ފަރުޟު ފަސްނަމާދަށް ފަހު، އާޔަތުލް ކުރުސި ކިޔުމުގެ ފަޟުލު އަދި އެމައްސަލާގައިވާ ޙަދީޘުގެ ޞައްޙަކަން
This article is available in Dhivehi only.

✅ ފަރުޟު ފަސްނަމާދަށް ފަހު، އާޔަތުލް ކުރުސި ކިޔުމުގެ ފަޟުލު އަދި އެމައްސަލާގައިވާ ޙަދީޘުގެ ޞައްޙަކަން
🔘➖➖➖
❞ އަލްނަސާއި ރިވާކުރެއްވިޔޭ، މުޙައްމަދު ބުނު ޙިމްޔަރު ގެ ސަނަދުން، މުޙައްމަދު ބުނު ޒިޔާދު ފަރާތުން، އަބީ އުމާމާ رضي الله عنه އަރިހުން، ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ:
«من قرأ آية الكرسي في دبر كل صلاة مكتوبة، لم يمنعه من دخول الجنة إلا أن يموت»
"ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔައިފި މީހެއް ޖަންނަތަށް ވެއްދުވުން މަނައު ކުރާނޭ އިތުރު ކަމެއް، އޭނާގެ މަރު ނޫނީ، ނުވެއެވެ."
މި ޙަދީޘް ގެ ސަނަދު لا بأس به އެވެ. (”ގޯހެއް ނެތޭ“، އެބަހީ: ޙަސަން ދަރަޖައާއި ގާތްވުމެވެ.) އަދި އަލްމުންޛިރީ ފަދަ ބަޔެއް ޢިލްމުވެރިން (ދަރަޖައިގެ ގޮތުން) އެ ޞައްޙަ ކަމަށްވެސް ކަނޑައެޅުއްވިއެވެ. އަދި އަލްމުންޛިރީ އެއިން އެއް ރިވާޔަތެއްގެ ސަނަދު ޞައްޙަ ކުރެއްވުމަށް ފަހު، އެކަލޭގެފާނު ގެ ޝެއިޚު، އަލްމަޤްދިސީ، އެސަނަދު އަލްބުޚާރީގެ ޝަރުޠުތަކާއި އެއްމިންގަނޑަށް ޞައްޙަ ކަމަށް ވިދާޅުވިއޭ ނަންގެންނެވިއެވެ.
އަދި އިބްނު ޙިއްބާން އެކަލޭގެފާނުގެ ފޮތް "الصلاة" ގައި މިކަން (އޭގެ ޞައްޙަކަން) ނަޤުލު ކުރެއްވިއެވެ.
އަދި އަނެއްބައި ބޭކަލުން މިރިވާޔަތް ޟަޢީފު ކުރެއްވިއެވެ. އެއީ އިބްނުލް ޖަޥްޒީ އާއި އިބްނު ތައިމިއްޔާ އަރިހުން ނަޤުލުވެފައިވާ ފަދައިންނެވެ.
އެހެނަސް ބޮޑަށް ގާތީ: އޭގެ ސަނަދު لا بأس به ކަމުގައެވެ. އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ ٱللَّٰهُ އެރިވާޔަތް ޟަޢީފް ކުރެއްވުމާއި އެކުވެސް އެޛިކުރު ކުރެއްވުމުގައި ދެމިހުންނެވިއެވެ.❝
—އައްޝެއިޚް އަލްމުޙައްދިޘް އަބްދުﷲ އައްސަޢްދުގެ (ބަސްކޮޅު)
~ ގަލަންދާނު 🖋
#حديث_صحيح
ــــــــــــــــــــ
އިތުރު މައުލޫމާތު:
⬆️އަލްޢަލްވާން ވިދާޅުވިއެވެ: ”މިޙަދީޘުގެ ސަނަދު ޞައްޙައެވެ. ރިވާކުރެއްވީ އައްނަސާއީ ”اليوم والليلة“ ގައެވެ. އަދި އިބްނު ޙިއްބާނާއި އިބްނު ޢަބްދުލް ހާދީ ވެސް މިޙަދީޘު ޞައްޙަ ކުރެއްވިއެވެ.“
⬆️އައްޠަރީފީ ވިދާޅުވިއެވެ: ”މިރިވާޔަތުގެ ސަނަދު ވަރުގަދަ ކަމަށް އިބްނު މުފްލިޙް ކަނޑަ އެޅުއްވިއެވެ. (އެއީ "އަލްފުރޫޢު" 2/228 ގައެވެ).“
⬆️މުޞްޠަފާ އަލްޢަދަވީ މިޙަދީޘު ޙަސަނު ކުރެއްްވިއެވެ.
⬆️މުޤްބިލް އަލްވާދިޢީ ވިދާޅުވިއެވެ: ”މިޙަދީޘު ޙަސަން އެވެ.“
⬆️ފަހްދުއް ސުނީދު ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ އައްނަސާއީ ”عمل اليوم والليلة“ ގައި ޙަސަން ސަނަދަކުންނެވެ.“
⬆️މިޙަދީޘް ޟަޢީފު ކަމަށް ވިދާޅުވާ މުޙައްދިޘުން ތެރޭގައި ޚާލިދުލް ޙާޔިކް އާއި އަލްޙަސަނީ ހިމެނިލައްވައެވެ.
Comments (0)
Be the first to comment.