ދެބައިގަނޑުގެ ތަފާތު | ޙަދީޘް — ޒައިދު ބުނު ޘާބިތި އަރިހުން ރިވާވެގެންވެއެވެ: ﷲގެ ރަސޫލާ ﷺَ ޙަދީޘް ކުރެއްވީތީ އަޑުއެހީމެވެ
This article is available in Dhivehi only.
• ދެބައިގަނޑުގެ ތަފާތު | ޙަދީޘް
ޒައިދު ބުނު ޘާބިތި އަރިހުން ރިވާވެގެންވެއެވެ: ﷲގެ ރަސޫލާ ﷺَ ޙަދީޘް ކުރެއްވީތީ އަޑުއެހީމެވެ:
مَنْ كَانَتِ الدُّنْيَا هَمَّهُ فَرَّقَ اللَّهُ عَلَيْهِ أَمْرَهُ وَجَعَلَ فَقْرَهُ بَيْنَ عَيْنَيْهِ وَلَمْ يَأْتِهِ مِنَ الدُّنْيَا إِلاَّ مَا كُتِبَ لَهُ وَمَنْ كَانَتِ الآخِرَةُ نِيَّتَهُ جَمَعَ اللَّهُ لَهُ أَمْرَهُ وَجَعَلَ غِنَاهُ فِي قَلْبِهِ وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ
އެމީހެއްގެ ކަންބޮޑުވުމަކީ ދުނިޔެ ނަމަ، ﷲ އެމީހެއްގެ ދިރިއުޅުމުހެ ކަންކަން ކިނލަބުކުރައްވާނެތެވެ. (އެބަހީ: ދަތިކުރައްވާނެތެވެ.) އަދި އޭނާގެ ލޯދެމެދު ފަޤީރުކަން ލައްވާނެތެވެ. (އެބަހީ: އެކަމުގެ ބިރުވެރިކަން އަބަދުމެ ދެމިހުންނާނެއެވެ.) އަދި އޭނާއަށް ލިޔެވިފައިވާ އެއްޗެއް މެނުވީ ދުނިޔޭގައި މިންވަރުނުކުރައްވާނެތެވެ. އަދި އާޚިރަތަކީ އޭނާގެ ނިޔަތެއްކަމުގައި ހަދައިފިމީހާ، ދުނިޔޭގެ ކަންކަން އޭނާއަށް ﷲ އެކަތަކުރައްވާނެތެވެ. (އެބަހީ: ފަސޭހަ ކުރައްވާނެތެވެ.) އަދި އޭނާގެ މުއްސަނދިކަން، ހިތްމައްޗަށް ލައްވާނެތެވެ. އަދި އެއާއިއެކުވެސް އޭނާ އަށް ދުނިޔެ މިންވަރު ކުރައްވާނެތެވެ. (އެބަހީ: އެހޯދަން އޭނާ ފޫނުގެޅިޔަސް އެވެ.)
ރިވާކުރެއްވީ، އިބްނު މާޖާ، 4105
އަދި މި ޙަދީޘްފުޅުގައި މިވާ ބަސްފުޅު:
وَلَمْ يَأْتِهِ مِنَ الدُّنْيَا إِلَّا مَا كُتِبَ لَهُ
"...އަދި އޭނާއަށް ލިޔެވިފައިވާ އެއްޗެއް މެނުވީ ދުނިޔޭގައި މިންވަރުނުކުރައްވާނެތެވެ."
އައްތިރުމިޛީގެ ރިވާޔަތުގައި ވަނީ:
... إِلَّا مَا قُدِّرَ لَهُ
"...އަދި އޭނާއަށް ޤަދަރުގައިވެއްޖެ އެއްޗެއް މެނުވީ ..."
މިފަދައިންނެވެ.
އިބްނު މާޖާ ގެ ޙާޝިޔާ ގައި، އައްސިންދީ ވިދާޅުވިއެވެ:
(وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ)
"...އަދި އެއާއިއެކުވެސް އޭނާއަށް ދުނިޔެ މިންވަރު ކުރައްވާނެއެވެ." އެބަހީ: ކާމިޔާބުވެ ގަދަވާނެތެވެ.
އެހެންކަމުން މިއިން ޚާޞިލްވާ އެއްޗަކީ: އަޅާގެ މައްޗަށް ލިޔެވިފައިވާ ރިޒްޤު، ކޮންމެހެނެއްވިޔަސް އަންނާނެކަމެވެ. އެހެނަސް އޭނާ އަކީ އާޚިރަތް ހޯދަން އުޅޭ މީހެއްނަމަ، ވަރުބަލިކަމެއްނެތި އަންނާނެކަމެވެ. އަދި ދުނިޔެ ހޯދަން އުޅޭ މީހާއަށް، ވަރުބަލިކަމާއި އުދަގުލާއިއެކު އެލިބޭނޭކަމެވެ. އެހެންކަމުން އާޚިރަތް ހޯދާ މީހާ، ދުނިޔެއާއި އާޚިރަތް އޭގައި ޖަމަޢުކޮށްފިއެވެ. ހަމަކަށަވަރުން މުދައު އެއްކުރުމުގެ ލަނޑުދަނޑިއަކީ: ދުނިޔޭގެ އަރާމެވެ. އަދި އާޚިރަތް ހޯދާ މީހާއަށް މިޙާޞިލުވެވިއްޖެއެވެ. އަދި ދުނިޔެ ހޯދާ މީހާ، ދުނިޔެއާއި އާޚިރަތްވެސަ ބަރުބާދުކޮށްފިއެވެ. އެހެނީ މިދުނިޔޭގައި، އެ ހޯދުމުގައި، އޭނާ ދަތިއުދަގުލާއި ކުރިމަތިލައެވެ. ވީމާ އަރާމު ނަގާލާފައި، މުދާވެރިކަމެއްގައި އޭނާ އަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟"
~ ގަލަންދާނު
Comments (0)
Be the first to comment.