މެދުފޮއިރޯދަ ހިފުމަށް ވާރިދުވެފައިވާ ރިވާޔަތްތަކަށް އަވަސް ބަލައިލުމެއް
This article is available in Dhivehi only.
🌕 މެދުފޮއިރޯދަ ހިފުމަށް ވާރިދުވެފައިވާ ރިވާޔަތްތަކަށް އަވަސް ބަލައިލުމެއް
”އައްޔާމުލް ބީޟް“ ގެ ރޯދަ ނުވަތަ މެދުފޮއިރޯދަ⁽¹⁾ ހިފުން މަރްފޫޢުކޮށް ޞައްޙަވުމާއިމެދު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. އެބަހީ ނަބިއްޔު ﷺ ގެ ބަސްފުޅުން އެކަން ޘާބިތުވުމާއި މެދުގައެވެ.
އިބްނު ޙިއްބާން އާއި ޙާކިމް އާއި އެނޫން ބޭފުޅުން އެ ރިވާޔަތް ސައްޙަ ކަމަށް ވިދާޅުވިއެވެ.
⚠️އެހެނަސް އެރިވާޔަތުގައި ހާމަނޫން ބަލިކަށިކަމެއް އެކުލެވެއެވެ.
އިބްނު ޙަޖަރު އެ ރިވާޔަތް ޞައްޙަ ކުރެއްވި އިރު ވިދާޅުވީ، ޞައްޙައީ އަބޫ ޛައްރު އަރިހުން ވާ ރިވާޔަތް "މަޥްޤޫފު ގޮތުގައި" ކަމަށެވެ.
އެބަހީ އަބޫ ޛައްރު ފަރާތުން ނަބިއްޔު ﷺ އަށް ނިޞްބަތް ކުރައްވައި "ނަބިއްޔު ﷺ އަމުރު ކުރެއްވިޔޭ..." މިހެން ޞައްޙަވެފައި ނެތުމެވެ. ޞައްޙަ ވެފައިވަނީ އަބޫ ޛައްރު އެ 3 ދުވަހު ރޯދަ ހިއްޕަވާކަމެވެ.
⚠️އައްނަސާއީ ރިވާކުރެއްވި މަރްފޫޣު ރިވާޔަތުގެ ވެސް ހާމަނޫން ބަލިކަށިކަމެއް ވާކަމަށް އިޝާރަތް ކުރެއްވިއެވެ. އަދި ޞައްޙަ ކަމުގައި ވަރުގަދަ ބައެއް ރިވާޔަތާއި މިރިވާޔަތް ތަޢާރުޟުވުން ވެސް ހިމެނެއެވެ.
ފުރަތަމަ ކަމަކަށް މި ރިވާޔަތުގައި ވާ ޔަޙްޔަާ ބިން ބައްސާމް އެހާ ވަރުގަދައެއް ނޫނެވެ. އެހެނަސް އިބްނު ޙިއްބާން އޭނާ "އިތުބާރުވާ މީހުން" ތެރޭ ކަނޑައަޅުއްވައި، އަބޫ ދާވޫދު އޭނާގެ "އެހާބޮޑު މައްސަލަޔެއް ނެތޭ" (لا بأس به) ވިދާޅުވި ވިދާޅުވުމަށް —ބަޙުޘަށްޓަކައި ބަލައި —މިރިވާޔަތް ޞައްޙަ ކަމަށް ބުންޏަސް: ސަނަދުގައި ދެން ހިމެނޭ: މޫސާ ބުނު ތަލްޙާ އާއިމެދު ވެސް ޚިލާފުވެއެވެ.
އައްނަސާއީ މިކަމަށް އިޝާރަތް ކުރެއްވިއެވެ. އެހެނީ އައްނަސާއި ގައި މޫސާ ބުނު ތަލްޙާގެ މަގުން އަބޫ ހުރައިރާ އަރިހުން ސަނަދު (ބޭރުފުށަށް) އެއްކޮށް ޞައްޙަ ގޮތުގައި މި ރިވާޔަތް ވާރިދުވެފައިވެއެވެ.
އޭގައި އެކުލެވުނު އަނެއް ހާމަނޫން ބަލިކަށިކަމަކީ: އަބޫ ހުރައިރާ މަހެއްގެ 3 ރޯދަ ހިއްޕަވަނީ އެމަސް ފެށުމުގައި ކަމަށް، އަޙުމަދުގައިވާ ރިވާޔަތެވެ. އެގޮތުން އައްނަސާއި ގެ ޙަދީޘް ދެބަސްވުންތަކާއި އެކު ބޭރުފުށަށް ޞައްޙަކަމަށް ނިންމިޔަސް، އަބޫ ހުރައިރާގެ ޢަމަލު ވަނީ އެޔާއި ޚިލާފަށެވެ.
⬆️ މިގޮތުން މެދުފޮއިރޯދައިގެ ޙަދީޘްތަކާއިމެދު އިލްމުވެރިން ދެބަސްވެ ލެއްވިއެވެ. އަދި އިމާމް މުސްލިމް އެކަލޭގެފާނުގެ "ސަޙީޙް" (1160) ގައި މުޢާޛަތުލް ޢަދަޥިއްޔާ އަރިހުން އެކަމަނާ ޢާއިޝަތުގެފާނާއި ސުވާލު ކުރެއްވި ކަމަށްވެއެވެ: ނަބިއްޔާ ކޮންމެ މަހަކު 3 ދުވަހު ރޯދަ ހިއްޕަވާތޯ އެވެ؟ ޢާައިޝާ ވިދާޅުވިއެވެ "އާއެކެވެ." ތިމަން ދެންނެވީމެވެ: އެކަލޭގެފާނު ރޯދަ ހިއްޕެވީ މަހުގެ ކޮން ދުވަސް ތަކެއްގައި ތޯއެވެ؟ ޢާައިޝާ ވިދާޅުވިއެވެ: ”އެކަލޭގެފާނު ވަކި މިވެނި ދުވަހެއް ރޯދަ ހިއްޕެވުމަކަށް ކަނޑަ ނާޅުއްވައެވެ.“
މިރިވާޔަތުން ހާމަވަނީ ނަބިއްޔު ﷺ ވަކި ދުވަހެއް އެތިން ރޯދަޔަށް ޚާއްޞަކުރެއްވިކަން ޢައިޝަތުގެފާނަށް ނޭނގޭކަމެވެ.
އެހެނަސް ޘާބިތީ ހަނދުމަހުން 3 ދުވަހު ރޯދަ ހިފުމަށް އުއްމަތަށް ހިތްވަރު ދެއްވިކަމެވެ.
އަދި ދެސަޙީޙުގައި އަބޫ ހުރައިރާ އަށް 3 ކަމެއް ރަސޫލު ﷲ ﷺ ވަޞިއްޔަތް ކުރެއްވިކަމަށް އޮތް ޙަދީޘުގައި، އަބޫ ހުރައިރާ ވިދާޅުވިއެވެ: "މަހެއްގެ 3 ދުވަހު ރޯދަ ހިފުމަށް" ވައްޞިއްޔަތް ކުރެއްވިއޭ އެވެ.
އަދި މުސްނަދާއި އެނޫން ފޮތުގައި ރިވާވެގެންވެއެވެ: "ފަހެ އަބޫ ހުރައިރާ މަހުގެ ފެށުމުގައި 3 ދުވަހު ރޯދަ ހިއްޕަވައެވެ"
🤚މުސްލިމުންނަށް ކޮންމެ ހަނދުމަހެއްގައި 3 ދުވަހު ރޯދަހިފުން އެދެވިގެންވެއެވެ.
އަދި ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ”އައްޔާމުލް ބީޟް“ (13،14،15) ގައި އެކަން ކުރުމަށް އެދެވިގެން ވާކަމަށް ކަނޑަ އެޅުއްވިއެވެ.
އެއީ އެކަމުގައިވާ ޙަދީޘްތައް މަރްފޫޢަގޮތުގައި ބަލިކަށިކަމެއް ހުރުމާއިއެކުގައެވެ.
އަދި އިބްނު ޢައްބާސް އާއި ސުވާލު ވެވުމުން، ޢުމަރުގެފާނު އެދުވަސް ތަކުގައި ރޯދަ ހިއްޕަވާ ކަމަށް ވިދާޅުވިއެވެ.
⬆️ ޞައްޙައީ މިގޮތެވެ. އެއީ ބަޔެއް ޞަހާބީންނާއި ޚަލީފާއިން އެދުވަސް ތަކުގައި ރޯދަ ހިއްޕެވިކަން ޘާބިތުވުމެވެ.
މަތީގައި އެވަނީ ޝެއިޚް ސުލައިމާން އަލްޢަލްވާން ފަތުވާއަށް ބިނާކޮށެވެ. އެއީ ”ބުލޫޣުލް މަރާމް“ ގެ ޝަރަހައިންނެވެ.
⬆️މީގެ އިތުރުން: މިއީ ޝެއިޚް ޢަބްދުﷲ އައްސަޢުދާއި އައްޠަރީފީގެވެސް ރައުޔެވެ.
އަދި ޞަޙީޙު މުސްލިމްގައި ވާފަދައިން، ނަބިއްޔު ﷺ ހޯމަ ދުވަހު ރޯދަ ހިއްޕެވިކަން ޘާބިތެވެ. އަދި ވަކިވަކިން 3 ރޯދަ ހޯމަ ތަކުގައި ހިފިޔަސް މެދުފޮއެގައި ހިފިޔަސް، ހޯމަޔާއި ބުރާސްފަތި ނޫނީ އެނޫން ދުވަހަސްތަކަކު ވިޔަސް، ހަނދުމަހު 3 ރޯދައިން މިސުންނަތް އަދައުވީއެވެ. މީގައި އިޚްތިޔާރު ތަނަވަސްވެގެން ވެއެވެ —الله أعلم
(ނޯޓް: އަޙްމަދާއި އައްތިރުމިޛީ ރިވާކުރެއްވީ ހޯމައާއި ބުރާސްފަތީގައި ރޯދަހިއްޕެވުން، މީގެ ޞައްޙަކަމާއިމެދު ޚިލާފެއްވާކަން އަހަރެމެން ކުރިންވާނީ ބަޔާންކޮށްފައެވެ.)
~ގަލަންދާނު
ـــــــــــــــــ
[1] މެދުފޮއިރޯދަ: ”ކޮންމެ ހަނދުމަހެއްގެ 13، 14، 15 މިތިން ދުވަހުގެ ރޯދަ.“ (ދިވެހިބަހުގެ ރަދީފު)
Comments (0)
Be the first to comment.