އަދި އޭގައި ތިން ވަނަ ފާއިދާ އެއް އެކުލެވެ: އެއީ ޢާޢިޝާ عليها رضوان الله ގެ ޙަދީޘް އިން، (ސީދާ) ރޯދަ ކެނޑުމުގެ ނިޔަތް ނުގަންނަހާ ހިނދަކު،…
This article is available in Dhivehi only.
②
އަދި އޭގައި ތިން ވަނަ ފާއިދާ އެއް އެކުލެވެ: އެއީ ޢާޢިޝާ عليها رضوان الله ގެ ޙަދީޘް އިން، (ސީދާ) ރޯދަ ކެނޑުމުގެ ނިޔަތް ނުގަންނަހާ ހިނދަކު، ރޯދަކެނޑުމުގެ ޢަމަލަކަށް ނިޔަތް ގަތަސް، އެމީހެއްގެ ރޯދަ ނުގެއްލޭ ކަމެވެ. މިއީ، އެހެނީ ނަބިއްޔު ﷺ ރޯދަކެނޑުމުގެ ޢަމަލަކަށް ނިޔަތް ގެންނެވިއެވެ. އެއީ ކެއުމެވެ. އެކަލޭގެފާނު އެދިލެއްވީ ފަރިއްކުޅުއްވާށެވެ. އެހެނަސް ފަރިއްކުޅުއްވާނޭ އެއްޗެއް ލިބިވަޑައި ނުގެންނެވިއެވެ. ވީމާ މިއިން މިކަމުން ރޯދަ ނުކެނޑޭކަމަށް ދަލީލު ކުރެއެވެ. އަދި މިއީ ޖުމްހޫރު ޢިލްމުވެރިން އެކަމުގައި ދެކިލައްވާގޮތެވެ. އެއީ ރޯދަކެނޑުމުގެ "ޢަމަލަކަށް" ނިޔަތް ގަތުން، "ރޯދަ ކެނޑުމަށް" ނިޔަތް ގަތުމާއި ތަފާތުވެގެންވާ ކަމެވެ. މިގޮތުން ރޯދަ ދޫކޮށްލުމަށް (ސީދާ) ނިޔަތް ކަނޑައަޅައިފި މީހާ، އެއްޗެއް ނުކެޔަސް އެކެނޑެއެވެ. އެއީ ނަމާދު ދޫކޮށްލަން ނިޔަތް ގަންނަ މީހެއް ފަދައެވެ.
އަދި ޢިލްމުވެރީން ކުރެ މިހެން ވިދާޅުވާ ބޭކަލުން ވެއެވެ: އެ ބާޠިލުކޮށްލާނެ ޢަމަލެއް ކުރުމުން މެނުވީ، އާދަމުގެ ދަރިޔާގެ އަޅުކަން ނުކެޑި ދެމިއޮންނާނޭ ކަމެވެ. އަދި މިއީ ޙަނަފީންގެ ރައުޔެވެ. އެއީ ރޯދަ ނޫނީ ނަމާދުވިޔަސް އެވެ. އަދި މި އާދަމުގެދަރިޔާ، އޭނާ ކެއުމަށް އެދި އެއެއް ނުލިބިއްޖެ ނަމަ، މިސާލަކަށް އޭނާ އެއްޗެއް ކެއުމަށް ބޭނުންވެ އެހެނަސް ބެލިއިރު ތެލީގައި އެއްޗެއް ނެތުމުން ނުވަތަ ފެން ބޯން ތަށްޓެއް ނަގައި އެހެނަސް އޭގައި ފެން ނެތުންފަދަ އަދި މިޒާތުގެ ކަމަކަށްފަހު، އޭނާ ދެން ރޯދަ ފުރިހަމަ ކުރެއެވެ. ފަހެ ހަމަކަށަވަރުން މިކަމުގައި އޭނާ އަށް (އެ އަޅުކަމަށް) ގެއްލުމެއް ނާދެއެވެ. އެއީ އޭނާ އެ ޢަމަލަށް ނިޔަތް ގަންނަ ޙާލުގައެވެ. އަދި ރޯދަ އޭގެ އަސާސުން ދޫކޮށްލުމަށް ނިޔަތް ނުލާހާ ހިނދަކުއެވެ.
މުޞައްނިފު رحمه الله (ދެން) ވިދާޅުވިއެވެ: ”އަދި ޢުޛުރަކާއި ނުލައި އެއިން ނިކުތުން މަކްރޫހަވެގެން ވެއެވެ. އެއީ (މިކަމުގައިވާ) ޚިލާފުން ބޭރުވުމަށެވެ.“ ﷲ تعالى ގެ މިވަޙީ އިންނެވެ: {وَلا تُبْطِلُوا أَعْمَالَكُمْ} ”އަދި ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލު ނުކުރާށެވެ.“ [محمد:33]
އައްޠަރީފީ: އެކަމަށް ޙާއްޖަތެއް ނުވާނަމަ، މޮޅު އިތުރީ ރޯދަ ފުރިހަމަ ކުރުން ކަން، މިއަށް ޢިލްމުވެރިން ތެރޭ ޚިލާފެއް ނުވެއެވެ. އެހެނީ ނަބިއްޔު ﷺ ކޭންބެއްލެވުމަށް ބޭނުންވެ ވަޑައިގެންނެވިއެވެ. ވީމާ އެއަށް އެއްސެވިއެވެ. އެހެންކަމުން މިފަދަ (އެބަހީ: ބަނޑުހައިވުން ފަދަ) ބޭނުމެއްގައި، އޭގައި މައްސަލައެއް ނުވެއެވެ. އަދި މިކަމުގެ އަސާސީޙުކުމް — އެއީ ހުއްދަކަމެއް ކަމުގައި — ދެމިއޮވެއެވެ. ދެންފަހެ ކެއުމަށް (ނުވަތަ އެނޫން ޙާއްޖަތަކަށް) ބޭނުން ވެފައި ނުވާނަމަ، ސުންނަތް ގޮތީ އޭނާ ނިޔަތް ގަނެގެން ހުރި ރޯދަ ފުރިހަމަ ކުޅައުމެވެ.
ދެންފަހެ އެއްވެސް ނިޔަތެއްގައި ނުވެއްޖެ މީހާ — ރޯދަ ހިފުމަށް ވިޔަސް ނޫނީ ނުހިފުމަށް ވިޔަސް — ދެން ދުވާލުވެ ނުކައިހުރެއްޖެ ހިނދު؛ މިއީ ވަރަށް ގިނަ މީހުން ދުވަސް ފަށާފަދައިން އަދި ހިތުގެ ނިޔަތެއް ރޯދަ ނުހިފުމަށް ނޫނީ ހިފުމަކަށްވެސް ނެތް ގޮތުގައި، ދެން އޭނާ އަމިއްލަ ޙާލަށް ބަލައި ޢަމަލުކުރެއެވެ. ފަހަރުގައި ރޯދަ ހިފާން ލޯބިކޮށް ރޯދަ ހިފުމަށެވެ. ނޫނީ ނުހިފުމަށެވެ. ކާއެއްޗެއް ލިބިއްޖެނަމަ ކައެވެ. އަދި ނެތްނަމަ ބުނެއެވެ: އަހަރެން ބޭނުމީ ރޯދައަށް ހުންނާށެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.