ނަޒަރެއް: ފަޔާއިފައި ޖެއްސުން
This article is available in Dhivehi only.
ނަޒަރެއް: ފަޔާއިފައި ޖެއްސުން
❞ އިތުރުއެކަލޭގެފާނުން ﷺ ގެ ބަސްފުޅު «رصوا صفوفكم وحاذوا بين الأعناق» (ތިޔަބައިމީހުންގެ ޞަފުތައް ގާތްކޮށް ކަރާއިކަރު ދެމެދުގައި އެއްހަމަ ކުރާށެވެ.) — ބޭރުފުށަށް ދޭހަވަނީ މިބަސްފުޅުން އެކަން ވާޖިބު ކުރެއްވުމުގެ ސިފައެވެ. އެހެނަސް "އެއްހަމަކުރާށޭ" ގެ މުރާދަކީ ގާތްކުޅައުމެވެ. އަދި އިހު ބަޔާންވެވުނު ޙަދީޘް ގައިވާ އަނަސް ގެ ބަސްފުޅު «فكان أحدنا يلزق كعبه بكعب صاحبه ومنكبه بمنكب صاحبه» (އެހެންކަމުން އަހަރެމެން ތެރެއިން އެކަކު އޭނާގެ ފައިގެ ކުޑަހުޅު އޭނާގެ ގާތުގައިވާ މީހާގެ ކުޑަހުޅާއި ތަތްކޮށް އޭނާގެ ކޮނޑު އޭނާގެ ގާތުގައިވާ މީހާގެ ކޮނޑާއި ތަތްކުރަތެވެ.) — މިއީ ގާތްކުރުމުގެ މިންވަރު ދެއްކުމުގެ މާނައިގައެވެ. އަދި އޭގެ މުރާދަކީ ޙަޤީޤަތުގައި ވެސް އެކަން ކުރުމެއް ނޫނެވެ. ފަހެ (މިގޮތުން) ރިވާޔަތެއް ގައި އައިސްފައިވެއެވެ: «وركبته بركبة صاحبه» (އަދި އޭނާގެ ކަކޫ އޭނާގެ ގާތުގައިވާ މީހާގެ ކަކުލާއި އެވެ.) އަދި މިއީ ދުވަހަކުވެސް ނުކުރެވޭނޭ ކަމެކެވެ. މިގޮތުން، މީހަކަށް އޭނާގެ ކޮނޑު، އޭނާގެ ގާތުގައިވާ މީހާގެ ކޮނޑާއި ތަތްކުރަން ލާހިކު އެއް ނޫނެވެ. އަދި އޭނާގެ ކަކޫ އޭނާގެ ގާތުގައިވާ މީހާގެ ކަކުލާއި އަދި އޭނާގެ ފައި އޭނާގެ ގާތުގައިވާ މީހާގެ ފަޔާއި (އެއްފަހަރާ ޖެއްސުން) — މިއީ ދުވަހަކުވެސް ކުޅަދާނަ ކަމެއް ނޫނެވެ. މިސަބަބަށްޓަކައި އިހުގެ އިމާމުންގެ ތެރެއިން އެއްވެސް ބޭކަލެއް މި ޙަދީޘް ގެ މުރާދަކީ ޙަޤީޤީ މާނައިގައިވެސް (އެގުނަވަންތައް) ޖެއްސުން ކަމުގައި ދެކި ނުލައެއްވައެވެ. އަދި މިކަމުގައި އެކަމަކަށް އެދެވިގެންވާ ގޮތީ ނަބިއްޔު ﷺ ގެ ކަލާމްފުޅަށް (އެބަހީ: އޭގެ މުރާދަށް) ސަލަފުންގެ ފަހުމަށް ރުޖޫޢަވުމެވެ. ވީމާ ޖެއްސުމޭ ބުނެވޭ ބަހުގެ މުރާދަކީ، ގާތް ކުޅައުމެވެ. އެހެންކަމުން ބަޔެއް މީހުން ޢަމަލު ކުރާހެން، ފަޔާއިފައި ޙަޤީޤަތުގައި ޖެއްސުން، މިއީ އެކަމަކަށް ދަލީލެއް ނުވާ ކަމެކެވެ. އަދިކިއެއްތަ؟ އޭގައި އެހެންމީހުންނަށް އުދަގޫވުން ހިމެނެއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ޝަރަޙް، ބުލޫޣުލް މަރާމް ޞ. 462)
~ ގަލަންދާނު
_______________
* މި މައުޟޫޢު ގެ މައްޗަށް ތަފްޞީލެއް، ޝައިޚް ބަކުރު އަބޫ ޒައިދުގެ ރިސާލާތަކުން ޝާއިޢު ކުރުމަށް ގަސްތުކުރަމެވެ. إن شاء الله
Comments (0)
Be the first to comment.