ޖަމާޢަތެއްފުށުން ސަލާމަށް އެކަކު ރައްދުދިނުން
This article is available in Dhivehi only.
📝 ޖަމާޢަތެއްފުށުން ސަލާމަށް އެކަކު ރައްދުދިނުން
▶️وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ ◀️
ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ!
❞ ޖަމާޢަތެއްގެ ފުށުން އެކަކު ˺ސަލާމުގެ˹ ރައްދު ދިނުމާއިމެދު އެބޭކަލުން (ޢިލްމުވެރިން) ޚިލާފުވެލެއްވިއެވެ: އޭގެން ފުދޭނެހެއްޔެވެ؟ ނުވަތަ ނޫންހެއްޔެވެ؟
އެގޮތުން ˺އިމާމް˹ މާލިކާއި އައްޝާފިޢީ އެއިން ފުދޭނޭ ކަމަށް ކަނޑައެޅުއްވިއެވެ. އަދި އޭގެން ސަލާމް ގޮވުނު ފަރާތުން އެއާއި އެއްފަދަ ރައްދެއް ދެވިއްޖެކަމެވެ.
އެހެނަސް ކޫފާގެ ބޭކަލުން (ޙަނަފީން) ކަނޑައެޅުއްވީ އެސަލާމަށް ރައްދުދިނުމީ ˺ޖަމާޢަތުގައިވީ ކޮންމެ ވަކި ފަރުދެއްގެ މައްޗަށް˹ ޢައިނިއްޔަ ފަރުޟެއްކަމެވެ. ބުނޫއެވެ: ސަލާމް ގޮވުމާއި އެއަށް ރައްދުދިނުން ތަފާތުވެގެން ވެއެވެ. އެހެނީ އެކަން އިސްވެކުރުމީ (تطوع) ސުންނަތް ކަމެކެވެ. އަދި އެއަށް ރައްދުދިނުމީ ފަރުޟުވަންތަ ކަމެކެވެ. އަދި ސަލާމް ގޮވުނު ފަރާތް ނޫން އެހެން ފަރާތަކުން އެއަށް ރައްދުދިނަސް އެއަށް ރައްދުދިނުމުގެ ފަރުޟު އެސަލާމް ގޮވުނު ފަރާތުގެ ބޮލުން ކެނޑިގެން ނުދާ ކަމުގައެވެ. އެހެން ކަމުން ކޮންމެ ފަރުދެއްގެ މައްޗަށް ސަލާމަށް ރައްދުދިނުން ލާޒިމުވުން މިއިން ދަލީލުކުރާކަމުގައެވެ. އެއީ ˺މިމައްސަލާގައި ވަރުގަދަޔަށް ހިއްޕެވި މިންވަރުން˹ ޤަތާދާ އާއި އަލްޙަސަން މިހެން ވިދާޅުވުމާއި ހަމައަށެވެ: ”ނަމާދު ކުރަން ހުރެއްޖެ މީހާއަށް ސަލާމް ގޮވިއްޖެނަމަ އޭނާ އެއަށް އަނގަބަހުން ރައްދު ދިނުން ވެއެވެ. އަދި އެއިން އޭނާގެ ނަމާދު ބާޠިލުނުވެއެވެ. އެހެނީ އޭނާ އެކުޅައީ އޭނާއަށް އަމުރުވެވިގެންވީ ކަމެކެވެ.“
އަދި މިބުނުމުގެ ޚިލާފުގައިވާ ބޭކަލުން، ފުރަތަމަ އެއްޗަކަށް ޙުއްޖަތް ގެންނެވީ އަބޫ ދާވޫދު، ޢަލިއްޔު ބުނު އަބީ ޠާލިބު އަރިހުން ނަބިއްޔު ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެވެ. ޙަދީޘް ކުރެއްވިޔޭ:
يُجْزِئُ عن الْجَماعَةِ إِذَا مَرُّوا أَنْ يُسَلِّمَ أَحَدُهُمْ، وَيُجْزِئُ عن الْجُلُوسِ أَنْ يَرُدَّ أَحَدُهُمْ
ބައިގަނޑަކު ހިނގާފައި ދާނަމަ އޭގެން އެކަކު ސަލާމް ދިނުން ފުދެއެވެ. އަދި އިށީނދެ ތިބިބަޔަކު ތެރެއިން އެކަކު (ސަލާމަށް) ރައްދު ދިނުމުން ފުދެއެވެ.
އެހެނަސް މި ނައްޞާއިމެދު އަރައިރިމެއް ވެއެވެ. އަބޫ ޢުމަރު ވިދާޅުވިއެވެ: އެއީ އެއާއި ދެކޮޅަށް ބަހެއް ނެތް އަދި ˺ދަރަޖާގައި˹ ޙަސަން ޙަދީޘެކެވެ. އޭގެ ސަނަދުގައި ސަޢީދު ބުނު ޚާލިދު ހިމެނެއެވެ. އެއީ ސަޢީދު ބުނު ޚާލިދުލް ޚުޒާޢީ އެވެ. މަދަނީ ބޭކަލެކެވެ. ˺މުޙަޢްދިޘުންގެ˹ ބައެއް ބޭކަލުން އަރިހުން އޭނާއާއިމެދު މާކަށް ބޮޑު ގޯހެއް ނެތެވެ. އަދި އަނެއްބައި ބޭކަލުން އޭނާ ޟަޢީފު ކަމަށް ކަނޑައެޅުއްވިއެވެ. އޭގެ ތެރޭ އަބޫ ޒުރްޢާ އާއި އަބޫ ޙާތިމް އަދި ޔަޢުޤޫބު ބުނު ޝައިބާ ހިމެނެއެވެ. އަދި އޭނާގެ މިޙަދީޘު މުންކަރު ކަމުގައި ކަނޑައެޅުއްވިއެވެ. އެހެނީ މީނާ ހިމެނޭ ސަނަދުން ނޫން ސަނަދަކުން މިޙަދީޘު އައިސްފައި ނުވުމުންނެވެ. މީގެ އިތުރުން ޢުބައިދު ﷲ ބުނު އަބީ ރާފިޢު އަރިހަކުންނެއް ޢަބްދު ﷲ ބުނު އަލްފަޟްލު ˺ސީދާ˹ އަޑު އައްސަވާފައި ނުވެއެވެ. އަދި އެދެމެދުގައި ˺ޞައްޙަވުމަށް˹ އަލްއަޢްރަޖް ހިމެނެން ޖެހެއެވެ. އަދި މިޙަދީޘުގައި ˺ސަނަދަކު˹ އޭނާ ޛިކުރުވެފައި ނެތެވެ. والله أعلم.
އަދި ˺އެކެއްގެ ފުށުން ސަލާމް ފުދޭނޭ ކަމަށް ވިދާޅުވާ ބޭކަލުން˹ ޙުއްޖަތް ގެންނަވާ އެނޫން އެއްޗަކީ، އިތުރުއެކަލޭގެފާނުން ﷺ ގެ ބަސްފުޅު:
يسلم القليل على الكثير
މަދު މީސް ގިނަ މީސްތަކުންނަށް ސަލާމް ގޮވާށެވެ.
އަދި މިގޮތުން، އެންމެ މީހެއް ޖަމާޢަތަށް ސަލާމް ގޮވައި އެޖަމާޢަތުގައި ތިބި މީހުންގެ އަދަދުން ސަލާމް ތަކުރާރު ކުރާން އޭނާ އަށް ނުޖެހޭ ކަމުގައި އިޖުމާޢު ވެވިގެން ވީހިނދު، ހަމައެފަދައިން ޖަމާޢަތުގެ ފުށުން އެކަކު ރައްދުދީ އެއެންމެންގެ ފުށުން ފަރުޟު ކިފާޔަތެއް ފަދައިން އޭނާ ނައިބަކަށް ވާކަމުގައެވެ.
އަދި ˺އިމާމް˹ މާލިކު ˺މުވައްތައު ގައި˹ ރިވާކުރެއްވިޔޭ ޒައިދު ބުނު އަސްލަމް އަރިހުން ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ:
يسلم الراكب على الماشي وإذا سلم واحد من القوم أجزأ عنهم
ސަވާރީގައިވާ މީހާއަށް ވަނީ ހިނގައިފާދާ މީހާއަށް ސަލާމް ގޮވުމެވެ. އަދި އެކަކު މުޅި އެންމެން ފަރާތުން ސަލާމް ގޮވުމުން ފުދެއެވެ.
އަހަރެމެންގެ ˺އެބަހީ: މާލިކީންގެ˹ ޢިލްމުވެރިން ވިދާޅުވެތެވެ: އަދި މިއިން ރައްދު ދިނުމުގައި އެންމެ ފަރުދެއް ފުށުން ފުދޭ ކަމަށް ދަލީލު ދައްކައެވެ. އެހެނީ ވާޖިބު ކަމެއްގައި މެނުވީ ”އެއެންމެން ފުށުން ފުދެޔޭ“ ވިދާޅު ނުވާހުއްޓެވެ. والله أعلم. އަހަރެން ˺ޢަލްޤުރުޠުބީ˹ ބުނަމެވެ: އަހަރެމެންގެ ˺މާލިކީ˹ ޢިލްމުވެރިން، އެންމެ މީހެއްގެ ރައްދު ޖާއިޒު ވެގެންވާ ކަމުގެ މައްޗަށް ވިދާޅުވީ މިފަދައިން މިހަދީޘު ތައުވީލު ކުރައްވައެވެ. އަދި އޭގައި ދެއަތަށް ކިރުމެއް ވެއެވެ.❝
—އަލްޤުރުޠުބީ (ތަފްސީރު)
~ގަލަންދާނު 🖋
Comments (0)
Be the first to comment.