މިއާއިއެކު އަބޫ ޔޫސުފު ވިދާޅުވަނީ: ދުޅަހެޔޮ އާދައިގެ އިންސާނެއް ހޭދަކުރާ ފަދައިން އޭނާގެ ހޭދަތައް ކުރެވިދާނެއެވެ. އެހެނީ އޭނާ އިސްލާމް…
This article is available in Dhivehi only.
❸
މިއާއިއެކު އަބޫ ޔޫސުފު ވިދާޅުވަނީ: ދުޅަހެޔޮ އާދައިގެ އިންސާނެއް ހޭދަކުރާ ފަދައިން އޭނާގެ ހޭދަތައް ކުރެވިދާނެއެވެ. އެހެނީ އޭނާ އިސްލާމް ކަމަށް ރުޖޫޢަވުން އެކަށީގެން ވެއެވެ. އެހެންކަމުން ޤަތުލުން މިންޖުވެއެވެ. އެހެނަސް ބަލިއެނދުގައިވާ މީހާ: އޭނާގެ އަމިއްލަ ފުށަކު އެބަލިން މިންޖުވުމުގެ ކުޅަދާނަކަމެއް ނުވެއެވެ. އެހެންކަމުން އެދެމީހުން އަޅައިނުކިޔޭނެއެވެ.
އަދި މުޙައްމަދު ވިދާޅުވަނީ: އޭނާގެ ހޭދަތައް ބެލެވެންޖެހޭނީ މަރުބަލީގައި އޮންނަ މީހާ ފަދައިންނެވެ. އެބަހީ: ތިންބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު އެއްޗެއް އޭނާއަށް އެއިން ހޭދަނުކުރެވޭނެއެވެ. އެހެނީ މުރުތައްދު މީހާ ވަނީ މަރަށް ހުށަހެޅިފައި ކަމުންނެވެ. އެއީ އޭނާގެ ޢުޤުބާތް ތަންފީޒުވުމެވެ. އެއީ ޤަތުލެވެ. އެހެންކަމުން މަރުބަލީގައި އޮންނަ މީހަކާއި އޭނާ އެއްފަދައެވެ.
މިތާގައި ފާހަގަ ކޮށްލަން ޖެހެނީ، އަބޫ ޙަނީފާ އެކަލޭގެފާނު ގެ ދެޞާހިބުންނާއި އޮތް ދެބަސްވުމަކީ މުރުތައްދު ފިރިހެނާ އާއިމެދުގައެވެ. ދެންފަހެ މުރުތައްދު އަންހެނާ، އެތިންބޭކަލުންގެ ދެބަސްވުމެއް ނެތި، އޭނާގެ މުދަލުގެ މިލްކިއްޔާތު އޭނާފުށުން ނިގުޅުން ނުވެއެވެ. އަދި އޭނާ އެއިން ކުރާ ހޭދަވެސް ބަލައިގަނެވެއެވެ. އެހެނީ އެބޭކަލުންގެ ގާތު (މުރުތައްދު) އަންހެނާ ޤަތުލުވުމެއް ނުވެއެވެ. ވީމާ އޭނާގެ މުރުތައްދުވުމަކީ އޭނާގެ މުދަލުގެ މިލްކިއްޔާތު ނިގުޅެވުމަށް އޮތް ސަބަބެއް ނޫނެވެ. އެހެންކަމުން އެއިން އޭނާއަށް ހޭދަކުރެވެއެވެ.⁽³⁾
• މުރުތައްދުންގެ މުދާ، ވާރުތަ މުދަލާއި ފަޔިއު އާއި ދެމެދު
އައްޝައިޚް އަބުލް މުންޛިރުއް ޝަންޤީޠީ ވިދާޅުވިއެވެ:
ދެންފަހެ މުރުތައްދު ގެ މުދަލާއިމެދު ޢިލްމުވެރިން ވިދާޅުވަނީ: މުސްލިމުންގެ ތެރެއިން އޭނާގެ ވާރުތަވެރިންނަން ވާރުތަ ކުރާނީ ކަމުގައެވެ. އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވަނީ އެއީ މުސްލިމުތަކުންނަށް ފަޔިއު ކަމުގައެވެ.
އައްނަވަވީ ވިދާޅުވިއެވެ: އައްޝާފިޢީ އާއި މާލިކު އަދި ރަބީޢާ އާއި އިބްނު އަބީ ލައިލާ އަދި އެނޫން ބޭކަލުން ގެ ގާތުގައި މުރުތައްދެއް ފުށުން މުސްލިމު މީހަކަށް ވާރުތައެއް ނުކުރާނެއެވެ. އަދިކިއެއްތަ؟ އެވެގެންދަނީ މުސްލިމުތަކުންނަށްވާ ފަޔިއު ކަމުގައެވެ.
އަދި އަބޫ ޙަނީފާ އާއި ކޫފާގެ ބޭކަލުން އަދި އަލްއަޥްޒާޢީ އާއި އިސްޙާޤު ވިދާޅުވަނީ އޭނާގެ ފުށުން އޭނާގެ މުސްލިމު ވާރުތަވެރިންނަށް ވާރުތަކުރާނޭ ކަމެވެ. ޢަދި މިފަދައިން ޢަލީ އާއި އިބްނު މަސްޢޫދު އާއި ސަލަފުންގެ ތެރެއިން ޖަމާޢަތެއް ފުށުން ރިވާވެފައިވެއެވެ. އެހެނަސް (ސަލަފުން ތެރެއިން) އައްޘަޥްރީ އާއި އަބޫ ޙަނީފާ ވިދާޅުވަނީ، އޭގެ ތެރެއިން މުސްލިމުތަކުންނަށް (ފަޔިއު ގޮތުގައި) ވަނީ އޭނާގެ ރިއްދާ ގެ ތެރޭގައި ހޯދާފައިވާ އެއްޗެއް ކަމެވެ. އަދި އެނޫން އެންމެން ވިދާޅުވީ އެ އެކީ އެއްކޮށް (ވާރުތަވެރިންގެ) މުސްލިމުންނަށް ވާތުރަވާނޭކަމުގައެވެ.
شرح النووي على مسلم - (11 / 52).
އަދި ވާރުތަވުން ނުވާ ކަމުގެ ޤަޥްލަށް އަހަރެމެން ބެލިޔަސް، އެމުދަލަކީ ފަޔިއު އެވެ. ޣަނީމާ އެއް ނޫނެވެ. އަދި ޣަނީމާ، ފަހެ އެއީ ކާފަރުންނާއި ހަނގުރާމަކޮށް ނިގުޅައިގަނެވޭ މުދަލެވެ. އަދި އެ ގުޅިފައިވަނީ ޢަދުއްވުންނާއި ހަނގުރާމަ ކުރުމާއި އެވެ. އިމާމު މީހާ އަކާއި ނޫނެވެ. (އެބަހީ: އިމާމެއްގެ ދަށުން ނޫނީ ވަކިން ވިޔަސް އެވެ.) އަދި ޙަރުބީ (ކާފަރު) ގެ މުދާ އެންމެހާ ޙާލަތެއްގައި ހުއްދައެވެ. އެހެނަސް (ވިސާ ފަދަ) ޢަހުދެއް އަދި އަމާނެއް ދެވިފައިވާ ހިނދެއްގައި މެނުވީއެވެ. އަދި އެވެރިން ފުށުންވެސް ހަނގުރާމައަކާއި ނުލައި ނެގޭ އެއްޗަކީ ފަޔިއު އެވެ. ޣަނީމާއެއް ނޫނެވެ. (މި ނުކުތާގައި ޚިލާފެއް ވެއެވެ. އެހެނަސް މިއީ އަހަރެމެންގެ މިވަޤުތުގެ މަޥްޟޫޢުއެއް ނޫނެވެ.)
______________
⁽³⁾ މިހިސާބަށް، އައްޒުޙައިހީ ގެ ބަސްކޮޅު ނިމުނީ. (މަޞްދަރު) އިތުރަށް ރުޖޫޢަވުމަށް: راجع الموضوع في المبسوط: 101/ 10، الكتاب مع اللباب: 150/ 4 وما بعدها، البدائع: 136/ 7، فتح القدير: 390/ 4 - 397، تبيين الحقائق: 285/ 3، الدر المختار: 328/ 3، الشرح الكبير للدردير: 305/ 4 وما بعدها، مغني المحتاج: 142/ 4 وما بعدها، المغني: 128/ 8 وما بعدها، غاية المنتهى: 361/ 3، المبدع شرح المقنع لابن مفلح المؤرخ الحنبلي: (916 - 984 هـ) طبع المكتب الإسلامي بدمشق.
⁽⁴⁾ އަބުލް މުންޛިރުއް ޝަންޤީޠީ، މިންބަރުއް ތަޥްޙީދް (މަޞްދަރު)
Comments (0)
Be the first to comment.