ސުވާލު: އައްޡަފަރް ގެ މާނައަކީ ކޮބައިތޯއެވެ؟ އަދި އޭގެ ޙުކުމަކީ ކޮބައިތޯއެވެ؟
This article is available in Dhivehi only.
⚙️ ސުވާލު: އައްޡަފަރް ގެ މާނައަކީ ކޮބައިތޯއެވެ؟ އަދި އޭގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: (الظَفَر) ގެ މާނައަކީ: މީހެއްގެއަތުގައި އޭނާ ތިބާއަށް ނުދީ ހުރި ތިބާގެ ޙައްޤެއް (އެބަހީ: ތިބާއަށް ދައްކަންޖެހޭ ދަރަނި ފައިސާއެއް ފަދަ ޙައްޤެއް) ހުންނަ ހިނދުގައި، ތިބާ އޭނާގެ މުދަލަށް "تَظْفَر" (ވެރިވަގަނެ) ތިބާގެ ޙައްޤު އޮތް މިންވަރަށް އެއިން ނަގައިގެނެވޭނެ ހެއްޔެވެ؟ ނޫނީ ނޫން ހެއްޔެވެ؟
الظفر ގެ މައްސަލައޭ ކިޔެނީ މިއަށެވެ.
މި ޙާލަތް އަލުން ތަކުރާރު ކޮށްލަމެވެ: ތިބާއަށް ނުދީ ހިފަހައްޓައިގެން ތިބާއަށް ދޭންޖެހޭ ޙައްޤެއް މީހެއް އަތުގައި ވާނަމަ، ނުވަތަ ފަސްކުރަމުން ދާނަމަ ނޫނީ އިންކާރު ކުރާނަމަ ނޫނީ ގަދަހަދައި ދެކޮޅު ހަދާނަމަ، އަދި ތިބާއަށް އެ މުދަލަށް تَظْفَر (ވެރިވެގަތުމަށް) ކުޅަދާނަވެއްޖެނަމަ، ތިބާއަށް ތިބާގެ ޙައްޤު އެއިން ނަގައިގަނެވޭނެ ހެއްޔެވެ؟ ނޫނީ ނޫން ހެއްޔެވެ؟
މިމައްސަލާގައި ޢިލްމުވެރިން ދެމެދުގައި ޚިލާފު ވެއެވެ:
⬆️ފުރަތަމަ ޤަޥްލަކީ: ހުއްދަ ކަމެވެ.
⬆️ދެވަނަ ޤަޥްލަކީ: މަނާ ކަމުގައެވެ.
✅އަދި ޞައްޙަ ޤަޥްލަކީ ޝަރުޠާއި އެކު އެކަން ހުއްދަވުމެވެ. އަދި ހުއްދަވުމުގެ ދަލީލަކީ ނަބިއްޔު ﷺ ގެ އަރިހަށް އަބޫ ސުފްޔާންގެ އަނބިކަނބަލުން، ހިންދު ވަޑައިގެންނެވި ހާދިސާއެވެ. އަދި މިޙަދީޘު ވަނީ އައްޞަޙީޙުގައެވެ. (ޢަލްބުޚާރީ އައި މުސްލިމް ގައެވެ.) އެކަމަނާ ވިދާޅުވިޔޭ:
އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން އަބޫ ސުފްޔާނަކީ ވަރަށް ދަހިވެތި ބޭކަލެކެވެ. އެކަލޭގެފާނުގެ މުދަލަކުންނެއް ތިމަންކަމަނާއަށް ފުދޭ ވަރަށް ޚަރަދުބަރަދު ނުދެއްވައެވެ. އަދި އެކަލޭގެފާނުގެ ދަރީންނަށް ފުދޭވަރަށް ވެސް ނުދެއްވައެވެ.“ އެހެންކަމުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «خُذِي مَا يَكْفِيكِ وَوَلَدَكِ بِالْمَعْرُوفِ» ((ކަމަނާއާއި ކަމަނާގެ ދަރީންނަށް ފުދޭ މިންވަރަށް އޭގެން ⌝އާދަކާދާގައި ޙަރަދުބަރަދު ހިނގާ ވަރަށް⌜ ޢަދުލުވެރިކޮށް ނަގާށެވެ.))
ވީމާ މިއީ الظفر ގެ މައްސަލައިގެ މައްޗަށް ވާ ދަލީލެވެ.
⚠️އެހެނަސް އަހަރެމެން ބުނިފަދައިން، الظفر ހުއްދައީ ޝަރުޠުތަކާއި ލައިގެނެވެ.
1️⃣ފުރަތަމަ ޝަރުޠަކީ: އެ ޙައްޤަކީ ޘާބިތު އެއްޗަކަށް ވުމެވެ. އެކަމުގައި ޝައްކެތް އެކުލެވިފައި ނުވުމެވެ.
2️⃣ދެވަނައީ: ޙައްޤު ނެގުމުގައި (ހޯދަން އުޅޭ އެއްޗާއި) އެއްހަމަ މިންވަރެއް ނެގުމަށް ގާބިލުވުމެވެ. (އެބަހީ: އިތުރު ނުކުރުމެވެ.)
3️⃣ތިންވަނައީ: ތިންވަނަ ފަރާތަކަށް އަނިޔަލެއް ނުލިބުމެވެ. ނޫނީ ޖޫރިމަނާއެއް ނުވުމެވެ. މިޘާލަކަށް: އަހަރެންގެ ޙައްޤެއް ޢަމްރު ބޮލުގައި ވެއެވެ. އޭނާގެ ފިހާރަތަކެއް ހުރެއެވެ. އަދި އޭގައި މަސައްކަތް ކުރާ ޚާލިދު ކިޔާ އޭނާގެ ނޯކިރީއެއް އުޅެއެވެ. ޢަމްރު ވަނީ އެއްވެސް އެއްޗެއް ވަގަށް ނެގިއްޖެނަމަ ނޫނީ ގެއްލިއްޖެނަމަ ޚާލިދު ޖޫރިމަނާ ވާނޭ ކަމަށް ކަނޑައަޅާފައެވެ. އަހަރެން ޢަމްރުގެ ފިހާރަތަކުން އެއްޗެއް ނަގައިފިނަމަ، ޚާލިދު ޖޫރިމަނާ ވެއެވެ.
❌ވީމާ ތިންވަނަ ފަރާތަކަށް ގެއްލުން ވާހިނދު އަހަރެންގެ މައްޗަށް ވަނީ الظفر ޙަރާމް ވެގެންނެވެ.
4️⃣ހަތަރުވަނަ ޝަރުޠަކީ: އެނެގުމުގެ ސަބަބުން ތިބާގެ މައްޗަށް ނުބައި ތުހުމަތެއް ނުއައުމެވެ. އެހެނީ މީސްތަކުންނަށް މިވެނި މީހެއް ފުށުގައި ތިބާގެ ޙައްޤެއް ވާ ކަމުގެ ކަންތައް ނޭނގިދާނެއެވެ. އަދި ވައްކަމުގެ ތުހުމަތު ތިބާގެ މައްޗަށް ކުރެވިދާނެއެވެ.
ވީމާ މި 4 ޝަރުޠު ނެތިއްޖެނަމަ، الظَفَر ޖާއިޒުވެގެން ވެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ފަތުވާ)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.