މިސަބަބަށްޓަކައި އިހު ބަޔާންވެވުނު އިބްނު ތައިމިއްޔާގެ ފަތުވާގެ ތަޢުލީޤުގައި އަލްއުޘައިމީން ވިދާޅުވިއެވެ
This article is available in Dhivehi only.
②
⬆️މިސަބަބަށްޓަކައި އިހު ބަޔާންވެވުނު އިބްނު ތައިމިއްޔާގެ ފަތުވާގެ ތަޢުލީޤުގައި އަލްއުޘައިމީން ވިދާޅުވިއެވެ:
❞ ޝެއިޚު (އިބްނު ތައިމިއްޔާ) رحمه الله ގެ މިބަސްފުޅު އާދަޔާ ޚިލާފެވެ. އެހެނީ އެއުރެންގެ ޢީދުތަކުގައި ހަދިޔާ ޤަބޫލު ކުރުމުގައި، އެވެރިންގެ ޢީދުތަކަށް ރުހޭ ކަމުގެ އިހުސާސެއް ވެއެވެ. އެހެންވިޔަސް، އަޞްޙާބު ބޭކަލުން رضي الله عنهم ގެ އަރިހުން، މިކަމުގައި (ހުއްދަ ދޭހަކޮށްދޭ) އާޘާރުތައް އެބަހުއްޓެވެ. ފަހަރެއްގައި އަޞްޙާބުބޭކަލުން އެތަކެތި ޤަބޫލުކުރެއްވީ އެއީ އިސްލާމްކަން ވަރުގަދަޔަށް އޮތް ވަޤުތެއްކަމަށް ވެފައި، އެކަން ކޮށްގެން މީސްތަކުންނަށް ކުށްހީއެއް ނާރާފާނޭ ކަމަށްޓަކައެވެ. އަދި މުސްލިމުތަކުން ކާފަރުންނަށްވުރެ އަރައިތިބިކަން ކާފާރުންވެސް ރަނގަޅަށް ދަނެތިބީތީކަމަށް ވެދާނެއެވެ.
އެހެނަސް އަހަރެމެންގެ މިޒަމާނުގައި، ކާފަރުން ފުށުން އެވެރިންގެ ޢީދު ޙަފުލާތަކުން ހަދިޔާ އަހަރެމެން ޤަބޫލުކޮށްފިނަމަ، އެވެރިން އެކަމާ ހިތްއުފައު ވެދާނެއެވެ. އަދި ބުނެދާނެއޭ: މުސްލިމުންވެސް މިދުވަހަކީ ޢީދެއްކަމުގައި އެއްބަސްވެއްޖެއޭ އެވެ.
މިސަބަބަށްޓަކައި މިމައްސަލަ (ހުއްދަކަމަށް ބުނެވޭއިރު) ތަފްޞީލުކުރުން އަހަރެމެންނަށް ޒަރޫރު ވެއެވެ. (އަދި ހުއްދައޭ ބުނެވޭ އިރު) ބުނެވުން ވަނީ: ކާފަރުން އޭގެ ސަބަބުން ހިތްމޮޅުވެ ދަރަޖަވެރިވެދާނެކަމުގެ ބިރުއޮވެއްޖެނަމަ، އަދި މިއީ އަހަރެމެން ފުށުން އެވެރިންގެ ޢީދުތަކަށް ރުހުން ލިބުން ކަމަށް ހީކުރާނަމަ، އެހިނދު އެހަދިޔާ ޤަބޫކުކުރުން ނުވެޔޭ އެވެ. ❝ — اهـ.
(ބަލައިހޯދުމަށް: شرح اقتضاء الصراط المستقيم ١/٤٠٩)
އަދި މީގެން ބަޔާންވަނީ އެހަދިޔާ، އޭގެ ޒާތުގައި ހުއްދަނޫނީކީ ނޫންކަމެވެ. އެހެނަސް އެކަން ޝަރުޠުކުރައްވަނީ އެކަމުގެ ބޭރުން އަންނަ މަޞްލަޙަތުތަކެއްގެ މައްޗަށް ކަމެވެ.
⬆️ޝެއިޚް ސަޢްދުލް ޚަޘްލާން ވިދާޅުވިއެވެ:
❞ ...(ޢީދުމީލާދު ބިދުޢައެއް ކަމުގައި ވުމާއި އެކުވެސް) މީހަކަށް އޭގައި ތައްޔާރުކުރެވޭ ކާއެއްޗެއް ހަދިޔާ ކުރެވިއްޖެނަމަ، އަހަރެންނަށް ބުރަވެވެނީ، އެ ޤަބޫލުކުރުމުގައި މައްސަލައެއް ނެތް ކަމެވެ. އެއީ ކާފަރުންގެ ޢީދުތަކުން އެއްޗެއް ހަދިޔާކުރެވިއްޖެނަމަ އެއެއްޗަކީ ޒަބީހާއެއް (އެބަހީ: އެއްގަމުމަހެއް) ކަމުގައި ނުވާހާ ހިނދަކު، އެއެއްޗެއް ޤަބޫލުކުރުން ޖާއިޒުކަމުގެ މައްޗަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅު މީގެ އަސާސަކަށް ބަލައެވެ. މިކަން އަބުލް ޢައްބާސް އިބްނު ތައިމިއްޔާ އާއި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ވަނީ ޛިކުރު ކުރައްވާފައެވެ.
ކާފަރުންގެ ޢީދަށް މިކަން ހުއްދަނަމަ، ފަހެ އެނިސްބަތުން އަޅާކިޔާއިރު، މުސްލިމުން ޝަރީޢަތާއި ޚިލާފަށް ކުރާ މިފަދަކަމެއްގައި އެކަން ހުއްދަވުމުގެ އައުލާކަން އެއަށްވުރެ ބޮޑުވާނެއެވެ. ❝ — اهـ.
⬆️އަދި ޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ އާއި ސުވާލުވެވުނެވެ:
”ނަބިއްޔާގެ ޢީދުމީލާދުގައި ބެހޭ ކާތަކެތި ކެއުން ހުއްދަހެއްޔެވެ؟“ ޖަވާބު: ”އެއީ އެއްގަމު މަސް ނޫން އެއްޗެއް ނަމަ ކެއުން ހުރިހާ އިރެއްގައި ހުއްދައެވެ. (އެބަހީ: އެފަދަ ހަފުލާއަކާއި ވިދިގެން ދެވޭ އެއްޗެއް ނޫން އެނޫން ވިޔަސްއެވެ.) އަދި އެއީ އެއްގަމު މަސް ކަމުގައި ވެފައި، ކަތިލެވޭއިރު އޭގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަނެވިފައިވާނަމަ، އެކެއުމުގައި މައްސަލައެއް ނުވެއެވެ. ދެންފަހެ އެ ކަތިލެވުނީ ﷲ ނޫން ފަރާތެއްގެ ނަންގަނެވިގެން ނަމަ، އެއިން ނުކާށެވެ.“— اهـ. އަދި އެނޫން ތަނެއްގައި ވިދާޅުވިއެވެ: ”އެއިން ހަލުވާ ކެއުން ހުއްދައެވެ. އަދި އެދުވަހަށް ޚާއްޞަކޮށްގެން ވިއްކަން ނެރެފަހުރި ހަލުވާއެއް ގަނެގެން ކެއުންވެސް ހުއްދައެވެ.“ (ޚުލާޞާކޮށް) . اهـ.
⬆️ޢަބްދުލް ޢަޒީޒް އައްޠަރީފީ ވިދާޅުވިއެވެ:
❞ (ސ) ޢީދުމީލާދުއަށް ކަތިލެވޭ އެއްގަމު މަހުން ކެއުން ހުއްދަ ހެއްޔެވެ؟ (ޖަވާބު) : ޢީދުމީލާދު ގެ ދުވަހު ﷲ އަށްޓަކައި ކަތިލެވި އަދި އޭގެ މައްޗަށް ﷲގެ ނަންގަނެވި ކަތިލެވޭ ތަކެތި: ޙަލާލު ވެގެން ވެއެވެ. އެއީ އެ މުނާސަބަތަކީ އޭގެ ޒާތުގައި ޝަރުޢުވެގެން ނުވާ އެއްޗެއް ކަމުގައިވާ ހިނދުގައެވެ. އެހެނީ އެކަމުން އަދި ކާތަކެތީގެ ބާވަތަށް ޙަރަމް ކަން ނުގެނުވައެވެ. ❝ — اهـ.
⬆️އަދި މީގެ އިތުރުން އިސްލާމްވެބް ގެ ފަތުވާބޯޑުގެ ނިންމެވުންތައް ވަނީ މިއުޞޫލުގެ މަތިންނެވެ. (އިތުރަށް ބެލުމަށް ފަތުވާ 45347 ޢަރަބި، ފަތުވާ 155858 އިނގިރޭސި).
~ ގަލަންދާނު 🖋
Comments (0)
Be the first to comment.