ޞަޙީޙު މުސްލިމްގެ ރިވާޔަތް ތަކުގައި ދަރަޖަތައް އިމާމް މުސްލިމް އެކުލަވާލެއްވި ކަމާއި އެއިން ދެވަނަ ދަރަޖައިގެ ޙަދީޘެއްގައި އާދައިގެ…
This article is available in Dhivehi only.
⑥
⚠️⚠️ ޞަޙީޙު މުސްލިމްގެ ރިވާޔަތް ތަކުގައި ދަރަޖަތައް އިމާމް މުސްލިމް އެކުލަވާލެއްވި ކަމާއި އެއިން ދެވަނަ ދަރަޖައިގެ ޙަދީޘެއްގައި އާދައިގެ ޢައިބެއް ވުން އެކަށީގެން ވުމުގެ މައްޗަށް ހޭވެރިކަމެއް
މީހަކު ބުނެފާނެއެވެ: އެހެނަސް ނުރަ ކަޅުކުރުމުން ދުރުހެލިވުމަށް އޮތް އެއް ރިވާޔަތަކީ މުސްލިމް އެކަކޭގެފާނުގެ ޞަޙީޙުގައި ގެންނެވި ރިވާޔަތެއް ނޫން ހެއްޔޭއެވެ؟
އަހަރެން ބުނަމެވެ: ބަޔާންވެގެންވާ އުޞޫލަކީ، އިމާމް މުސްލިމުން ޙަދީޘެއް، އެ ބާބުގެ އަޞްލެއް ގޮތުގައި ގެންނަވައި ދެން އޭގެ ދަށުން ދެލިކުރައްވާ ރިވާޔަތްތަކީ އެބާބަށް ބާރުދެއްވަން އެހެނަސް އޭގެ ޒާތުގައި އާދައިގެ ބަލިކަށިކަމެއް ނުވާ ރިވާޔަތެއް ކަމުގައި ވުން ލާޒިމު ނޫން ރިވާޔަތް ތަކެވެ.
އެގޮތުން އިމާމް މުސްލިމް މިޙަދީޘު ގެންނެވި އިރު ފުރަތަމަ ގެންނެވީ ކަޅު ކުރުމުގެ ނަހީ އިތުރު ކުރެވިފައި ނެތް ރިވާޔަތެވެ. އެއީ 2102a ވަނަ ޙަދީޘެވެ. އަދި ނަހީގެ ވާހަކަ އިތުރު ކުރެވިފައިވާ ރިވާޔަތް ގެންނެވީ އޭގެ ފަހަތުން 2102b ގައެއެވެ.
ފަހްދުއްް ސުނީދު ވިދާޅުވިއެވެ: ”( جنبوه السواد) [ކަޅުކުލައިން ދުރުހެލިވާށޭ] އޮތް ލަފްޛު ޟަޢީފެވެ. (ބަލިކަށްޓެވެ.). ˺މިއިތުރު ބައި ނެތި˹ ( غيروه بشئ ) [ކޮންމެވެސް އެއްޗަކުން އެ ˺ނުރަކަން˹ ފިލުވާށޭ] އޮތް ރިވާޔަތް އިމާމް މުސްލިމް ޙަދީޘް ގެންނެވުމުގެ ވައްޓަފާޅީގައި ފުރަތަމަ އިސްކުރައްވައި ގެންނެވީ މިސަބަބަށްޓަކައެވެ.“ (ބަސްކޮޅު)
އަދި ކަޅުކުރުމުގެ މައްސަލާގައިވާ ޙަދީޘުތަކާއި ބެހޭ ރިސާލަތެއް ލިޔުއްވި އައްޝެއިޚް ދުބްޔާން ބުނު މުއްޙައްމަދުއް ދުބްޔާން އެރިސާލާގެ 23 ވަނަ ތަފްޞީލު ނޯޓުގައި އިމާމް މުސްލިމްގެ މި އުޞޫކު ބަޔާން ކުރެއްވިއެވެ. އަދި މިޤަވާޢިދު ނަންގަންނެވި ކަމަށް ނިސްބަތް ކުރެއްވީ އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ފޮތުގައި ޙަދީޘް އެތުރެއްވި ގޮތުގެ ފަންނުވެރިކަން ދިރާސާކުރެވުނު "ޢުބްޤަރިއްޔަތުލް އިމާމް މުސްލިމް " ގައި އެވާހަކަ ބަޔާން ކުރެއްވި ، ޑރ. ޙަމްޒާ އަލްމަލީބާރީ އަށެވެ.
އެތަފްޞީލު ނޯޓުގައި ވިދާޅުވިއެވެ:
”ފަހެ އިމާމް މުސްލިމް ˺އައްޞަޙީޙު˹ ފޮތުގެ ˹މުޤައްދިމާގައި˹ ވިދާޅުވެފައިވަނީ، ޙަދީޘުތައް ތިން ބަޔަކަށް އެކަލޭގެފާނު ބައްސަވާފައިވާ ކަމުގައެވެ. މުސްލިމް ވިދާޅުވިއެވެ:
”ފުރަތަމަ ބަޔާއިމެދު ދަންނައެ، އަހަރެމެން ޤަޞްދުކުޅައީ އެނޫން ތަކެއްޗަށްވުރެ ޢައިބުތަކުން ސަލާމަތް ވެފައިވާ ޚަބަރުތައް ފުރަތަމަ ގެނައުމަށެވެ. އަދި އެތަކެތި ނަޤުލު ކުރާ ފަރާތުގެ ޙަދީޘުތަކުގައި އިތުބާރުވެގެންވުމާއި އެނަޤުކުކުރާތަކެތީ ކަށަވަރުކަން ބޮޑަށް ހުރި ފަރާތްތަކަށް ވުމުން އެނޫންތަކެއްޗަށް ވުރެ ޠާހިރު ތަކެތި ފުރަތަމަ ގެނައުމަށެވެ. އެއީ [އެހެން އިތުބާރު ހުރި ފަރާތް ތަކާއި އަޅައި ކިޔާއިރު] އެބައެއްގެ ރިވާޔަތްތަކުގައި ބޮޑެތި ޚިލާފުތައް ނެތް މީހުންނެވެ. އަދި ބޮޑެތި އޮޅުން އެރުންތައްވެސް [ނަޤުލުކުރުމުގައި] ނެތް މީހުންނެވެ. އެއީ އެތަކެއް މުޙައްދިޘުންގެވެސް ޙާލަތް ވާފަދައިންނެވެ. އަދި އެބޭކަލުންގެ ރިވާޔަތްތަކުން މިކަން ހާމަވެގެން ވެއެވެ.“
އެހެންކަމުން، މިއިން ބަޔާންވަނީ އެންމެ ˺ތަޣައްޔަރުކަން ކުޑަ˹ ޠާހިރު ޙަދީޘު އިމާމް މުސްލިމް އިސްކޮށް ގެންނެވިކަމެވެ. ދެން އޭގެ ފުލުން އެޙަދީޘަށްވުރެ ދަރަޖާގައި ދަށް ޙަދީޘު ދެލިކުރެއްވި ކަމެވެ. އަދި ދެވަނައަށް ގެނެވޭ މިޙަދީޘުގައި ހާމަކަން ކުޑަ ބަލިކަށިކަމެއް އެކުލެވިފައި ވެސް ހުރެދާނެއެވެ. ވީމާ މިގޮތަށް ގެންނެވުމީ އެބަލިކަށިކަމަށް ހޭވެރިކުރުވުމެއް ކަމެވެ.“ ބަސްކޮޅު ނިމުނީ.
~ ގަލަންދާނު 🖋
Comments (0)
Be the first to comment.