ސަމާލުކަމަށް: މެދުފޮއިރޯދައިގެ ތިން ދުވަހު (13 ، 14 ، 15) ގައި ދާއިމީ ކޮށް ރޯދަހިފުމީ ބިދުޢައެއް ނޫނެވެ!
This article is available in Dhivehi only.
⬆️ ސަމާލުކަމަށް: މެދުފޮއިރޯދައިގެ ތިން ދުވަހު (13 ، 14 ، 15) ގައި ދާއިމީ ކޮށް ރޯދަހިފުމީ ބިދުޢައެއް ނޫނެވެ!
އަލްޢަލްވާން ވިދާޅުވިއެވެ: ”ހަނދުމަހުގެ ކޮންމެ މަހެއްގައި ތިން ރޯދަ ހިފުން މުސްތަޙައްބެވެ. އަދި (އެއީ) ”އައްޔާމުލް ބައިޟު“ ކަމަށް ވަކިން ކަނޑައަޅައި ވާރިދުވެފައިވާ ހުރިހާ ޙަދީޘެއްގައި ހާމަނޫން ބަލިކަށިކަން އެކުލެވެއެވެ.“—اهـ.
ޝެއިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ: ”މުސްތަޙައްބު ވެގެންވަނީ ކޮންމެ މަހެއްގައި 3 ދުވަހަކު ރޯދަ ހިފުމެވެ. އެއީ އަބޫ ހުރައިރާ ގެ ޙަދީޘްގެ މައްޗަށެވެ: ”އަހަރެންގެ ޚަލީލު ﷺ 3 ކަމަކަށް އަހަރެންނަށް ވަޞިއްޔަތް ކުރެއްވިއެވެ: (ދެން އޭގެ ތެރޭގައި ވިދާޅުވިއެވެ) ...ކޮންމެ މަހެއްގައި 3 ދުވަހު ރޯދަ ހިފުމެވެ.“ —متفق عليه (އަލްބުޚާރީ އާއި މުސްލިމް).
ދެންފަހެ، އައްޔާމުލް ބީޟްގެ ރޭތަކަށް އެކަނި އެކަނޑައެޅުން، (ދަންނައެ) އެއެންމެހާ ރިވާޔަތެއްވެސް ބަލިކައްޓެވެ.“—اهـ.
އަދިވެސް އަލްޚުޟައިރް ވިދާޅުވިއެވެ: ”މަރްފޫޢު ޙަދީޘަކުން ނަބިއްޔު ﷺ އަރިހުން އައްޔާމުލް ބީޟް ގައި ރޯދަ ހިފުން ޘާބިތެއް ނޫނެވެ. އަދި އެހެނަސް، ޢުމަރު ބުނުލް ޚައްޠާބު އަދި އިބްނު މަސްޢޫދު އަދި އަބޫ ޛައްރު އަރިހުން ވާރިދުވެފައިވެއެވެ. އަދި ތާބިޢީ ބޭކަލުން ކުރެ، އަލްޙަސަނުލް ބަޞްރީ އާއި އައްނަޚަޢީ އަރިހުންވެސް މެއެވެ.❝ — اهـ.
📝 އަހަރެމެން ބުނަމެވެ: މިއާއި އެކުވެސް، މިކަމުގައިވާ ޢިލްމުވެރިންގެ ޚިލާފުގެ މައްޗަށް ބަލައި: ޞައްޙަކަމަށް ދެކި، ދާއިމީ ކޮށް އެރޯދަ ހިފާ މީހެއްގެ ޢަމަލަކީ ބިދުޢައެއް ނޫނެވެ. ހަމައެފަދައިން އެރިވާޔަތް ޟަޢީފުކަމަށް ދެކި އެހެނަސް ހަނދުމަހުގެ ތެރެއިން 3 ދުވަހުގެ ރޯދައިގެ ގޮތުގައި އެތިން ދުވަހު ރޯދަހިފާމީހާ، ނުވަތަ ޢުމަރުގެފާނާއި އަޞްޙާބުން އަރިހުން އެޢަމަލު ޘާބިތުވެފައިވާ ކަމަށްޓަކައި ހަނދުމަހުގެ ތިން ރޯދަ، އެތިން ދުވަހަށް ޚާއްޞަ ކުރާ މީހާ، އެކަން ކުރުން ހުއްދައެވެ. އެޢަމަލަކީ އަޞްޙާބުބޭކަލުން ތެރެއިން ބަޔެއް ބޭކަލުން ފުށުން ޘާބިތު އަދި ޖުމްހޫރު ޢިލްމުވެރިން މުސްތަޙައްބު ކަމަށް ބަޔާން ކުރައްވާފައިވާ ކަމެކެވެ.
އަބޫ ޢަބްދު ﷲ އައްސޫދާނީ ވިދާޅުވިއެވެ: ”އޭނާ ބޭނުންނަމަ (ދެބަސްވުމެއްނެތް ހަނދުމަހުގެ ރޯދައިގެ) ތިން ދުވަސް، އައްޔާމުލް ބީޟުގައި ހިފާށެވެ. (އޭގައި މައްސަލައެއް ނުވެއެވެ.)“—اهـ.
އަދިކިއެއްހެއްޔެވެ؟ އަލްޢަލްވާން ވިދާޅުވިއެވެ: ”އިބްނު ޢުމަރާއި އިބްނު ޢައްބާސް ގެ އަރިހުން އައްޔާމުލް ބީޟްގެ ރޯދަ ޘާބިތެވެ. އަދި ބުނެވެއެވެ: އޭގެ (އެބަހީ: އަޞްޙާބު ބޭކަލުންގެ ރިވާޔަތް ތަކުގެ) ޙުކަމަކީ މަރްފޫޢު އެވެ.“—اهـ.
އެބަހީ: އެޢަމަލު ﷲ ގެ ރަސޫލު ﷺ އަށް ނިޞްބަތްވެ ވަޑައިގަތުމެވެ.
މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ”އެކަމުގައި ރިވާވެފައިވާ ޙަދީޘްތަކާއިމެދު ދެބަސްވުން ވެއެވެ. އެހެނަސް ޢިލްމުވެރިން ކުރެ ބައިގަނޑެއް އެރިވާޔަތްތައް އެއްކުރައްވައި ޙަސަނު ކުރެއްވައެވެ.“—اهـ.
އަދި ޢިލްމުވެރިންގެ ޙިލާފު މިކަމުގައި ވެއެވެ. އަހަރެމެންވާނީ ކުރިން، މިކަމުގެ މައްޗަށް ތަފްޞީލެއް ގެނެސްފައެވެ.
އަދި އަހަރެމެންނަށް މިކަމުގައި ބޮޑަށް ބުރަވެވެނީ މެދުފޮއިރޯދައިގެ 3 ރޯދައަކީ އަލްބުޚާރީ އާއި މުސްލިމް ގައި ވާރިދުވެފައިވާ އަބޫ ހުރައިރާގެ، އަދި ޢާއިޝަތުގެފާނުގެ ޙަދީޘްތަކުން ޘާބިތު، ހަނދުމަހެއްގައި ހިފުމަށް ސުންނަތް ވެގެންވާ 3 ރޯދައިގެ ތެރޭ ހިމެނޭ އެއްޗެއް ކަމެވެ. އެހެންކަމުން އެތިން ދުވަހުގައި (13 ، 14 ، 15 ގައި) އެކަނި ހިފިޔަސް ނޫނީ އެނޫން ތިން ދުވަހެއްގައި ހިފިޔަސް އެ ސުންނަތް އަދައުވެވުނީއެވެ. الله أعلم.
~ ގަލަންދާނު
Comments (0)
Be the first to comment.