ސަބަބަކާ ނުލައި ވަރިޔަށް އެދުމާއި ދެމަފިރިން ދެމެދަށް ވަނުމުގެ ނުބައިކަަން
This article is available in Dhivehi only.
📌ސަބަބަކާ ނުލައި ވަރިޔަށް އެދުމާއި ދެމަފިރިން ދެމެދަށް ވަނުމުގެ ނުބައިކަަން
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު
🔻🔻
• ޙަދީޘް 1
ثوبان أن النبي ﷺ قال: أَيُّمَا امْرَأَة سَأَلتْ زَوْجهَا طَلاقًا في غَيْر مَا بَأْس فَحَرامٌ عَليْهَا رَائِحَةُ الجَنَّة.
ޘަޥްބާން رضي الله عنه އަރިހުން، ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”އެއްވެސް ތުރައަކާ ނުލައި އޭނާގެ ފިރިމީހާގެ ކިބައިން ވަރިއަށްއެދޭ އަންހެނެއްގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ.“
ރިވާކުރެއްވީ الخمسة ⁽¹⁾ އެހެނަސް އައްނަސާއީ ފިޔަވައެވެ. އެއީ ޙައްމާދު، ޢައްޔޫބު އަރިހުން، އަބޫ ޤިލާބާ އަރިހުން، އަބީ އަސްމާއު އަރިހުން، މިގޮތަށެވެ.
އަދި އޭގެ ސަނަދު ޞައްޙަ އެވެ. ރާވީންތައް ޘިއްޤާ އެވެ. (އިތުބާރުގެ ރާވީންނެވެ.) ޙުއްފާޡުން (ޙަދީޘް ޢިލްމުގެ އިހުގެ އިމާމުން) އެއަށް ރުއްސެވިއެވެ. އަދި މިރިވާޔަތް ވަނީ ޢަބޫ ދާވޫދު އާއި އިބްނު ޖާރޫދު އާއި އިބްނު ޙިއްބާން ޞައްޙަ ކުރައްވާފައެވެ.⁽²⁾
އަދި އައްތިރުމިޛީ ގައިވާ ރިވާޔަތެއްގައި، އެއީ ވެސް ޘަޥްބާން އަރިހުން، އައިސްފައިވެއެވެ: «الْمُخْتلِعَاتُ هُنَّ الْمُنَافِقَات» ”ޚުލްޢަ ކުރާ އަންހެނުންނަކީ މުނާފިޤުންނެވެ.“ އަބޫ އީސާ (އައްތިރުމިޛީ) މިރިވާޔަތް ޟަޢީފު ކުރެއްވިއެވެ. މިހެން ވިދާޅުވެއެވެ: ”މި ބީދާއިން މިޙަދީޘްް ޣަރީބު އެެވެ. އަދި އޭގެ ސަނަދު ވަރުގަދަކޮށެއް ނުވެއެވެ.“ އަދި ވިދާޅުވިއެވެ: ”އެކަލޭގެފާނު — އެބަހީ އަލްބުޚާރީ — އަރިހު އެއާއިމެދު އަހަރެން ސުވާލު ދެންނެވީމެވެ. އަދި އެކަލޭގެފާނަށް އެ އެނގިނުލައްވައެވެ.“ އަދި އަލްބައްޒާރު ވެސް އެ ބަލިކަށި ކުރެއްވިއެވެ.
އަދި މިޙަދީޘް، އަބޫ ހުރައިރާ رضي الله عنه އަރިހުން އަލްޙަސަން (އަލްބަޞްރީ) ރިވާކުރެއްވި ގޮތުގައި އައިސްފައި ވެއެެވެ. އެހެނަސް އަލްޙަސަން އަބޫ ހުރައިރާ އަރިހުން (ރިވާޔަތްތައް) އަޑުއައްސަވައި ނުލައްވައެވެެ.
އަދި (ޝަރުޢީ) ސަބަބަކާއި ނުލައި އެކަނބުލޭގެ ފިރިމީހާގެ އެހެން އަންބެއް ވަރި ކުރުމަށް އެދިއްޖެ މީހާ، ޘަޥްބާން ގެ މިޙަދީޘުގައިވާ ވަޢީދުގެ ތެރެއަށް ވަދެދާނޭ ކަމާއި މެދު އަހަރެން ބިރުވެތިވަމެވެ.
• ޙަދީޘް 2
އަދި އަބޫ ހުރައިރާ އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: لَا يَحِل لِامْرأَة
تَسأَل طلاق أُختها، لِتسْتفرِغَ صَحْفتهَا، فإِنما لها مَا قُدر لها. ”އަންހެނަކު ކާތަށި ހުސްކޮށް ބޭއްވުމަށް (އެބަހީ: ފިރިހެެންމީހާގެ މުދާ އެއްކޮށް ހޯދުމަށް) އެދި، އެކަނބުލޭގެ އުޚްތާ ވަރިކުރުމަށް އެދި ބުނުން ހުއްދަވެގެން ނުވެއެވެ. ފަހެ ހަމަކަށަވަރުން ޤަދަރުގައި އޭނާ އަށް ލިޔެވިގެންވާއެއްޗެއް އޭނާއަށް (ގައިމުވެސް) ވެއެވެ.“ ދެބޭކަލުން އިއްތިފާޤުވެލެއްވި. (އަލްބުޚާރީ އާއި މުސްލިމް).
އެދެރިވާޔަތުގައި ވެސް ވަނީ: ”އަންހެނަކު... އެކަނބުލޭގެ އުޚްތާ ވަރިކުރުމަށް އެދި ބުނުން ހުއްދަވެގެން ނުވެއެވެ.“ މިހެންނެވެ.
އަދި މުސްލިމް ގެ ރިވާޔަތުގައި: فَإِنَّ الله رَازِقُهَا ”އެހެނީ ހަމަކަށަވަރުން އެކަނބުލޭގެ އަށް ރިޒްޤު ދެއްވާ ފަރާތަކީ ﷲ އެވެ.“
އަދި މީގެެ މުރާދަކީ: ކައިވެނި ކުރާ އަންހެނާ ފިރިމީހާ އިނދެގެން ހުރި އަންހެނުން ވަރި ކުރުމަށް ނުބުނުމެވެ.
އަދި "އުޚްތު" ގެ މުރާދަކީ ދީނުގައި އުޚްތެވެ.
----------------------------
[1] الخمسة: "ފަސް ބޭކަލުން" ނޭ ޙަދީޘް ޢިލްމުގައި ބުނެވޭނީ، 4 ސުނަން ފޮތް (ސުނަން އަބޫ ދާވޫދު، ސުނަން އައްތިރުމިޛީ، ސުނަން އައްނަސާއީ، ސުނަން އިބްނު މާޖާ) އާއި މުސްނަދް އަޙްމަދު — މިފަސް ޙަދީޘް މަޞްދަރަށެވެ.
[2] އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެެވެ: ”ޘަޥްބާން رضي الله عنه ގެ މިޙަދީޘް، ގެ ސަނަދަށް އަތްފުނާއަޅައި އަހަރެން ބެލީމެެވެ. އަދި (އޭގެ ޙުކުމާއި މެދު) ވަރަށް ބޮޑަށް އޮޅުން އެރިއެވެ... އަދި އެހާވައި، ބަލާހޯދުމަށް ފަަހު، ﷲ ޙަޟުރަތުން އެކަމުގައި އިސްތިޚާރާ ވެސް ކުރީމެވެ. ދެން އޭގެ މައްޗަށް ޞައްޙަ ކަމުގެ ޙުކުމް ކަނޑައެޅީމެވެ.“
Comments (0)
Be the first to comment.