އަލްބުޚާރީ އެކަލޭގެފާނުގެ ފޮތް "އަދަބް އަލްމުފްރަދް" ގައި ވިދާޅުވިއެވެ: [38 ވަނަ] ބާބު
This article is available in Dhivehi only.
އަލްބުޚާރީ އެކަލޭގެފާނުގެ ފޮތް "އަދަބް އަލްމުފްރަދް" ގައި ވިދާޅުވިއެވެ: [38 ވަނަ] ބާބު:
❤️ އެއިން ތިޔަބައިމީހުންގެ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް (ބޭނުންވާވަރަށް) ތިޔަބައިމީހުންގެ ނަސަބުތައް ދަސްކުރާށެވެ.
⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️
(72 ވަނަ ޙަދީޘް) حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا عَتَّابُ بْنُ بَشِيرٍ، عَنْ إِسْحَاقَ بْنِ رَاشِدٍ، عَنِ الزُّهْرِيِّ قَالَ: حَدَّثَنِي مُحَمَّدُ بْنُ جُبَيْرِ بْنِ مُطْعِمٍ، أَنَّ جُبَيْرَ بْنَ مُطْعِمٍ أَخْبَرَهُ، أَنَّهُ سَمِعَ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ يَقُولُ عَلَى الْمِنْبَرِ:
«تَعَلَّمُوا أَنْسَابَكُمْ، ثُمَّ صِلُوا أَرْحَامَكُمْ، وَاللَّهِ إِنَّهُ لِيَكُونُ بَيْنَ الرَّجُلِ وَبَيْنَ أَخِيهِ الشَّيْءُ، وَلَوْ يَعْلَمُ الَّذِي بَيْنَهُ وَبَيْنَهُ مِنْ دَاخِلَةِ الرَّحِمِ، لَأَوْزَعَهُ ذَلِكَ عَنِ انْتِهَاكِهِ.»
މިންބަރު މަތީ، ޢުމަރު ބްނުލް ޚައްޠާބު رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ:
”ތިޔަބައިމީހުންގެ ރަޙިމުގެ ގުޅުން ދެމެއްހެއްޓުމަށް، ތިޔަބައިމީހުންގެ ނަސަބުތައް އުނގެނޭށެވެ. ﷲ ގަންދީ ބުނަމެވެ. މީހަކާއި އޭނާގެ އަޚަކާއި ދެމެދު ކޮންމެ ވެސް ނުރުހުމެއް އޮވެ، އޭނާ އާއި އެމީހަކާއި ދެމެދު ރަޙިމުގެ ގުޅުމެއް އޮވެއްޖެކަން އޭނާއަށް އެނގޭނަމަ، އޭނާ އާއި ގުޅުން ކެނޑުމުން އެކަން ހުއްޓުވައިދެއެވެ.“ ⁽¹⁾
(73 ވަނަ ޙަދީޘް) حَدَّثَنَا أَحْمَدُ بْنُ يَعْقُوبَ، قَالَ: أَخْبَرَنَا إِسْحَاقُ بْنُ سَعِيدِ بْنِ عَمْرٍو، أَنَّهُ سَمِعَ أَبَاهُ يُحَدِّثُ، عَنِ ابْنِ عَبَّاسٍ، أَنَّهُ قَالَ:
«احْفَظُوا أَنْسَابَكُمْ، تَصَلُوا أَرْحَامَكُمْ، فَإِنَّهُ لاَ بُعْدَ بِالرَّحِمِ إِذَا قَرُبَتْ، وَإِنْ كَانَتْ بَعِيدَةً، وَلاَ قُرْبَ بِهَا إِذَا بَعُدَتْ، وَإِنْ كَانَتْ قَرِيبَةً، وَكُلُّ رَحِمٍ آتِيَةٌ يَوْمَ الْقِيَامَةِ أَمَامَ صَاحِبِهَا، تَشْهَدُ لَهُ بِصِلَةٍ إِنْ كَانَ وَصَلَهَا، وَعَلَيْهِ بِقَطِيعَةٍ إِنْ كَانَ قَطَعَهَا.»
އިބްނު ޢައްބާސް ވިދާޅުވިއެވެ:
”ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް (ފުދޭނޭ މިންވަރަށް) ތިޔަބައިމީހުންގެ ނަސަބުތައް ރައްކާކުރާށެވެ. އެހެނީ އެމީހަކާއި ރަޙިމުގައި ގާތް މީހެއް، ދުރުގައިވިޔެއް ކަމަކު، އޭނާއެއް ދުރެއް ނުކުރާނެތެވެ. އަދި އެމީހަކާއި (ރަޙިމުގައި) ދުރު މީހެއް، ގާތުގައި ވިއެއް ކަމަކު، އޭނާއެއް، ގާތެއް ނުކުރާނެތެވެ. އަދި ރަޙިމުގެ ކޮންމެ ގުޅުމެއް އޭގެ އަހުލުވެރިޔާ ކުރިމައްޗަށް ޤިޔާމަތް ދުވަހު އަންނަހުއްޓެވެ. އޭގެ ގުޅުން ދަމަހައްޓައިހެދި ނަމަ، އެދެމެހެއްޓި ކަމަށް އޭނާއަށްޓަކައި އެ ހެކިވެއެވެ. އަދި (އެގުޅުން) ކަނޑާފައިވާނަމަ ކެނޑިކަމުގެ މައްޗަށް އޭނާއާ ދެކޮޅަށް އެ ހެކިވެއެވެ.“⁽²⁾
ـــــــــــــــــــ
[1] އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ”އަދަބް އަލްމުފްރަދް“ ގެ ތަޢްލީޤުގައި ވިދާޅުވިއެވެ: ”މި ރިވާޔަތް މަޥްޤޫފެވެ. އަދި ސަނަދު ބަލިކަށްޓެވެ. —ދެން އެކި ސަނަދުތަކުގެ ތަފްޞީލު ގެންނެވުމަށްފަހު ވިދާޅުވިއެވެ — އަދި މި (ސަނަދުތަކުގެ) މަގުތައް އެކަތި އަނެކައްޗަށް ވަރުގަދަކޮށް ދެއެވެ.“
[2] އައްސަޢްދު ވިދާޅުވިއެވެ: ”މިރިވާޔަތް މަޥްޤޫފެވެ. އަދި އޭގެ ސަނަދު ޞައްޙައެވެ.“ އަދި އެހެން މަގުތަކުން މިރިވާޔަތް މަރްފޫޢުކޮށް (ނަބިއްޔު ﷺ އަށް ސަނަދުން) ރިވާވެފައިވާ ކަމަށް، އިޝާރާތް ކުރައްވައި ތަފްޞީލު ގެންނެވިއެވެ. ދެން ވިދާޅުވިއެވެ: ”...މަރްފޫޢުކޮށް މިރިވާޔަތް ޞައްޙަ އެއް ނޫނެވެ. އަދި ރަނގަޅުގޮތަކީ އަޙްމަދު ބުނު ޔަޢްޤޫބު އާއި އަބޫ ދާވޫދުއް ޠަޔާލިސީ ގެ މަޥްޤޫފު ރިވާކުރެއްވުމެވެ.“
~ ގަލަންދާނު
Comments (0)
Be the first to comment.