ވަޔަލެސް“ ރުޤިޔާ
This article is available in Dhivehi only.
⚠️”ވަޔަލެސް“ ރުޤިޔާ
❞ ބައެއް ރުޤިޔާވެރިން ⌝ބަލިމީހާ ނެތްތަނެއްގައި⌜ މާ ދުރުގައި ތިބެ ރުޤިޔާ ކޮށްދެޔޭ އަޚަކު ބުންޏެވެ. އެމީހުން ބުނެއެވެ: ”އަހަރެމެން ފޯނުން ރުޤިޔާ ކޮށްދޭނަމެވެ.“ ނޫނީ ތިމަންނަމެންގެ ގެދޮރުގައި ނޫނީ ކޮޓަރީގައި ތިބެ ރުޤިޔާކޮށްލަ ދޭނަމޭ އެވެ — އެއީ ބަލި މީހާއަށް ނިޔަތް ގަނެގެން ކިޔަވާލުމެވެ! މިއީ އެއަކަށް އެއްވެސް ޢަޞްލެއް ނެތް (ބާޠިލު) ކަމެކެވެ. އަދިކިއެއްތަ، މިއީ މިޒަމާނުގެ މީހުން އުފައްދާފައިވާ ބިދުޢައެކެވެ. މިކަމަކީ ރުޤިޔާ ކުރުމުގެ އުޞްލޫބުތައް ޙައްދެއްނެތި ފުޅާ ކުރުމުގެ ތެރެއިން ހިމެނޭ ގޯހެކެވެ. މިފަދަ ކަންކަމީ (ޙަޤީޤަތުގައި) މަންފާޢެއް ވެސް އެއިން ނުފޯރާ ކަންކަމެވެ. އަދި ﷲ ޙަޟުރަތުން އެއަށް އެއްޗެއް ފުއްދަވައިވެސް ނުދެއްވާ ކަންކަމެވެ. އެހެނީ، ރުޤިޔާއަކީ ސީދާ ސީދަލަށް (ބަލިމީހާގެ ގާތުގައި ހުރެ) ކުރެވޭ އެއްޗެކެވެ. އަދި ދުރުގައި ތިބެ ނުފެނި ވާނުވާ ނޭނގި ތިބެ ރުޤިޔާ ކުރުމަކަށް އެއްވެސް ހުއްޖަތެއް ނުވެއެވެ. އަދި ފޯނުން ކުރެވޭ ”ރުޤިޔާ“ ހިމެނެނީ މީގެ ތެރެއިންނެވެ. އެއީ ޣައިރު ޝަރުޢީ އެއްޗެކެވެ. އަދި އެއިން އަސަރެއް ކޮށްފިނަމަ، އެއީ ރުޤިޔާ އަކުން ވީ ކަމެއް ނޫނެވެ. އެހެނަސް އެއަސަރަކީ ޤުރުއާނުންނެވެ. އެހެނީ މީހެއްގެ ކަންފަތް ކައިރީގައި ޤުރުއާނުގެ ކެސެޓެއް (ރިކޯޑިންގ އެއް) ޖަހައިފިޔަސް އޭނާއަށް އެއިން އަސަރު ކުރެއެވެ. އެއީ ޤުރުއާނުގެ ސަބަބުންނެވެ. ރުޤިޔާގެ ސަބަބަކުންނެއް ނޫނެވެ. މިޒަމާނުގެ މީސްތަކުން އެކަންކަން މާސިންގާކޮށް ފުޅާކޮށްފައި މިއޮތް ފަދައިން، ރުޤިޔާ ކުރެވުމުގެ އުޞްލޫބުތައް ފުޅާކުރުމީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި މިބައިމީހުން މިކަމަށް ބަހަނާ ދެއްކުމަށް ނަބިއްޔު ﷺ ގެ މިޙަދީޘްފުޅު ދައްކައެވެ: «...لَا بَأْسَ بِالرُّقَى مَا لم يكن فِيهِ شرك» ((..ރުޤިޔާތަކުގައި (އެބަހީ:؛އެދުޢާ ތަކާއި ޛިކުރު ތަކުގައި) ޝިރުކެއް ނުހިމެނޭހާ ހިނދަކު އޭގައި ގޯހެއް ނުވެއެވެ.)) މިއީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ނަޤުލު ކުރެއްވި ޙަދީޘެކެވެ. އެ މަފްހޫމަކީ މިޙަދީޘުން ޢަންގައިދޭ މާނައެއް ނޫނެވެ. (ނުބައި މާނަ ކުރުމެކެވެ.)...❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
🖍ނޯޓް: މިޙަދީޘުގެ ތަފްޞީލާއި ރުޤިޔާގެ ނަމުގައި ހިންގޭ ތަފާތު ޖަރީމާތަކާއި ކުށްތައް ޚުލާޞާކޮށް ބަޔާން ކުރެވޭ ވަކި ޚާއްޞަ ރިސާލާ އެއް އަހަރެމެން މިހާރު އެކުލަވާލާފައިވާނެއެވެ. އަދި ވަރަށް އަވަހަށް ޝާއިޢު ކުރުމަށް ޤަޞްދުކުރަމެވެ. إن شاء الله
Comments (0)
Be the first to comment.