ އަލް-ބަޚޫރު (މީރުވަސް ދުއްވަން އަޅާ ދުން) ގައެވެ. ފަހެ އޭނާގެ ގަމީސް ނޫނީ ހެދުންތަކަށް ދުންއެޅުމުގައި ގޯހެއް ނުވެއެވެ. އަދި މަނައު އައިސްފައިވަނީ އަލް-ބަޚޫރު ނޭވަޔަށް ދެމުމުގައެވެ. އެއީ ރޯދަވެރިޔާ ވުޟޫޢު ކުރާ ހިނދުގަވެސް ނޭފަތަށް ފެން ލުމުގައި އެތެރެއަށް ދެމުން މަނައު ވެގެންވާ ފަދައިންނެވެ. އެހެނަސް ބަޚޫރު އެ ނޭވަޔަށް ނުދަމައި (މޫނު މައްޗަށް) އެއްނުކޮށް އަދި އެއީ ހަމައެކަނި ހެނދުންތައް ބަޚޫރު ކުރުމަށްޓަކައި ނަމަ، އޭގައި މައްސަލައެއް ނުވެއެވެ. އަދި ޞަޙާބީން އޭގެ ޒާތުގައި ދުން ހުންނަ އަލިފާންމަތީ ކައްކަވައި އުޅުއްވި އެވެ. އެހެންކަމުން މަނައު ވަނީ އެކަމަށް ޤަޞްދުކޮށް ނޭވާލުމުގައެވެ. ދެންފަހެ ދުންބުއިމުގައި ޖެހިފައިވާ މީހާ، އެބުއިމުން ރޯދަގެއްލޭނެ އެވެ. އެހެނީ މިކަމަކީ، އޭނާ އެ ބުއިން ކަމުގައި ވުމުންނެވެ.
42- ރުހުމަކާއި ނުލައި ހޮޑުލާ މީހާ، ފަހެ އޭނާގެ ރޯދައެއް އެކަމުގެ ސަބަބުންނެއް ފަސާދައެއް ނުވެއެވެ. އެހެނަސް އަމިއްލަ ބާރާއި އެކު ހޮޑުލައިފިމިހާ، ޖުމްހޫރު ޢިލްމުވެރިންނާއި ހަތަރު އިމާމުންގެ ބަސްފުޅުގައި އޭނާގެ ރޯދަ ގެއްލެއެވެ. އެއީ މިޙަދީޘް ގެ މައްޗަށެވެ: «...ومن استقاء فليفطر» (...އަދި ހޮޑު ލައިފި މީހާ، ފަހެ އޭނާގެ ރޯދަ ގެއްލިއްޖެ އެވެ.) އެހެނަސް މިރިވާޔަތް މަޢްލޫލް އެވެ. (ބަލިކަށްޓެވެ.) އަދި އޭގައި ކުށްޖެހިގެން ވަނީ ޢީސާ ބްނު ޔޫނުސް އެވެ. އަދި ބަޞްރާ ގެ އަހުލުންނާއި އަލްބުޚާރީ ވަނީ އޭނާ އަށް އިންކާރު ކުރައްވާފައެވެ. އަދި ޚުދު (ޙަދީޘް ނިސްބަތް ވެފައިވާ ފަރާތް ކަމަށްވާ) އަބޫ ހުރައިރާ ދެކިލައްވާ ގޮތުން ހޮޑު ލުމަކީ ރޯދަ ގެއްލޭކަމެއް ނޫނެވެ. އެއީ ގަދަކަމުން ކަމުގައި ވިޔަސް އެވެ. އަދި އެކަލޭގެފާނު ރިވާ ކުރެއްވި އެއްޗަކާއި ޚިލާފަށް ފަތުވާ ދެއްވުމީ ނުވާނޭ ކަމެކެވެ. އަދި މިއީ (ނުގެއްލޭނެކަމީ) އިބްނު ޢައްބާސް އާއި ޢިކްރިމާ އަދި ތާބިޢީ ބޭކަލުންނާއި އިމާމުން ތެރެއިން ބައިގަނޑެއްގެ ބަސްފުޅެވެ. އަދި ރަނގަޅު ބުނުމަކީ މިއީއެވެ. އެހެނީ ނަބިއްޔު ﷺ އަރިހުން، ހޮޑު ލުމަކީ ރޯދަ ގެއްލޭ ކަމެއް ގޮތުގައި ޘާބިތުވެފައި ނުވެއެވެ. އަދި ޘަޥްބާން ގެ ޙަދީޘް، ނަބިއްޔު ﷺ (قاء فأفطر) "ހޮޑުލައްވައި ދެން ރޯދަކެނޑުއްވިޔޭ" ، މިޙަދީޘަކީ އޭގެ ލަފުޡު އާއިމެދު ޚިލާފު އޮތް ޙަދީޘެކެވެ. އެހެނީ (قاء فتوضأ) "ހޮޑު ލައްވައި ދެން ވުޟޫޢު ކުރެއްވިޔޭ" މިހެންވެސް އައިސްފައި ވެއެވެ. އަދި އެ ރިވާޔަތް ޘާބިތޭ އަހަރެމެން ބުނި ކަމުގައި ވިޔަސް، އެކަލޭގެފާނު ރޯދަ ކެނޑުއްވީ ހޮޑުގެ ސަބަބުންކަމެއް އެއަކުން ދަލީލެއް ނުކޮށްދެއެވެ. އަދި (އެޙަދީޘް ގެ) ދެލަފުޟު ރަނގަޅު ކުރުމުގައި އޮތް ދެބަސްވުން ވަރުގަދައެވެ. އަދި ރަނގަޅު ބުނުމަކީ ގަދަކަމުން ހޮޑުލުމަކުން ރޯދަ ނުގެއްލޭނޭކަމެވެ. އަދި އަބޫ ހުރައިރާ އާއި އިބްނު ޢައްބާސް އަރިހުން، ރޯދަ ގެއްލުންވަނީ އެތެރެވާ އެއްޗެއްގެ ސަބަބުންކަމާއި ނިކުންނަ އެއްޗެއްގެ ސަބަބުން ނޫންކަމަށް ވާރިދުވެފައިވެއެވެ.
=
Comments (0)
Be the first to comment.