ޤަބަުރުސްތާނަށް ޒިޔާރަތް ކުރުމާއި، ޖަނާޒާއަށްޓަކައި ވަނުމުގައި އެކުލެވޭ ބައެއް އަދަބުތަކާއި ރާއްޖޭގައި ދިމާވާ ބައެއް ޚިލާފުތަކަށް ނަޒަރެއް
This article is available in Dhivehi only.
📌ޤަބަުރުސްތާނަށް ޒިޔާރަތް ކުރުމާއި، ޖަނާޒާއަށްޓަކައި ވަނުމުގައި އެކުލެވޭ ބައެއް އަދަބުތަކާއި ރާއްޖޭގައި ދިމާވާ ބައެއް ޚިލާފުތަކަށް ނަޒަރެއް
①
☪☪☪☪☪☪
💡ފެށުން
މަހާނައޭ މިތާނގައި މާނަ ކުރެވެނީ ޤަބުރު ވަޅުލެވިފައިވާ ތަނަށެވެ. އޭނާގެ ޖަގަހަޔަށެވެ. ޢަރަބި ބަހުގައިވާ ފަދައިން ޤަބުރު މަތީ ނުއިށީންނާށޭ ބުނުމުން ޤަބުރާއި ސީދާ ދިމާލަށްވާ ފަސްގަޑާއި އެއާއި ސީދާ ގާތުގައިވާ އަރިމަތިތައްވެސް ޝާމިލުވެއެވެ. ވީމާ މަނަޢު މިވަނީ މަހާނައިގައި ނުއިށީނުމަށެވެ. އަދި އޭގެ ތެރޭގައި އޭގެ ވަރަށް ގާތުންވާ އަރިއަަރި މަތިވެސް ހިމެނެއެވެ.
ތުޙުފަތުލް މުޙްތާޖު (3/175) ގައި ވެއެވެ: ”(އަދި މަހާނަމަތީ ނީށީންނާށޭ) — ފާޅުވެގެންވާ މާނައަކީ އެއީ މައްޔިތާއާއި ސީދާ ދިމާލަށް ކަމެވެ. ޢާންމުގޮތެއްގައި (ކައިރިކައިރީ ވަޅުލެވޭ ޤަބުރުސްތާނު ނޫންތަންތަނުގައި) ހުންނަ ވަށައިގެންވާ ޖާގަޔެއް ނޫންކަމެވެ. އެހެނީ އެއީ މައްޔިތާގެ ދިމާލަށް ހުރި ތަންތަނެއް ނޫނެވެ. އަދި އެއީ ވަކިން ޚާއްޞަކޮށް މަހާނަވަޅެވެ. އަދި އޭގެ ތެރޭގައި އެޔާއި ވަރަށް ގާތުންވާ އަރިއަރިމަތިވެސް ބެލެވިދާނެއެވެ. އެހެނީ އާދަކާދައިގައި އެއީ މައްޔިތާގެ ދިމާލަށް ހުރި ތަންތަން ގޮތުގައި ބެލެވޭތީއެވެ.“ - ބަސްކޮޅު ނިމުނީ.
އަހަރެން ބުނަމެވެ: އަދި އަލްބުޚާރީގެ (1285) ގެ އަނަސްގެފާނުގެ ރިވާޔަތުގައި ނަބިއްޔު ﷺ «جَالِسٌ عَلَى الْقَبْرِ» (މަހާނަމަތީ އިށީންނަވައިގެން ހުންނެވިޔޭ) ވިދާޅުވިއެވެ. އެބަހީ، އޭގެ ގާތުގައެވެ. އޭގެ އަރިމަތީގައެވެ. އެއާއިވިދިގެންނެވެ. އަދި ޖުމްލަގޮތެއްގައި ބުނާއިރު މަހާނައިގައި އިށީންދެ އިންނެވިއޭ އެވެ.
ދެން ޢިލްމުވެރިން މި އިށީނުމަކީ، އެހެންޏާ ޙާޖަތެއް ނެތި އިށީންނަ އެންމެހާ އިށީނުމެއްތޯ، ނޫނީ ޤަޟާޙާޖާ ކުރުމަށް ނުއިށީންނާށޭތޯ ނޫނީ ލެނގިގެން ނުހުންނާށޭތޯ އާއިމެދު ޚިލާފުވިއެވެ. ހަމަ އެފަދައިން މަހާނަ މައްޗަށް ފައިން އެރުމާއި މަހާނަދޮށުގައި ފައިވާނުން ހިނގުމުގެ މާނަވެސް ވަނީ މިމަޥްޟޫޢު ތެރެއިންނެވެ. އަދި އަހަރެމެން ކުރިޔަށް މީގެ ތަފްޞީލު ގެންނާނަމެވެ.
🔎މަހާނަމަތީ އިށީނުމުގެ މައްސަލާގައި ވާރިދުވެފައިވާ ދަލީލުތައް
⬆️މާތްވެގެންވާ ސުންނަތުގައި އެއްޙަދީޘަށް ވުރެ ގިނައިން މަހާނައިގައި އިށީނުމުގެ މައްޗަށް ނަހީ ވާރިދުވެފައިވެއެވެ.
1⃣އޭގެ ތެރޭގައި އިމާމް އަޙްމަދު "މުސްނަދުގައި" އަދި މުސްލިމް އެކަލޭގެފާނުގެ"ޞަޙީޙު" ގައި އަދި އަބޫ ދާވޫދާއި އައްނަސާއީ އާއި އިބްނު މާޖާ "އައްސުނަން" ގައި އަދި އިބްނު ޙިއްބާން އެކަލޭގެފާނުގެ "ޞަޙީޙު" ގައި ރިވާކުރެއްވި އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘް ހިމެނެއެވެ. ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «لأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ فَتُحْرِقَ ثِيَابَهُ فَتَخْلُصَ إِلَى جِلْدِهِ خَيْرٌ لَهُ مِنْ أَنْ يَجْلِسَ عَلَى قَبْرٍ» (މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނގުރުމަތީ އިށީނދެ އޭނާގެ ހެނދުން ވިރި އޭނާގެ ހަންގަނޑުގައި އެޖެހުންވެސް، މަހާނައެއް މަތީ އިށީނުމަށްވުރެއް އެމީހަކަށް ހެޔޮވެގެންވެއެވެ.).
2⃣އަބޫ މަރްޘަދުލް ޣަނަވީ އަރިހުން މުސްލިމް ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔެވެ: «لاَ تَجْلِسُوا عَلَى الْقُبُورِ وَلاَ تُصَلُّوا إِلَيْهَا» (މާނައީ: މަހާނައެއް މަތީ ނުއިށީންނާށެވެ. އަދި އެއަށް ކުރިމަތިލެވޭ ގޮތުގައި ނަމާދު ނުކުރާށެވެ.)
⬆️ހަމައެފަދައިން ސުންނަތުން މަހާނައިގައި އިށީނުން ހުއްދަ ކަމަށް ހެކިދޭ ތަކެތިވެސް ވަނީ ވާރިދުވެފައެވެ.
3⃣އެގޮތުން ޢަލީ ބުނު އަބޫ ޠާލިބު رضي الله عنه އަރިހުން ރިވާވެގެންވެއެވެ: ”ބަޤީޢު އަލްޣަރްޤަދް ގައި އަހަރެނެން ޖަނާޒާއެއްގައި ވީމުއެވެ. ދެން އަހަރެމެން ގާތަށް ރަސޫލު ﷲ ﷺ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އިށީނދެ ވަޑައިގެންނެވިއެވެ. އެހެންކަމުން އަހަރެމެން އެކަލޭގެފާނު ވަށައިގެން އިށީނދެއްޖައީމެވެ...“ — މިޙަދީޘުގެ ނިޔަލަށް. މުއްތަފަޤުން ޢަލައިހި.
4⃣އަދި އަލްބުޚާރީ "އައްޞަޙީޙު" ގައި ޢަނަސް ބުނު މާލިކު رضي الله عنه ގެ ޙަދީޘުތަކުން ރިވާކުރެއްވިއެވެ: ”އަހަރެމެން ރަސޫލު ﷲ ﷺ ގެ ދަރިކަނބަލެއްގެ ˺ޖަނާޒާގައި˹ ބައިވެރިވެ ތިބީމުއެވެ. އަދި ރަސޫލު ﷲ ﷺ ހުންނެވީ މަހާނަ ކޮޅު މަތީ (އެބަހީ: އޭގެ އަރިމަތީ) އިށީންނަވައިގެނެވެ. އަދި އެކަލޭގެފާނުގެ ދެލޯފުޅު ކަރުނައިން ފޯވެފައިވަނިކޮށް އެހިނދު އަހަރެން ދެކުނީމެވެ.“
Comments (0)
Be the first to comment.