ޢީދުގެ ބައެއް އަޙްކާމުތައް
This article is available in Dhivehi only.
🎆 ޢީދުގެ ބައެއް އަޙްކާމުތައް
⬆️ޢީދުގައި އުފާވެރިކަން ފާޅުކުރުމީ ސުންނަތެކެވެ. އެއިން އެކުވެރިޔާ އުފާކޮށްދެއެވެ. ޢަދުއްވު ހިތްނުތަނަވަސް ކުރުވައެވެ. ޙަބަޝީންނަށް އެބައިމީހުންގެ (ޢަސްކަރީ) ކުޅިވަރުގެ ޙަރަކާތްތައް މިސްކިތު ތެރޭ ދެއްކުމަށް ނަބިއްޔު ﷺ އިޛުނަދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: «لتعلم اليهود أن في ديننا فسحة» ((އަހަރެމެންގެ ދީނުގައި (މުނިއަވަސްފިލުވުމަށް) ތަނަވަސްކަން އޮތްކަން ޔަހޫދީންނަށް އެގެންޖެހެއެވެ.))
⬆️ޙަދީޘާއި ސަލަފުންގެ އަޘަރުތަކުން ވާރިދުވެގެންވަނީ، ޢީދުގެ ތަހުނިޔާ އަދާކުރެވެނީ ޢީދު ދުވަހުގައި ކަމެވެ. އެހެނަސް އޭގެ ކުރިން ތަހުނިޔާ ކިޔުން މަނަޢު ކުރާ އެއްޗެއް ފެންނާކަށް ނެތެވެ. މީހަކު އެކަން ދުރާލާ ކުރާނަމަ، އެކަން އޮތީ ޢީދުވިލޭ ރެއެވެ. އެހެނަސް މޮޅުއިތުރީ ޢީދުގެ ދުވަހުގެ ހެނދުނެވެ.
⬆️މާނަ ހެޔޮ ކޮންމެ ޖުމަލަޔަކުން ވިޔަސް ޢީދުގެ ތަހުނިޔާ އަދާ ކުރެވިދާނެއެވެ. ނަބިއްޔު ﷺ ގެ ޙަދީޘް ފުޅަކުން ވަކި ޚާއްޞަ ޞީޣާއެއް އެއަށް ޘާބިތުވެފައި ނުވެއެވެ. މިކަމުގައި ވާރިދުވެފައިވާ އެންމެ ޞައްޙަ އެއްޗަކީ، ޢަޞްޙާބުބޭކަލުން އެއްބޭފުޅެއް އަނެއްބޭފުޅަކަށް ކިޔުއްވި ތަހުނިޔާއެވެ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ ((އަހަރެމެންނާއި ތިބާ ފުށުން ﷲ (އަދާމިކުރެވުނު) ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާށިއެވެ.))
⬆️ޢީދު ނަމާދުގެ ކުރިޔަށް ވާ ސުންނަތްތަކީ: ތަކްބީރު ކިޔުމާއި، ހިނެއިގަތުމާއި، ހުވަނދުލުމާއި، އައު ހެދުމެއް ލުމާއި، ފިތުރު ޢީދުގައި ނަމަ؛ ނަމާދުގެ ކުރިން އޮނަހިރި އަދަދެއްގެ ކަދުރުއޮށެއް ކެއުމެވެ. އަދި ނަމާދަށް ހިނގާފައި ދާ އަދި އަންނަ މަގު ތަފާތުކުރުމެވެ.
— އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.