ފައިދާއެއް — އަނަސް ބުނު މާލިކު رضي الله عنه އަރިހުން، ނަބިއްޔު ﷺ އަރިހަށް އުއްމު ސުލައިމް ވަޑައިގެން ދެންނެވިކަމަށް ރިވާވެގެން ވެއެވެ:…
This article is available in Dhivehi only.
ފައިދާއެއް
📚 އަނަސް ބުނު މާލިކު رضي الله عنه އަރިހުން، ނަބިއްޔު ﷺ އަރިހަށް އުއްމު ސުލައިމް ވަޑައިގެން ދެންނެވިކަމަށް ރިވާވެގެން ވެއެވެ: ”ތިމަންކަމަނާގެ ނަމާދުގައި ކިޔާނޭ ކަލިމަތަކެއް އުނގަންނައި ދެއްވަފާނަންތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ:
«كَبِّرِي اللَّهَ عَشْرًا وَسَبِّحِي اللَّهَ عَشْرًا وَاحْمَدِيهِ عَشْرًا ثُمَّ سَلِي مَا شِئْتِ يَقُولُ نَعَمْ نَعَمْ»
”ދިހަފަހަރު ﷲ އަށް ތަކްބީރު ކިޔާށެވެ. އަދި ދިހަ ފަހަރު ﷲ އަށް ތަސްބީޙަ ކިޔާށެވެ. އަދި ދިހަ ފަހަރު އެއިލާހަށް ޙަމްދު ކުރާށެވެ. ދެން ކަމަނާ އެދޭކަމަކަށް (ﷲ ޙަޟުރަތުން) އެދޭށެވެ. އެއިލާހު ވަޙީކުރައްވަތެވެ: އާއެކެވެ. އާއެކެވެ.“
އަދި އެހެން ރިވާޔަތެއްގައި ”ތިމަންކަމަނާ އެއިން ދުޢާ ދަންނަވާނޭ ކަލިމަތަކެއް...“ މިހެންނެވެ.
ރިވާކުރެއްވީ އަޙްމަދު އާއި އައްތިރުމިޛީ — އަދި ”ޙަސަން ޣަރީބު“ ކަމަށް ވިދާޅުވި — އަދި (ރިވާކުރެއްވީ) އައްނަސާއީ. އަދި މީގެ ސަނަދު ޖައްޔިދު އެވެ. (ބަރާބަރެެވެ.)
އަދި އިބްނު ޚުޒައިމާ އާއި އިބްނު ޙިއްބާން އާއި އަލްޙާކިމް އާއި އައްޟައްޔާއު އަދި އިބްނު ޙަޖަރު، މި ރިވާޔަތް ޞައްޙަ ކުރެއްވިއެވެ.
އަދި އަޙްމަދު ގެ ރިވާޔަތުގައި ވަނީ:
«فإنه يقول: قد فعلت، قد فعلت»
”ފަހެ އެއިލާހު ވަޙީ ކުރައްވަތެވެ: ފުއްދަވައި ދެއްވައިފީމުއެވެ. ފުއްދަވައި ދެއްވައިފީމުއެވެ.“ އަދި އެރިވާޔަތުގައި ”ތިމަންކަމަނާގެ ނަމާދުގައި“ ކިޔުމަށްކަމަށް ޛިކުރު ކުރެވިފައި ނުވެއެވެ.
އަދި މިކިޔުމުގެ މަގާމަކީ ނަމާދު ގައެވެ. އެހެނީ އުއްމު ސުލައިމް ވިދާޅުވީ: ”ތިމަންކަމަނާގެ ނަމާދުގައި ކިޔާނޭ ކަލިމަތަކެއް އުނގަންނައި ދެއްވަފާނަންތޯއެވެ؟“
• އެހެނަސް މި (ތަސްބީޙަ) ކިޔުން ވަނީ ނަމާދުގެ ކޮން މަގާމަކުހެއްޔެވެ؟
މިއިން (ބޭރުފުށަށް) ފާޅުވަނީ އެއީ އައްތަޙިއްޔާތާއި ރަސޫލު ﷲ ﷺ އަށް ޞަލަވާތް ކިޔެވުމަށް ފަހުގައި ކަމެވެ. (އެބަހީ: ސަލާމް ދިނުމުގެ ކުރިޔަށެވެ.) އެހެނީ ކުރިންވެސް ބަޔާން ވެވުނު ފަދައިން ނަމާދުގެ ނިމޭތަނަކީ ދުޢާ ކުރުމުގެ ޖަގަހައެކެވެ. އަދި މިގޮތުގެ މައްޗަށް އައްނަސާއީ މިޙަދީޘް ގެންނެވިއިރު ބާބު ކަނޑައެޅުއްވިއެވެ. އެއީ: (ތަޝައްހުދް އަށްފަހުގައިވާ ޛިކުރުގެ ބާބު)
އަދި އިބްނު ޚުޒައިމާ މިރިވާޔަތުގެ މައްޗަށް ބާބު ކަނޑައެޅުއްވީ: (އެމީހެއް ގެ ރައްބު عز وجل އަށް ކަމަކަށް އެދި ދެންނެވުމުގެ ޙާޖަތެއް އޮވެ، އެކަމަށް ނިޔަތް ގަންނަ މީހާ، ނަމާދުގައި ތަސްބީޙަ އާއި ތަޙްމީދު އާއި ތަކްބީރު ކިޔުމުގެ ހުއްދައިގެ ބާބު. އަދި މިކަންކުރުމުގައި އެ (ދުޢާ) އިޖާބާވުމުގެ އުއްމީދު.)
— ޝައިޚް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.