ސުވާލު: ﷲ ތިބާއަށް އިޙްސާންވެ ވޮޑިގަންނަވާށިއެވެ. ފަޟީލަތުއް ޝައިޚް އެވެ. (الجنة تحت أقدام الأمهات) "ޖަންނަތް ވަނީ މައިންގެ ފައިތިލަ…
This article is available in Dhivehi only.
📍
ސުވާލު: ﷲ ތިބާއަށް އިޙްސާންވެ ވޮޑިގަންނަވާށިއެވެ. ފަޟީލަތުއް ޝައިޚް އެވެ. (الجنة تحت أقدام الأمهات) "ޖަންނަތް ވަނީ މައިންގެ ފައިތިލަ ދަށުގައެވެ" — މިޙަދީޘް އާއި (الْزَمْ قدميها فثم الجنة) ”އެކަނބުލޭގެ (މަންމަގެ) ފައިކައިރީ ލާޒިމުވެ ހުންނާށެވެ. އެތާގައި ޖަންނަތް ވެއެވެ.“ — މިދެޙަދީޘްގެ ޞައްޙަކަމުގެ ދަރަޖަ އަކީ ކޮބައިތޯއެވެ؟
ޖަވާބު: މި ޙަދީޘް: (الجنة تحت أقدام الأمهات) "ޖަންނަތް ވަނީ މައިންގެ ފައިތިލަ ދަށުގައެވެ". މިއީ މުންކަރު ޙަދީޘް އެކެވެ. ނަބިއްޔު ﷺ އަރިހުން މިއެއް ޞައްޙަކޮށް އައިސްފައި ނުވެއެވެ. އަދި ކިއެއްތަ؟ އެއް ޢިލްމުވެރިއަކަށް ވުރެ ގިނަ ބޭކަލުން މިއީ މަޥްޟޫޢު (ހަދާފައިވާ ދޮގު) ޙަދީޘް އެއް ކަމަށް ކަނޑައެޅުއްވިއެވެ.
ދެންފަހެ (الْزَمْ قدميها فثم الجنة) ”އެކަނބުލޭގެ (މަންމަގެ) ފައިކައިރީ ލާޒިމުވެ ހުންނާށެވެ. އެތާނގައި ޖަންނަތް ވެއެވެ.“ އަބޫ ދާވޫދު ވަނީ އެކަލޭގެފާނުގެ ސުނަނު ގައި މި ރިވާކުރައްވާފައެވެ.⁽¹⁾ އެއީ ރަނގަޅު ޙަދީޘެކެވެ. އެފަދަ ރިވާޔަތް ބޭނުން ކުރެވުން ވެއެވެ. އަދި އެއީ މައިންބަފައިންގެ ޙައްޤު ގެ މަތިވެރިކަމުގެ މައްޗަށްވާ ދަލީލެކެވެ. އަދި ﷲ جل وعلا ވަޙީ ކުރައްވާފައި ވެއެވެ:
﴿فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا * وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا﴾. ”އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! * އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!“
ފަހެ މައިންބަފައިންނަށް ކަމޭ ހިތުން ވަނީ، ﷲ جل وعلا ޙަޟްރަތަށް ގާތްވެ ކުއްތަން ވުމުގެ އެންމެ މަތިވެރި ކަންކަމުގެ ތެރެއިންނެވެ. އެހެންކަމުން މިކަމަށް މަގު ވާހާ ހިނދަކު، އިންސާނާގެ މައްޗަށް ވަނީ އެދެވެރިންނަށް އޯގާތެރިވުން ގަދައަޅައި މަސައްކަތް ކުރުމުގައި ވުމެވެ.“
އެހެނަސް މިހެން: "ޖަންނަތްވަނީ މަންމައިންގެ ފައިތިލައިގެ ދަށުގައޭ" ބުނާ ބައެއް މީހުން ވެއެވެ. (މިބުނުން) "ޖަންނަތްވަނީ މަންމައިންގެ ފައިތިލައިގެ ދަށުގައޭ" ބުނުމުން އޭގައި ޢާންމު (ފުޅާވެގެންވާ) އަދި ފުން މާނައެއް އާދެއެވެ. އަދި އެއީ (( الْزَمْ قدميها فثم الجنة )) ”އެކަނބުލޭގެ ފައިކައިރީ ލާޒިމުވެ ހުންނާށެވެ. އެތާނގައި ޖަންނަތް ވެއެވެ.“ މި މާނަ ނޫން މާނައެކެވެ. އެކަމަނާގެ ފައިދޮށުގައި ލާޒިމުވެ ހުންނާށޭ، އެބަހީ: ކިޔަމަން ގަތުމުގައި ލާޒިމުވެ ހުންނާށޭ އަދި ވަކިނުވާށޭ އެވެ. އެހެނީ މިއީ ހަމަކަށަވަރުން ޖަންނަތަށް ދިއުމުގެ މަގުތަކުގެ ތެރެއިން މަގެކެވެ. އެހެނަސް، "ޖަންނަތްވަނީ މަންމައިންގެ ފައިދަށުގަޔޭ" ، ފަހެ މިއިން މާ ފުޅާ މާނައެއް ފޯދެއެވެ. އަދި އޭގެ ޢަލާމަތް ވެސް މާ ބޮޑެވެ. އަދި މި ލަފުޡު ޘާބިތު ނޫނެވެ. އަދި ޘާބިތުވެގެންވަނީ: (( الْزَمْ قدميها فثم الجنة )) ”އެކަނބުލޭގެ ފައިކައިރީ ލާޒިމުވެ ހުންނާށެވެ. އެތާނގައި ޖަންނަތް ވެއެވެ.“ މިއެވެ.
— ޝައިޚް އަލްމުޙައްދިޘް، ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން، ”ވިހި ވަނަ ހުޅުވާލެވިފައިވާ ބައްދަލުވުން“ ގެ ތެރެއިން
______________
(1) އިބްނު މާޖާ އެކަލޭގެފާނުގެ ސުނަން ގައި މިރިވާޔަތް ގެންނަވާފައި ވެއެވެ. އަބޫ ދާވޫދުގެ ސުނަނުން މިލަފްޒު އިން މިޙަދީޘް އަހަރެމެންނަށް ފެނިފައި ނުވެއެވެ — الله أعلم.
~ ގަލަންދާނު
Comments (0)
Be the first to comment.