ޚަދީޖަތުގެފާނު ކައިވެނި ބެއްލެވިއިރު ޢުމުރުފުޅަކީ ސާޅިސް ކަން ޘާބިތެއް ނޫނެވެ
This article is available in Dhivehi only.
①
📌 ޚަދީޖަތުގެފާނު ކައިވެނި ބެއްލެވިއިރު ޢުމުރުފުޅަކީ ސާޅިސް ކަން ޘާބިތެއް ނޫނެވެ.
މީސްތަކުން ތެރޭ މަޝްހޫރު ވާހަކަ ތަކުގެ ތެރޭގައި، ނަބިއްޔު ﷺ އާއި ކައިވެނި ބެއްލެވި އިރު އުއްމުލް މުއުމިނީން ޚަދީޖާ رضي اللّٰه عنها ގެ އުމުރުފުޅަކީ ސާޅީސް އަހަރު ކަމަށް ވެއެވެ. އެހެނަސް ރިވާޔަތް ތަކަށް ބަލާއިރު އެންމެ ވަރުގަދައީ އެކަމަނާގެ ޢުމުރުފުޅު ތިރީހާއި ހަމައަށް ނުފޯރާ ކަމެވެ. އަދި އެކަމަނާއަށް ވިހާފައިވާ ދަރިންނަށް ބަލާއިރު މިގޮތް ބޮޑަށް ޞައްޙަވުމާއި ގާތެވެ.
(1) ބަލިކަށި ރިވާޔަތް ތައް
އިބްނު ސަޢުދު "އައްޠަބަޤާތު" ވިދާޅުވިއެވެ:
10719 - ހިޝާމް ބުނު މުޙައްމަދު ބުން އައްސާއިބު، އޭނާގެ ބައްޕަ ގާތުން އަހަރެމެންނަށް ޚަބަރު ކުރިއެވެ: ޢަބޫ ޞާލިޙު އަރިހުން އިބްނު ޢައްބާސް ވިދާޅުވިއޭ އެވެ: ”ރަސޫލު ﷲ ﷺ އާއި ކައިވެނި ބައްލަވައިގަތް ދުވަހު އެކަމަނާވީ އަށާވީސް (28) އަހަރުގެ ބޭކަނބަލެއް ކަމުގައެވެ. އަދި ރަނެއް ކަމުގައިވީ ބާރަ އޫޤިއްޔާ އެވެ. (އެއީ ފައިސާގެ މިންވަރެކެވެ. ބުނެވެއެވެ: އެއް އޫޤިއްޔަތަކީ ސާޅީސް ދިރުހަމެވެ.) އަދި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ރަން ވީ އެމިންވަރުންނެވެ.
މުޙައްމަދު ބުނު ޢުމަރު [އަލްވާޤިދީ] ބުންޏެވެ: އަދި އަހަރެމެން ބުނަނީ، އަދި އަހަރެމެންތެރޭ ގައިވާ ޢިލްމުވެރިންވެސް ބުނަނީ، ޚަދީޖަތުގެފާނު އުފަންވެ ވަޑައިގަތީ ފީލުބާގާ ގެޙާދިޘާގެ ފަނަރަ އަހަރު ކުރިން ކަމެވެ. އަދި އެކަމަނާ ރަސޫލު ﷲ ﷺ އާއި ކައިވެނި ބައްލަވައިގަތް ދުވަހު ޢުމުރުފުޅަކީ ސާޅީސް އަހަރު ކަމެވެ.
10720 - މުޙައްމަދު ބުނު ޢުމަރު [އަލްވާޤިދީ] އަހަރެމެންނަށް ޚަބަރު ދިނެވެ: އަލްމުނޛިރު ބުނު ޢުޤްބަތު، އައްޒުބައިރުގެ މިންޖުކުރެވުނު އަޅު އަބީ ޙަބީބާ އަރިހުން ވިދާޅުވި ކަމަށޭ: ޙަކީމް ބުނު ޙިޒާމް ވިދާޅުވީތީ ތިމަން އަޑުއެހީމޭ: ރަސޫލު ﷲ ﷺ ޚަދިޖަތުގެފާނާއި ކައިވެނި ބައްލަވައިގަތް އިރު އެކަމަނާގެ ޢުމުރުފުޅަކީ ސާޅީސް އަހަރެވެ. އަދި ރަސޫލު ﷲ ﷺ ގެ ޢުމުރުފުޅަކީ ފަންސަވީސް (25) އަހަރުފުޅެވެ. ޚަދީޖަތުގެފާނު އަހަރެންނަށް ވުރެ ދެއަހަރު ދޮއްޓެވެ. އެކަމަނާ އުފަންވެވަޑައިގަތީ ފީލުބާގައިގެ ޙާދިޘާ ގެ ފަނަރަ އަހަރު ކުރިންނެވެ. އަދި އަހަރެން އުފަންވީ ފީލުބާގައިގެ ޙާދިޘާގެ ތޭރަ އަހަރު ކުރިންނެވެ.
[މިހިސާބަށް އިބުނި ސަޢުދުގެ އައްޠަބަގާތުން،ނިމުނީ]
(ފުރަތަމަ ރިވާޔަތުގެ ރާވީންގެ ތެރޭގައިވާ) ހިޝާމް އާއި އޭނާގެ ބައްޕަ އަކީ ދެދޮގިވެރިންނެވެ. އަދި އެދެވެރިންގެ ރިވާޔަތަށް ދެކޮޅު ހެދި މުޙައްމަދު ބުނު ޢުމަރުލް ވާޤިދީ (އަލްވާޤިދީ) އަކީ ވެސް ކައްޒާބެކެވެ.⁽¹⁾ (އަދި ދެވަނަ ރިވާޔަތުގެ ރާވީ އަކީވެސް މިއީއެވެ.)
ބުނެވޭނަމަ: ބަލަ އަލްވާޤިދީ ގެ ބަސް ތާރީޚުގައި ނެގިދާނެ ނޫންހެއްޔެވެ؟
އެޔަށް ބުނެވުން ވަނީ: ނަބިއްޔު ﷺ މައްޗަށް ދޮގުހަދައިފި މީހެއް، އެނޫން ކަމެއްގެ މައްޗަށް އަމާންވެގެންނެއް ނުވެއެވެ.
މިސަބަބަށްޓަކައި، އިބްނުލް މަދީނީ ވިދާޅުވިއެވެ: އަލްހައިޘަމް ބުނު ޢަދިޔު ވެސް އަލްވާޤިދީ އަށްވުރެ އަހަރެންނަށް އިތުބާރު ބޮޑެވެ. ޙަދީޘަކުވެސް، ނަސަބަކުވެސް އަދި އެއްވެސް ކަމެއްގައި އޭނާފުށުން ނުނަގަމެވެ. (އަދި އަލްހައިޘަމް ބުނު ޢަދިޔު އަކީ އެމީހެއް ޟަޢީފު ކަމަށް އިޖުމާޢުވެފައިވާ މީހެކެވެ.)
=
Comments (0)
Be the first to comment.