އަންހެން މީހާ މަޙުރަމަކާއި ނުލައި ޙައްޖުވުމުގެ ޙުކުމް
This article is available in Dhivehi only.
①
📌 އަންހެން މީހާ މަޙުރަމަކާއި ނުލައި ޙައްޖުވުމުގެ ޙުކުމް
(މީގެ ދަށުން: އަންހެނާ މަޙުރަމަކާއި ނުލައި ދަތުރު ކުރުމާއި ހިލޭފިރިހެނަކާއި އެކަހެރި ވުމުގެ ޙުކުމް)
— ޙާފިޡު އިބްނު ޙަޖަރު ގެ ބުލޫޣުލް މަރާމް ގެ 718 ވަނަ ޙަދީޘް ގެ، އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާންގެ ޝަރަޙަ އިން.
🔻🔻🔻
وَعَنْهُ: سَمِعْتُ رَسُولَ اَللَّهِ - صلى الله عليه وسلم -يَخْطُبُ يَقُولُ: { " لَا يَخْلُوَنَّ رَجُلٌ بِاِمْرَأَةٍ إِلَّا وَمَعَهَا ذُو مَحْرَمٍ, وَلَا تُسَافِرُ اَلْمَرْأَةُ إِلَّا مَعَ ذِي مَحْرَمٍ " فَقَامَ رَجُلٌ, فَقَالَ: يَا رَسُولَ اَللَّهِ, إِنَّ اِمْرَأَتِي خَرَجَتْ حَاجَّةً, وَإِنِّي اِكْتُتِبْتُ فِي غَزْوَةِ كَذَا وَكَذَا, قَالَ: " اِنْطَلِقْ, فَحُجَّ مَعَ اِمْرَأَتِكَ " } مُتَّفَقٌ عَلَيْهِ, وَاللَّفْظُ لِمُسْلِمٍ
އަދި އެކަލޭގެފާނު (އިބްނު ޢައްބާސް) އަރިހުން: ރަސޫލު ﷲ ﷺ ޚިޠާބު ކުރައްވައި ޙަދީޘްކުރެއްވީތީ ތިމަންކަލޭގެފާނު އަޑުއެހީމެވެ: ”ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރިނުވާށެވެ. އެކަނބުލޭގެއާއި އެކު މަހުރަމެއް ވެއްޖެ ހިނދެއްގައި މެނުވީއެވެ. އަދި އެއްވެސް އަންހެނަކު، މަޙުރަމަކާއި ނުލާ ދަތުރު ނުކުރާހުށި ކަމެވެ.“ ފަހެ ކޮޅަށްތެދުވެ މީހަކު ދަންނަވާފިއެވެ: ”އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ އަނބި ކަނބަލުން ވަނީ ޙައްޖަށް ދިޔުމަށްޓަކައި ނުކުމެފައެވެ. އަދި ތިމަންކަލޭގެފާނު މިވަނީ އެވެނި ހަނގުރާމައަކަށް ދިޔުމަށްޓަކައި ނަން ލިޔެފައެވެ.“ ޙަދީޘް ކުރެއްވިއެވެ. ”އަވަހަށް ގޮސް ތިބާގެ އަންހެނުންނާއި އެކު ޙައްޖު ވާށެވެ.“ (އަލްބުޚާރީ އާއި މުސްލިމް) ދެބޭކަލުން އިއްތިފާޤުވެލެއްވި (ޙަދީޘެއް.) އަދި މިތާގައި މިވާ ލަފުޡަކީ މުސްލިމްގެ ރިވާޔަތުން.
އަލްޢަލްވާން ގެ ޝަރަޙަ:
އަލްބުޚާރީ رحمه الله ވިދާޅުވިއެވެ: އަހަރެމެންގާތު ޤުތައިބަތު ބުނު ސަޢީދު ބުންޏެވެ: ސުފްޔާން ބުނު ޢުޔައިނާ އަހުރެން ގާތު، ޢަމްރު ބުނު ދީނާރު އަރިހުން، އަބީ މުޢައްބިދު އަރިހުން، އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُما އަރިހުންނޭ އެވެ. (މިއީ އެރިވާޔަތުގެ ސަނަދެވެ.)
އަލްއިމާމު މުސްލިމް رحمه الله ވިދާޅުވީ، އަހަރެމެންގާތު ޢަބޫ ބަކްރު އިބްނު އަބީ ޝައިބާ ވިދާޅުވިއޭ: އިބްނު ޢުޔައިނާ އަހަރެމެންނަށް ޚަބަރު ދެއްވިޔޭ، މިގޮތަށެވެ.
އިތުރުއެކަލޭގެފާނުން ގެ ބަސްފުޅު: (( لا يخلون رجل بامرأة )) ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރިނުވާށެވެ.“ އަންހެނުން ހިލޭ ފިރިހެނުންނާއި އެކަހެރި ވުމުގެ ޙަރާމް ކަމުގެ މައްޗަށް ޢިލްމުވެރިން رحمهم الله ވަނީ އިޖުމާޢުވެލައްވާފައެވެ. އެއީ އޭނާގެ އަޚު ގެ އަންހެނުން (އެބަހީ: ފަހަރި) ނޫނީ ބޮޑުބޭބެގެ އަންހެނުން ނޫނީ މާބެ އަންހެނުން ކަމުގައި ވިޔަސް އެވެ. އަދި ދެޞަޙީޙުގައި ޢުޤްބާ ގެ ޙަދީޘްތަކުން، އައިސްފައިވެއެވެ: ރަސޫލު ޙަދީޘް ކުރެއްވިއޭ: (( إياكم والدخول على النساء )) ”އަންހެންވެރިންގެ ތެރެއަށް ވަނުމުން ތިޔަބައިމިހުން ރައްކާވެ ތިބޭށެވެ.“ މިހެންކަމުން މީހަކު ބުނެފިއެވެ: ”އޭ ﷲ ގެ ރަސޫލާ އެވެ! الْحَمْوَ އާއި މެދު ދެކިވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ.“ — ޙަމްވަ އަކީ ފިރިމީހާގެ ގާތްތިމާގެ މީހުންނެވެ. އޭނާގެ އަޚު (އެބަހީ: އަންހެން މީހާގެ ޅިޔަނުން) އަދި އެނޫންވެސް އެވެ — އެހެންކަމުން ރަސޫލު ޙަދީޘް ކުރެއްވިއެވެ: (( الحمو الموت )) ”އަލްޙަމްވަ އަކީ މަރެވެ.“ އެބަހީ އަލްޙަމްވަ އަކީ ފަހެ ހަލާކެ ކޭއެވެ. އެހެނީ އޭނާ އަށް އަމާންވެ ދެން މަނަޔަށް ވެއްޓެއެވެ. އަދި އަލްއިމާމް މުސްލިމް ގެ ޞަޙީޙު ގައި، ހުޝައިމު ބުނު ބަޝީރު ގެ ޙަދީޘް ތަކުން، އަބުއް ޒުބައިރުލް މައްކީ އަހަރެމެންގެ ގާތު ވިދާޅުވިއޭ، ޖާބިރު ބުނު ޢަބްދު ﷲ އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: (( ألا لا يبيتنَّ رجل عند امرأة ثيب إلا أن يكون ناكحاً أو ذا محرم )) ”ދަންނައެ! ޘައްޔިބު އަންހެނެއްގެ ގޭގައި، އޭނާ އާއި ކައިވެނިކޮށްގެން ނުވަތަ އޭނާގެ މަޙުރަމެއްގެ ގޮތުގައި މެނުވީ އެއްވެސް ފިރިހެނެއް ރޭނުކުރާށެވެ.“ އަދި "ޘައްޔިބު" (ހުސްހަށިބައި ވެފައިވާ އަންހެނާ) އޭ މިތާގައި މިއޮތީ، 'ޢާންމުކޮށް ދިމާވާ ގޮތުގެ މައްޗަށެވެ. އަދި އެއާއި އިދިކޮޅު ފަހުމް ނުހިމެނެއެވެ.'⁽¹⁾ (އެބަހީ: ޘައްޔިބެއް ނޫންނަމަ ޙުކުމް ވަކި ބަދަލު ނުވެއެވެ.)
އަދި އައްތިރުމިޛީ ގައި، އަދި އެކަކޭގެފާނު އެ ހަސަނު ކުރައްވައި، ޢުމަރުގެ ޙަދީޘް ތަކުން ރިވާވެފައިވެއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: (( ما خَلا رجُلٌ بامرأةٍ إلَّا وكان الشَّيطانُ ثالثَهما )) ”ތިންވަނަ ފަރާތަކީ ޝައިޠާނާ ކަމުގައި ނުވާ ގޮތެއްގައި އަންހެނަކާއިގެން (ހިލޭ) ފިރިހެނަކު އެކަހެެރި ނުވާނެ އެވެ.“
------------------------
[1] خرج مخرج الغالب ولا مفهوم له މިއީ ފިޤުހީ ޤަވާޢިދެކެވެ.
=
Comments (0)
Be the first to comment.