ޖަރީރު ބުނު ޢަބްދު ﷲ — رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން ވެއެވެ
This article is available in Dhivehi only.
ޖަރީރު ބުނު ޢަބްދު ﷲ — رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން ވެއެވެ:
”އަހަރެން އިސްލާމްވީއްސުރެ ނަބިއްޔު ﷺ ދުވަހަކުވެސް އެކަލޭގެފާނުގެ ފައިންޕުޅު ދެކުމުން މަނައުވެލައްވާފައެއް ނުވެއެވެ. އަދި އެކަލޭގެފާނު މޫނުފުޅު މަތީ ހިނިތުންވުން ނުވާ ޙާލެއްގައި އަހަރެންނެއް ދުވަހަކު ނުވެސް ދެކެމެވެ. (ހަނގުރާމައިގެ) އަސް މަތީ ސަވާރީވެ ހުރުމުގައި އަހަރެންނަށް ޘާބިތުނުވެވޭތީ އެކަލޭގެފާނަށް އެއްފަހަރަކު⁽¹⁾ އަހަރެން ޝަކުވާ ދެންނެވީމެވެ. އެހެންކަމުން އެކަލޭގެފާނުގެ އަތްޕުޅުން އަހަރެންގެ މޭގައި ޖައްސަވައި ޙަދީޘްކުރެއްވިއެވެ:
«اللَّهُمَّ ثَبِّتْهُ وَاجْعَلْهُ هَادِيًا مَهْدِيًّا» — متفق عليه
(ޔާ ﷲ، އޭނާ ޘާބިތު ކުރައްވާށިއެވެ. އަދި ހިދާޔަތަށް މަގުދައްކާ ހިދާޔަތް ލިބިގެންވާ މީހެއްގޮތުގައި ލައްވާށިއެވެ.)
އަދި އަލްބުޚާރީ ގެ ރިވާޔަތުގައި ވެއެވެ: ”އޭގެ ފަހުން އަހަރެން ދުވަހަކުވެސް އަހަކުން ވެއްޓިފައެއް ނުވެއެވެ.“
• މިޙަދީޘް އަކީ ޖުމްލަގޮތެއްގައި ޘާބިތުކަން އެދޭ ކޮންމެ މީހަކަށްވެސް ވާ ޙަދީޘެކެވެ. އެއީ ޖިހާދު އަދި އެނޫން އެފަދަ ޙައްސާސު ކަމެއްގައިވިޔަސް، ނޫނީ ކާފަރުންނާއި ބަހުޘް ކުރުންފަދަ މަޢްނަވީ ކަމެއްގައި ވިޔަސް މެއެވެ. ނުވަތަ ޙައްޤު ދެނެގަނެ އެއަށް ވާޞިލުވުމަށްވެސް މެއެވެ. އެހެންކަމުން އެފަދަ މީހާ އަށް، ޘާބިތުކަމަށްއެދި ދުޢާ ކުރުން ޝަރުޢުވެގެންވެއެވެ.
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާން
_____________
(1) މިއީ ޛުލް-ޚަލަޞާ ހަނގުރާމައިގެ އަމީރުކަމަށް ޖަރީރު ބުނު ޢަބްދު ﷲ ހަމަޖައްސަވައި ފޮނުއްވެވި ޙާދިސާ ގައެވެ.
Comments (0)
Be the first to comment.