ހެނދުނާއި ހަވީރުގެ ޛިކުރުގެ ތެރެއިން
This article is available in Dhivehi only.
ހެނދުނާއި ހަވީރުގެ ޛިކުރުގެ ތެރެއިން:
حَسْبِيَ اللَّهُ لاَ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
މިޛިކުރުގެ ޞައްޙަކަމުގެ މައްޗަށް ނަޒަރެއް
މިޛިކުރުގެ މާތް ކަމުގެ މައްޗަށް، މަޥްޤޫފުކޮށް (އެބަހީ: ނަބިއްޔު ﷺ އަށް ނިސްބަތް ނުވެ، އަޞްޙާބު ބޭކަލަކަށް ނިޞްބަތްވާ ޙާލު) އަދި މަރްފޫޢުކޮށް (އެބަހީ: އެކަލޭގެފާނު ﷺ ނިޞްބަތްވާ ޙަދީޘެއްގެ ގޮތުގައި) ވެސް ރިވާވެގެންވެއެވެ. އަދި މަރްފޫޢު ރިވާޔަތް ދެގޮތަކަށް، އެއީ މުރްސަލްކޮށް (އެބަހީ: ޙަދީޘް ގެންނެވި ޞަޙާބީގެ ނަންފުޅުނެތި) އަދި މުސްނަދުކޮށް (އެބަހީ: ނަބިއްޔު ﷺ އާއި ހަމަޔަށް މެދުކެނޑުމެއްނެތިވާ ސަނަދަކުން) އައިސްފައިވެއެވެ.
މިރިވާޔަތުގެ ޞައްޙަކަމާއިމެދު ސުވާލުތަކެއް ކުރެވުމުންދާތީ، ޚުލާޞާއެއް ބަޔާންކޮށްލަމެވެ.
1.
ޤުރުއާނުގައި މިޛިކުރު އެންގެވިފައިވުން
ﷲ ވަޙީކުރެއްވިއެވެ:
فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއް ވެވޭ) إله އަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ.
التوبة ސޫރަތުގެ 129
2.
މަޥްޤޫފު ރިވާޔަތް:
މިއީ އަބޫ ދާވޫދު އެކަލޭގެފާނުގެ ސުނަން 5/201 ނަންބަރު 5081 ގައި، އަދި އިބްނު ޢަސާކިރި "ތާރީޚު ދިމަޝްޤު" 36/149 ގައި އަބީ ޒަރްޢަތުއް ދިމަޝްޤީގެ މަގުން އަދި 36/149-150ގައި މަޙްމޫދު ބިން އަބީ ޒަރްޢާ އަރިހުން އިބްރާހީމް ބިން ޢަބްދުﷲ ބިން ޞަފްވާން ކުރެންނެވެ.
އޭގައިވަނީ:
عَنْ أُمِّ الدَّرْدَاءِ عَنْ أَبِي الدَّرْدَاءِ رضى الله عنه قَالَ مَنْ قَالَ إِذَا أَصْبَحَ وَإِذَا أَمْسَى
حَسْبِيَ اللَّهُ لاَ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
سَبْعَ مَرَّاتٍ كَفَاهُ اللَّهُ مَا أَهَمَّهُ [صَادِقًا كَانَ بِهَا أَوْ كَاذِبًا].
އުއްމުއް ދަރްދާއު ވިދާޅުވިއެވެ: އަބުއް ދަރްދާއު ވިދާޅުވިއެވެ: ދުވާލުވާހިނަދު އަދި ނިމޭހިނދު :
މިއަޅާއަށް ﷲ ފުދިގެންވެއެވެ. އެއިލާހު ފިޔަވައި (حق ވެގެން އަޅުކަމެއް ވެވޭ) އެހެން އިލާހަކު ނުވެއެވެ. މިއަޅާ އެއިލާހަށް ވަކީލުކުރަމެވެ. އަދިއެއިލާހުއީ މަތިވެރި ޢަރުޝީގެ ވެރި އިލާހެވެ.
ހަތް ފަހަރު، މިހެން ކިޔައިފި މީހަކަށް، އޭނާގެ ހިތްދަތިކަމަށް ﷲ ފުދިވޮޑިގެންވެއެވެ. [އެއަށް އޭނާ ތެދުވެރިވިޔަސް ނޫނީ ދޮގުވެރިވިޔަސް އެވެ.]
މައުޤޫފުކޮށް، އަބުއް ދަރްދާއު އަށް ނިޞްބަތްވެވިފައިވާ މިރިވާޔަތަކީ ޞައްޙަ ރިވާޔަތެކެވެ.
މިރިވާޔަތް މައުޤޫފު ވިޔަސް، މީގެ ޙުކުމަކީ މަރްފޫޢު (ނަބިއްޔާއަށް ނިޞްބަތް) ވުމެވެ. އެހެނީ މިފަދަ ބަސްފުޅަކީ އަމިއްލަ ރައުޔުން ވިދާޅުނުވާނޭ ފަދަ ބަސްފުޅެކެވެ. އަދި މީގައި ޛިކުރުގެ އަދަދެއް ކަނޑައެޅިފައިވުމާއި އޭގެ އަޖުރުވެސް ބަޔާންވެފައިވުމެވެ. އަދި އަބުއް ދަރްދާއު އަކީ އެބޭފުޅެއްގެ އަރިހުން އިޒްރާއިލީ ރިވާޔަތްތައް ވާރިދުވެފައިވާ ބޭފުޅެއްވެސް ނޫންކަމެވެ. އެހެންކަމުން އަލްމުންޛިރީ "އައްތަރްޣީބި ވައްތަރްހީބި" 1/332 ގައި ވިދާޅުވިއެވެ: އަދި ބުނެވެއެވެ: މިފަދަ ބަސްފުޅުތައް އަމިއްލަ ރައުޔަކުންނެއް ވިދާޅުވެވުމެއް ނުވެއެވެ. އެހެންކަމުން މީގެ މަގަކީ މަރުފޫޢަ ގެ މަގެވެ."
އަލްއަލްބާނީގެ ނިންމުމަކީ މިއީ "މަވްޟޫޢު" (ދޮގު) ރިވާޔަތެއް ކަމުގައި (sunnah .com ގެ އަބޫދާވޫދުގެ ރިވާޔަތުގެ ދަރަޖަކޮށްފައިވާފަދައިން) ނޫނި "ޟަޢީފް" ކަމަށް ބުނުމުގައި ޚިލާފެއްވެއެވެ.
މިޚިލާފު އައިސްފައިވަނީ، މިރިވާޔަތުގެ ފަހުބައި:
[އެއަށް އޭނާ ތެދުވެރިވިޔަސް ނޫނީ ދޮގުވެރިވިޔަސް އެވެ.]
މި އިބާރާތުގެ މައްޗަަށް ބިނާކޮށެވެ. މިނުކުތާ މައްޗަށް ފަހުން އަލިއަޅުވާލާނަމެވެ.
3.
މަރްފޫޢުކޮށް:
ހ. މުސްނަދު ގޮތުގައި "ޢަމަލިލް ޔައުމި ވައްލައިލަތި" ޞ. 36-37 ނަންބަރު 71 ގައި އިބްނުއް ސުންނީ މިޙަދީޘް ރިވާކުރެއްވިއެވެ.
އެއީ އަބުއް ދަރްދާއު އަރިހުން، ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިކަމަށް: (އިހު ބަޔާން ވެވުނު ހަދީޘް) އަދި އޭގެ ފަހުބައިގައިވަނީ
"... އެމީހެއްގެ ދުނިޔެއާއި އާޚިރަތުގެ ހިތްދަތިކަމުގައި ﷲ ފުދިވޮޑިގެންވެއެވެ."
ޒާދް އަލްމަޢާދް ގެ ތަޢުލީޤު 2/342 ގައި ޝެއިޚް ޝުޢައިބް އާއި ޢަބްދުއްރައްޒާޤް އަލްއަރްނައޫޠު މިރިވާޔަތުގެ "ސަނަދު ޞައްޙަ" ކަމަށްވިދާޅުވިއެވެ.
އަދި އިބްނު ޢަސާކިރު ވެސް "ތާރީޚި ދިމަޝްޤު" 36/193 ގައި އަބުއްދަރްދާއު އަރިހުން ނަބިއްޔާ ޞ ޙަދީޘް ކުރެއްވިކަމަށް ރިވާކުރެއްވިއެވެ. އެއީ އެހެނަސް (حَسْبِيَ اللَّهُ) މިތަންކޮޅާއި ނުލައެވެ. އަދި މިއިތުރުބައި (صَادِقًا كَانَ بِهَا أَوْ كَاذِبًا ) ވެސް އެކުލެވިފައިވެއެވެ.
އެހެނަސް މިރިވާޔަތުގެ ސަނަދުގައި މައްސަލަވެއެވެ. އަދި ބަޔެއް ރާވީންގެ ޞައްޙަކަމާއިމެދު ޚިލާފުވެއެވެ.
Comments (0)
Be the first to comment.