ސަބަބަކާއި ނުލައި ސުންނަތް ރޯދަ ދޫކޮށްލުމުގެ ޙުކުމް، އަދި މިއާއި ގުޅިފައިވާ ބައެއް ފިޤުހު
This article is available in Dhivehi only.
①
ސަބަބަކާއި ނުލައި ސުންނަތް ރޯދަ ދޫކޮށްލުމުގެ ޙުކުމް، އަދި މިއާއި ގުޅިފައިވާ ބައެއް ފިޤުހު
...(ޝަރަޙަ ކުރެވެމުންދާ) ފޮތުގެ މުޞައްނިފު رحمه الله ވިދާޅުވިއެވެ: ”ތަޠައްވުޢު އެއް ފަށައިފި މީހާ (އެބަހީ: ސުންނަތް ރޯދައެއް)، އެ ފުރިހަމަކުރުން ވާޖިބެއް ނޫނެވެ. އެއީ ޢާޢިޝާ رضي الله عنها ގެ ޙަދީޘް ގެ މައްޗަށެވެ.
وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: «دَخَلَ عَلَيَّ اَلنَّبِيُّ صَلَى اللَّهُ عَلَيْه وَسَلَّمَ ذَاتَ يَوْمٍ، فَقَالَ: هَلْ عِنْدَكُمْ شَيْءٌ ؟ قُلْنَا: لَا، قَالَ: فَإِنِّي إِذًا صَائِمٌ، ثُمَّ أَتَانَا يَوْمًا آخَرَ، فَقُلْنَا: أُهْدِيَ لَنَا حَيْسٌ، فَقَالَ: أَرِينِيهِ، فَلَقَدْ أَصْبَحْتُ صَائِمًا، فَأَكَلَ» رَوَاهُ مُسْلِمٌ.
عَائِشَة رَضِيَ اَللَّهُ عَنْهَا ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ﷲގެ ނަބިއްޔާ ﷺ ތިމަން ކަމަނާ ގާތަށް އެއްދުވަހު ވަޑައިގެންނެވިއެވެ. ޙަދީޘް ކުރެއްވިއެވެ: "ކަމަނާ އަތުގައި (ކާނެ) އެއްޗެއް އެބަހުރިހެއްޔެވެ؟" ވިދާޅުވީމެވެ: ނޫނެކެވެ. ޙަދީޘް ކުރެއްވިއެވެ: «فإني إذن صائم» "އެހެންވެއްޖެއްޔާ ތިމަންކަލޭގެފާނު މިހުންނެވީ ރޯދައަށެވެ." ދެން އެނޫންދުވަހަކު ތިމަންކަމަނާމެންގެ ގާތަށް ވަޑައިގެންނެވިއެވެ. ވިދާޅުވީމުއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަމަނާމެންނަށް ހަދިޔާއަކަށް "ޙައިސް" (ކަދުރާއި ޗީޒް އާއި ގިތެޔޮ އެއްކޮށްގެން ހަދާ ފޮނިކާއެއްޗެއް) ލިބިވަޑައިގެންފިއެވެ. ޙަދީޘް ކުރެއްވިއެވެ: «أرينيه، فلقد أصبحت صائما» "އެދެއްވަބަލާށެވެ. އެހެނީ ފަހެ ހެނދުނުއްސުރެ ތިމަންކަލޭގެފާނު މިހުންނެވީ ރޯދައަށެވެ." ދެން ކެއިންބެއްލެވިއެވެ.
[ޞަޙީޙު މުސްލިމް: ރޯދައިގެ ފޮތް: ބާބު: އައްނާފިލާ ރޯދަ ދުވާލުގެ ނިޔަތާއި އެކު އިރުމެދުޖެހުމުގެ ކުރިން ހުއްދަކަން، އަދި ޢުޛުރަކާ ނުލައި ނަފްލު ރޯދަ ދޫކުޅައުމުގެ ހުއްދަކަން]
އައްޠަރީފީ: ”ތަޠައްވުޢު އެއް ފަށައި، އެގޮތުން ރޭގަނޑު ނިޔަތްގަނެ (ރޯދަ) ހިފައިފި މީހާ، ދެން އެ ކަނޑާލުމަށް ޙިޔާރުވޭތޯ ނުވަތަ ނޫންތޯ އާއިމެދު ޢިލްމުވެރިން عليهم رحمة الله ޚިލާފުވެލެއްވިއެވެ.
ޢިލްމުވެރިން މިމައްސަލާގައި ޚިލާފުވެލެއްވީ ދެ ޤަޥްލެއްގެ މައްޗަށެވެ:
ފުރަތަމަ ޤަޥްލު: ސަލަފުންގެ ތެރެއިން ޖަމާޢަތެއް ވަނީ، ރޭގަނޑުގައި ނިޔަތްގަނެފި ނާފިލާ (ސުންނަތް) ރޯދައެއް، ދެން (ޢުޛުރެއްނެތި) އެކަނޑާލުން އެއީ ޙަރާމް ވެގެންވާ ކަމެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އަދި މިކަން ޢަލީ އިބްނު އަބީ ޠާލިބު އަރިހުން ވާރިދުވެފައިވެއެވެ. އެއީ ޢަބޫ އިސްޙާޤު ރިވާކުރެއްވިގޮތުން، އަލްޙާރިޘުލް އަޢުވަރު އަރިހުން، ޢަލީ ބުނު ޢަބީ ޠާލިބު އަރިހުން: ރޭގަނޑުގައި ނިޔަތް ކަނޑައަޅައިފިނަމަ ދެން ރޯދަ ކަނޑާލުމަށް އެކަލޭގެފާނު ހުއްދަ ނުކުރައްވާކަމުގައެވެ. އަދި މި (ރިވާޔަތުގެ) ސަނަދު ޢަލީ އިބްނު އަބީ ޠާލިބު އަރިހުން ޟަޢީފު ވެގެން ވެއެވެ. (ބަލިކަށްޓެވެ.) އަދި މި ބުނުން (އެރޯދަ ކަނޑާލުން ހުއްދަނޫން ކަން) މިއީ ކޫފާ ގެ އަހުލުންނާއި އެނޫން ފިޤުހުވެރީން ތެރެއިން ބައިގަނޑެއްގެ ޤަޥްލެވެ.
ދެވަނަ ޤަޥްލު: ވިދާޅުވެތެވެ: ހަމަކަށަވަރުން ނާފިލާ ރޯދައެއް ކަނޑާލުމުގައި މައްސައެއް ނުވެއޭ އެވެ. އަދި އަހަރެން ދެކޭގޮތުން އެކަމުގައި (އެބަހީ: ރޯދަ ފުރިހަމަ ކުރުމަށް) އުދަގުލެއް ނޫނީ ކެއުމަށް ޙާއްޖަތެއް ނެތްނަމަ، މުސްތަޙައްބުއީ އެ ފުރިހަމަ ކުރުމެވެ. އެއީ (ސުންނަތް) ރޯދަ އޭގެ އަޞްލަށް ބަލާއިރު، އެއީ މުސްތަޙައްބު އެއްޗެއް ކަމުގައިވާ ފަދައިންނެވެ.
އަދި އޭގައި ދަލީލު އެކުލެވޭ އެއްޗަކީ މި (ދެވަނަ ޤަޥްލުގައިވާ) ބުނުމެވެ. އަދި މިއީ ފާޅުވާ ގޮތުން އިމާމް އަޙްމަދު ގެ ދެކިލެއްވުމެވެ. އަދި ސަލަފުންގެ ތެރެއިން ޖުމްހޫރު ބޭކަލުން ވަނީ އައްނާފިލާ ރޯދަ ފުރިހަމަކުރުން އެމީހެއްގެ މައްޗަށް ވާޖިބު ނޫން ކަމުގެ މައްޗަށެވެ.
ވީމާ ރޯދަ ހިފުމަށް ހޯމަ ވިލޭރޭ ނިޔަތް ގަނެފި މިހާ، ދެން ދުވާލުގެ ދެބައިކުޅަ އެއްބައިން، ޙާއްޖަތެއް ޖެހިގެން ނޫނީ ޙާއްޖަތާކާ ނުލައި ވިޔަސް، ކާން ނިންމައިފި ނަމަ، އޭނާ އަށް އެކަން ޖާއިޒެވެ. އަދި އެއީ ޢާއިޝާ عليها رضوان الله تعالى ގެ ޙަދީޘް ގެ މައްޗަށެވެ.
ފަހެ ޢާއިޝާގެ ޙަދީޘުން ދެމާނައަކަށް ދަލީލު ލިބެއެވެ:
ފުރަތަމަ މާނަ: ރޭގަނޑުގައި ރޯދަ ހިފުމަށް ނިޔަތް ގަނެފި މީހާ، ދުވާލު އެރޯދަ ކަނޑާލުން ހުއްދަކަމެވެ.
ދެވަނަ މާނަ: އާދަމުގެ ދަރިޔާއަށް ދުވާލުގައި ނަފްލު ރޯދައަށް ނިޔަތް ގަތުން ހުއްދަކަމުގައެވެ. އެހެނީ ނަބިއްޔު ﷺ ކޭންބެއްލެވުމަށް އެއްޗެއް ލިބިވަޑައިނުގެންނެވުމުން ޙަދީޘް ކުރެއްވީ: «إني إذاً صائم» "އެހެންވެއްޖެއްޔާ ތިމަންކަލޭގެފާނު މިހުންނެވީ ރޯދައަށެވެ." އެބަހީ، މިއަދުގައި ރޯދަ ހިފުމަށް ކުރިޔަށް ނިޔަތް ގަންނަވަމޭ އެވެ.
=
Comments (0)
Be the first to comment.