ދަރިޔަކު އުފަންވެގެން ތަހުނިޔާ ކިޔުމާއި މެދު އޮތް ޙަދީޘު «باركَ لكَ في الموهوب لك، و شكرتَ الواهبَ..»
This article is available in Dhivehi only.
🎁🎁 ”ދަރިޔަކު އުފަންވެގެން ތަހުނިޔާ ކިޔުމާއި މެދު އޮތް ޙަދީޘު «باركَ لكَ في الموهوب لك، و شكرتَ الواهبَ..»
#حديث_ضعيف
❎ނަބިއްޔު ﷺ އަރިހުން ޘާބިތެއް ނޫނެވެ.
✅ އެއީ ޙަސަނުލް ބަޞްރީގެ ބަސްފުޅުތަކުގެ ތެރެއިން ވާ އެއްޗެކެވެ.
✅އެ ދުޢާ ކިޔުމުގެ މައްސަލައެއް ނުވެއެވެ.“
— އައްޝެއިޚް އަލްމުޙައްދިޘް ޚާލިދުލް ޙާޔިކް (ބަސްކޮޅު)
🔸އައްޞާދިޤު އަލްޙާޝިމީ ވިދާޅުވިއެވެ:
”މިމައްސަލާާގައި މިބަސްކޮޅެއްވެސް އަދި މިނޫން ބަސްކޮޅެއްވެސް، އެހެންޏާ މަރުފޫޢުކޮށް ނަބިއްޔު ﷺ އަރިހުން ނޫނީ މަޥްޤޫފުކޮށް އަޞްޙާބުބޭކަލުންގެ ގާތުންވިޔަސް ޞައްޙަވެފައި ނުވެއެވެ. އައިސްފައިވަނީ ޙަސަނުލް ބަޞްރީ رحمه الله ގެ އަރިހުންނެވެ. والله أعلم.“
🔸އައްޠަރީފީ ވިދާޅުވިއެވެ:
”އަލަށް އުފަންވާ ދަރިއަކަށް އުފަންވުމާއި ވިދިގެން ކިޔުމަށް ޚާއްޞަ ދުޢާއެއް ސުންނަތުން ޘާބިތުވެފައި ނުވެއެވެ. އަދި މިކަމުގައި އަޞްޙާބު ބޭކަލުންގެ އަރިހުންވެސް ޞައްޙަ ބަސްފުޅެއް ވާރިދުވެގެން ނުވެއެވެ. މިކަމުގައި އެންމެ ގާތް ވެގެންވާ އެއްޗަކަށްވެސް އޮތީ ޙަސަނުލް ބަޞްރީ ތަހްނިޔާ ކިޔުމަށް އުނގަންނަވައިދެއްވައި މީހަކަށް ކިޔައިދެއްވި ބަސްފުޅެކެވެ: «ކިޔާށޭ: بَارَكَ اللهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّهُ»⁽¹⁾ —ރިވާކުރެއްވީ އިބްނުލް މުންޛިރު އާއި އިބްނު ޢަސާކިރެވެ.“
📝 އަހަރެން ބުނަމެވެ: އަލްޙަސަނުލް ބަޞްރީގެ އަރިހުން ވާރިދުވެފައިވާ މިބަސްކޮޅު ދެ ސަނަދަކުން އައިސްފައިވެއެވެ. އަދި އެދޭތީގައިވެސް ބަލިކަށިކަމެއް ވެއެވެ. އެހެނަސް އަޅުކަންތަކުން ބޭރުގައި ކިޔެވޭ ދުޢާގެ އަޞްލަކީ އެތަކެތި ވަކި ޚާއްޞަ ކަލިމަތަކަކަށް ހިފެހެއްޓިގެން ނުވުމެވެ. އަދި އިޚްތިޔާރު އޮތުމެވެ. ވީމާ ތިބާގެ ދުލަށް ފަސޭހަ ކޮންމެ ދުޢާއެއް ވިޔަސް އެފަދަ ޙާލެއްގައި ކިޔުން ހުއްދައެވެ. އަދި ކިއެއްތަ، މިޙާލަތުގައި އެކަން މުސްތަޙައްބު ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެއީ ނަވަވީއިމާމު المجموع (8/443) ގައި، އަދި الأذكار (ص/289) ގައި ނަންގެންނެވި ފަދައިންނެވެ. އަދި އިބްނު ޤުދާމާ المغني (9/464) ގައިވެސް އެހެން ޛިކުރު ކުރެއްވިއެވެ.
⬆️ ފައިދާއެއް:
އަލްއުޞައިމީ ވިދާޅުވިއެވެ: ”ތާބިޢީން ގެ އަރިހުން ދަރިޔަކު އުފަންވުމާއި ވިދިގެން ތަހުނިޔާ ކިޔުމަށް ”جعله الله مباركا عليك وعلى أمة محمد ﷺ “ — މިބަސްކޮޅު ޘާބިތެވެ. ދެންފަހެ އަލްޙަސަން އަރިހުން އޮތް ބަސްކޮޅު ”بورك لك في الموهوب وشكرت الواهب....“ އެކަލޭގެފާނު އަރިހުން އެބަސްކޮޅު ޘާބިތެއް ނޫނެވެ. “
📝 އަހަރެން ބުނަމެވެ: މި ބަސްކޮޅު ”جَعَلَهُ اللهُ مُبَارَكًا عَلَيْكَ وَعَلَى أُمَّةِ مُحَمَّدٍ ، صَلَّى اللهُ عَلَيْهِ وَسَلَّمَ “⁽²⁾ އައިސްފައިވަނީ ތާބިޢީންގެ ތެރެއިން އައްޔޫބުއް ސަޚްތިޔާނީ އަދި ޚުދު އަލްޙަސަނުލް ބަޞްރީގެ އަރިހުންނެވެ. އަދި މި ރިވާޔަތްތަކާއި މި މައްސަލާގައި އިތުރަށް ބަލައިހޯދުމަށް އިސްލާމް-ސުވާލުޖަވާބު 205068 އަށް ބަލާށެވެ.
~ ގަލަންދާނު 🖋
ــــــــــــــــــ
[1] މާނައީ: "ﷲ ތިބާއަށް ބަރަކާތް ލައްވާށިޔޭ އެއިލާހު ތިބާއަށް ދެއްވި ހަދިޔާގައި، އަދި އެދެއްވި ފަރާތަށް ތިބާ ޝުކުރުވެރިވާށިއެވެ. އަދި (އެކުއްޖާ) ފުރާފުރިހަމަ ކުރައްވާށިއެވެ. އަދި އޭނާގެ ކަމޭހިތުން ތިބާއަށް ރިޒްޤު ކުރައްވާށިއެވެ."
[2] މާނައީ: ”ތިބާއަށާއި މުޙައްމަދު ﷺ ގެ އުއްމަތަށް އޭނާ އަކީ ބަރަކާތެއް ކަމުގައި ލައްވާށިއެވެ.“
Comments (0)
Be the first to comment.