ޢަބްދުﷲ ބުނު އަބީ އަޥްފާ އަރިހުން، ފާއިދު ބުނު ޢަބްދުއް ރަޙްމާން އަލްޢައްޠާރު ރިވާކޮށްފައިވާ ޙަދީޘް: އެކަލޭގެފާނު ވިދާޅުވިއޭ
This article is available in Dhivehi only.
#حديث_ضعيف
ޢަބްދުﷲ ބުނު އަބީ އަޥްފާ އަރިހުން، ފާއިދު ބުނު ޢަބްދުއް ރަޙްމާން އަލްޢައްޠާރު ރިވާކޮށްފައިވާ ޙަދީޘް: އެކަލޭގެފާނު ވިދާޅުވިއޭ:
”ޒުވާނެއް މަރުއެނދު މައްޗަށް ޙާޟިރުވިހިނދު، ރަސޫލު ﷲ އޭނާ އަށް ހަނދުމަކޮށްދެއްވައި ޙަދީޘް ކުރެއްވިއެވެ: "لا إله إلا الله ކިޔާށެވެ." އޭނާ ދެންނެވިއެވެ: "އަހަރެންނަކަށް އެނުކިޔެވެއެވެ." ...(ދެން އޭނާގެ މަންމަ ގެނެވި އޭނާއަށް ހިތްސާފުކުރުމުން އެކަލިމަ ކިޔުނު ވާހަކަ އޮތް ޙަދީޘް) — މިއީ އިންތިހާ ބަލިކަށި ޙަދީޘެކެވެ.
އަލްޢަލްވާން މިވާހަކަ ނަންގަންނަވައި ދެން ވިދާޅުވިއެވެ:
❞ އަދި މިޙަދީޘްގެ ޟަޢީފު ކަމާއިއެކުވެސް — ނޫނީ އިބްނުލް ޖަޥްޒީ ކަނޑައެޅުއްވި ފަދައިން މައުޟޫޢު (އަމިއްލަށް ހަދާފައިވާ) ޙަދީޘެއް — ކަމަށް ވުމާއިއެކުވެސް ވަޢުޡު ބުނާ އެތައްބަޔަކު މިޙަދީޘް ޛިކުރުކުރުމުގައި ހިތްޖެހިފައިވާތަން އަހަރެމެންނަށް ފެނެއެވެ. އެއީ މީސްތަކުން މައިންބަފައިންނަށް ނުބައިކޮށް ހިތުމުން ބިރުވެރިކުރުވުމަށް ކަމުގައި އެވެރިން ބުނެއެވެ. އަދި އެހެނަސް ޤުރުއާނާއި ޘާބިތު ސުންނަތުގައި މައިންބަފައިންނަށް ނުބައިކޮށް ހިތާ މީހާއަށް މިއަށްވުރެ ވަރުގަދަ ވަޢީދު އެބަހުރިކަން މިވެރިންނަށް ނުދަނެއެވެ. މާ ދިގުލާފާނޭ ކަމަށް ބިރުވެތި ނުވީހީ ނަމަ މިބާބުގައި ހިމެނޭ އާޔަތްތަކާއި ޙަދީޘްތައް އަހަރެން ގެނެސްދިނީމުއެވެ. އެތަކެއްޗަށް އެދޭ މީހާ، މިޘާލަކަށް (( رياض الصالحين ))⁽¹⁾ ފަދަ އެއްޗަކަށް ރުޖޫޢަވާށެވެ. އެހެނީ ފަހެ މި ހޫރާލެވިފައިވާ ފަރާތުގެ⁽²⁾ ޙަދީޘުގެ މައްޗަށް، ހިތްހަމަޖެހޭނޭ އަދި ފުއްދައިދޭނޭ ތަކެތި އޭގައި ވެއެވެ. ❝
— މަޞްދަރު: الإعلام بوجوب التثبت في رواية الحديث " (ص/16-17)
~ ގަލަންދާނު
---------------------------
[1] އެބަހީ، ނަވަވީ އިމާމުގެ "ރިޔާޟުއް ޞާލިޙީން" (މުއުމިނުންގެ ބަޤީޗާ)
[2] އެބަހީ: ފާއިދު ބުނު ޢަބްދުއް ރަޙްމާން އަލްޢައްޠާރު
Comments (0)
Be the first to comment.