އިބްނު ރަޖަބުލް ޙަންބަަލީ ވިދާޅުވިއެވެ
This article is available in Dhivehi only.
①
އިބްނު ރަޖަބުލް ޙަންބަަލީ ވިދާޅުވިއެވެ:
މިޙަދީޘް އަކީ ދީނުގެ ނާރެސް ކަމުގައިވާ ޙަދީޘް ތަކުގެ ތެރެއިން ޙަދީޘެކެވެ. މިހެންކަމުން، އައްޝާފިޢީ އަރިހުން ރިވާވެގެންވެއެވެ: ވިދާޅުވިއެވެ: ”މިޙަދީޘަކީ ޢިލްމުގެ ތިންބައި ކުޅަ އެއްބައެވެ. އަދި މިޙަދީޘް ފިޤުހުގެ ހަތްދިހަ ބާބުގެ ދަށަށް ވަދެއެވެ.“
އަދި އިމާމް އަޙްމަދު އަރިހުން: ވިދާޅުވިއޭ: ”އިސްލާމްދީނުގެ އަސާސް ވަނީ ތިން ޙަދީޘެއްގެ މައްޗަށެވެ: އެއީ، ޢުމަރުގެ «إِنَّمَا الْأَعْمَالُ بِالنِّيَّاتِ» {ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ، ނިޔަތްތަކުގެ މައްޗަށް} ޙަދީޘް އާއި ޢާއިޝާ ގެ «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رد» {އަހަރެމެންގެ މިކަމުގައި (ދީނުގައި) ނުހިމެނޭ ކަމެއް (އެ ދީނުގެ ތެރެއަށް) ވައްދައި އިތުރުކޮށްފި މީހާ، ދަންނައެ، އެކަން (ޤަބޫލު ނުވެވި) ވަނީ ރައްދުވެވިގެން} ޙަދީޘް އާއި އައްނުޢްމާން އިބްނި ބަޝީރް ގެ «الْحَلاَلُ بَيِّنٌ وَالْحَرَامُ بَيِّنٌ» {ޙަލާލްވަނީ އެނގިބަޔާން ވެގެންނޭ، އަދި ޙަރާމް ވަނީ އެނގިބަޔާންވެގެންނޭ} ޙަދީޘެވެ.
އަދި އަލްޙާކިމް ވިދާޅުވިއެވެ: ޢަބްދު ﷲ ބުނު އަޙްމަދު އަރިހުން އެކަލޭގެފާނުގެ ބައްޕަ އަރިހުން އަހަރެމެންނަށް ރިވާވެފައިވެއެވެ: އިތުރުއެކަލޭގެފާނުން عليه الصلاة والسلام ގެ މިޙަދީޘްތައް (އަޙްމަދު) ކިޔަވައި ވިދާޅުވިއެވެ: «الْأَعْمَالُ بِالنِّيَّاتِ» {ޢަމަލުތައް ވަނީ... ނިޔަތްތަކުގެ މައްޗަށެވެ.} އަދި އިތުރުއެކަލޭގެފާނުން ގެ ޙަދީޘް «إِنَّ خَلْقَ أَحَدِكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا» {ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކުވެސް ޚަލްޤު ކުރެއްވުން ވަނީ އެމީހެއްގެ މައިމީހާގެ ބަނޑުތެރޭ (އެބަހީ: ރަޙިމުތެރޭ) އެއްކުރެވޭތާ ސާޅީސްދުވަހާއިރޭ ތެރޭގައި } އަދި އިތުރުއެކަލޭގެފާނުން ގެ ޙަދީޘް «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رد» {އަހަރެމެންގެ މިކަމުގައި (ދީނުގައި) ނުހިމެނޭ ކަމެއް (އެ ދީނުގެ ތެރެއަށް) ވައްދައި އިތުރުކޮށްފި މީހާ، ދަންނައެ، އެކަން (ޤަބޫލު ނުވެވި) ވަނީ ރައްދުވެވިގެން} ، ދެން (އިމާމް އަޙްމަދު) ވިދާޅުވިއެވެ: ”ކޮންމެ ލިޔުމެއްވެސް ފަށައިގަތުން އެދެވިގެންވަނީ މިޙަދީޘް ތަކުންނެވެ. އެހެނީ ޙަދީޘްތަކުގެ ބިންގަލަކީ (އަސާސް އަކީ) މިއީއެވެ.“
އަދި އިސްޙާޤް ބުނު ރާހަވައިހް ވިދާޅުވިއެވެ: ހަތަރު ޙަދީޘެއް ވަނީ ދީނުގެ ބިންގަލުގެ ތެރެއިން ނެވެ: ޢުމަރުގެ ޙަދީޘް «إِنَّمَا الْأَعْمَالُ بِالنِّيَّاتِ» {ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ، ނިޔަތްތަކުގެ މައްޗަށް} އާއި «الْحَلاَلُ بَيِّنٌ وَالْحَرَامُ بَيِّنٌ» {ޙަލާލްވަނީ އެނގިބަޔާން ވެގެންނޭ، އަދި ޙަރާމް ވަނީ އެނގިބަޔާންވެގެންނޭ} ޙަދީޘް އާއި «إِنَّ خَلْقَ أَحَدِكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا» {ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކުވެސް ޚަލްޤު ކުރެއްވުން ވަނީ އެމީހެއްގެ މައިމީހާގެ ބަނޑުތެރޭ..} ޙަދީޘް އާއި «من صنع في أمرنا شيئا ما ليس منه فهو رد» {އަހަރެމެންގެ މިކަމުގައި (ދީނުގައި) ނުހިމެނޭ ކަމެއް (އެ ދީނުގެ ތެރޭ) އުފައްދައިފި މީހާ، ދަންނައެ، އެކަން (ޤަބޫލު ނުވެވި) ވަނީ ރައްދުވެވިގެން} ޙަދީޘެވެ.“
ޢުޘްމާން ބްނު ސަޢީދު ރިވާކުރެއްވިއެވެ: އަބޫ ޢުބައިދު ވިދާޅުވިއެވެ: އާޚިރަތިގެ އެންމެހާ ކަމެއް ނަބިއްޔު ﷺ މިކަލިމަ ފުޅުގައި ޖަމަޢުކުރެއްވިއެވެ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رد» {އަހަރެމެންގެ މިކަމުގައި (ދީނުގައި) ނުހިމެނޭ ކަމެއް (އެ ދީނުގެ ތެރެއަށް) ވައްދައި އިތުރުކޮށްފި މީހާ، ދަންނައެ، އެކަން (ޤަބޫލު ނުވެވި) ވަނީ ރައްދުވެވިގެންނެވެ.} އަދި ދުނިޔޭގެ އެންމެހާ ކަމެއް މިކަލިމަ ފުޅުގައި ޖަމަޢުކުރެއްވިއެވެ: «إِنَّمَا الْأَعْمَالُ بِالنِّيَّاتِ» {ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ، ނިޔަތްތަކުގެ މައްޗަށެވެ.} މިދެޙަދީޘް އެންމެހާ ބާބެއްގެތެރެއަށް ވަދެއެވެ.“
Comments (0)
Be the first to comment.