ފަތިސްނަމާދަށްް ފަހު ނަމާދުޖަގަހައިގައި އިރުއަރަންދެން ހުރުމުގެ އަޖުރާއިމެދު ވާރިދުވެފައިވާ ރިވާޔަތް ތަކުގެ ޚުލާޞާ
This article is available in Dhivehi only.
📌ފަތިސްނަމާދަށްް ފަހު ނަމާދުޖަގަހައިގައި އިރުއަރަންދެން ހުރުމުގެ އަޖުރާއިމެދު ވާރިދުވެފައިވާ ރިވާޔަތް ތަކުގެ ޚުލާޞާ
سماحة الشيخ العلامة سليمان العلوان
-①-
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
❞ އަބޫ ޡިލާލް ގެ ކިބައިން ރިވާކުރެވުނު އަނަސްގެފާނުގެ ޙަދީޘް:
«من جلس في مُصلَّاه حتَّى تطلع الشَّمس ثم صلَّى ركعتين كان له كأجر حِجَّة وعُمرة تامَّة تامَّة تامَّة» (އައްތިރުމިޛީ 586)
(އިރުއެރުމާއި ހަމަޔަށް ނަމާދު ޖަގަހައިގައި އިށީނދެ ހުރެ، ދެން ދެރަކުޢަތް ނަމާދެއް ކޮށްފި މީހާ ދަންނައެ، އޭނާއަށް ޙައްޖަކާއި ޢުމްމާއެއްގެ ޘަވާބު ވެއެވެ. ފުރިހަމަޔަށެވެ. ފުރިހަމަޔަށެވެ. ފުރިހަމަޔަށެވެ.)
⚠️މިއީ ޟަޢީފު ރިވާޔަތެކެވެ. އަދިކިއެއްތަ؟ އިހުގެ ޢިލްމުވެރިންގެ ތެރޭގައި މިރިވާޔަތް ބަލިކަށިވުމާއި މެދު ޚިލާފެއް އޮތް ކަމުގައި އަހަރެންނަށް އެނގިފައި ނުވެއެވެ. މިޙަދީޘު ޞައްޙަކުރެވި، (އެހެންރިވާޔަތްތަކުން ބާރުދީ އެބަލައިގަނެވުމުގެ މިންވަރު) ވަރުގަދަކުރެވުނީ، ގާތްގަނޑަކަށް އަލްއިމާމު އަލްމުންޛިރީމެންގެ ޒަމާނާއި ހިސާބުންނެވެ. ދެންފަހެ އަލްއިމާމް އަލްމުންޛިރީގެ ކުރިން ތިއްބެވި (ޙަދީޘް ޢިލްމުގެ) ބޭކަލުންގެ ތެރެއިން އެކަކުވެސް އެގޮތަކަށް ނިންމަވާފައި ނުވެއެވެ. އެގޮތުން (މިޙަދީޘު ރިވާކުރެއްވި) އަބޫ ޢީސާ ˺އައްތިރުމިޛީ˹ ޚުދު މިޙަދީޘު ޟަޢީފު ކުރެއްވިއެވެ. އަދި ޙުއްފާޡުން ކުރެ އެއްބޭކަލަކަށްވުރެ ގިނަ ބޭކަލުން މިޙަދީޘް ޟަޢީފުކަމަށް ކަނޑައެޅުއްވިއެވެ. (ޙުއްފާޡުން، އެބަހީ، ޙަދީޘު ޢިލްމުގެ އިމާމުންނެވެ.) އަދި މި މަޥްޟޫޢު ގައި — ޙައްޖާއި ޢުމްރާގެ އަޖުރު ފުރިހަމަޔަށް ފުރިހަމަޔަށް ފުރިހަމަޔަށް — ލިބޭ ކަމަށް ނިސްބަތްވެ އެއްވެސް ރިވާޔަތެއް ޞައްޙަވެގެން ނުވެއެވެ.
މިހެން ކަމުން، (އެވަޤުތުގައި ކުރެވޭ) ނަމާދު އަސާސީ ގޮތެއްގައި ފަޟާއިލުގައި ޝާމިލުކުރެވުނަސް، މީގައި މިވާ ޚަބަރަކީ މުޤައްޔަދު (އެބަހީ: އޭގެ އަޖުރަށް ވަކި މިންވަރެއް ކަނޑައެޅިގެންވާ) ޚަބަރެއް ކަމުން، ”އަލްފަޟާއިލު“ ތަކުގެ ތެރޭގައި މިޝާމިލްކޮށް ނަޤުލުކުރުން ވެސް ޞައްޙައެއް ނޫނެވެ. (ފަޟާއިލު ޢަމަލުތަކީ، އޭގެ މާތްކަން ބަޔާން ވެވިފައިވާ ޢަމަލުތަކެވެ. އެފަދަ ތަކެތި ޙަދީޘް ދަރަޖައިން އެންމެ ޞައްޙަ ނުވިޔަސް ޝަރުޠުތަކާއި އެކު، ހެޔޮ ކަންކަމަށް ހިއްވަރުދިނުމުގެ ބާބުގައި ނަޤުލުކުރެވެއެވެ.) ވީމާ އޭގައި މިޝާމިލުވާ ޘާވާބާއި ބެހޭ ޚަބަރު މިއަސާސުގައި ނުހިމެނެއެވެ.
⬆️މިބާބުގައި: (އެބަހީ: އިރުއެރުމުން ނަމާދު ކުރުމުގެ ބާބުގައި) ދެ ޙަދީޘެއް ވެއެވެ.
ފުރަތަމަ ޙަދީޘަކީ: އައްތިރުމިޛީ ރިވާކުރައްވައި ޞައްޙަ ކުރެއްވި އަބޫ ޛައްރުގެ ޙަދީޘެވެ. ނަބިއްޔު ﷺ ޙަދީޘްކުރެއްވިޔޭ:
«عَنِ اللَّهِ، عَزَّ وَجَلَّ أَنَّهُ قَالَ ابْنَ آدَمَ ارْكَعْ لِي مِنْ أَوَّلِ النَّهَارِ أَرْبَعَ رَكَعَاتٍ أَكْفِكَ آخِرَهُ»
”ﷲ عَزَّ وَجَلَّ ވަޙީ ކުރެއްވިޔޭ: އާދަމުގެ ދަރިޔާއެވެ! ދުވާލުގެ ފުރަތަމަ ކޮޅުގައި ތިމަން އިލާހަށް ކަލޭ ހަތަރު ރަކުޢަތް އަދާކުރާށެވެ. ދުވާލުގެ ފަހުކޮޅާއި ހަމަޔަށް އެއިން ތިބާއަށް ތިމަން އިލާހު ފުއްދަވައި ދެއްވާހުށީމެވެ.“
[މުތަރުޖިމުގެ ނޯޓް: މިޙަދީޘުގައިވާ ހަތަރު ރަކުޢަތަކީ ކޮބައި ކަމާއިމެދު ޢިލްމިވެރިން ޚިލާފުވެލެއްވިއެވެ. އޭގެތެރެއިން ބައެއް ވިދާޅުވީ، އެއީ ފަތިސްނަމާދައި އޭގެ ސުންނަތް ކަމުގައެވެ. މިއީ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި އެކަލޭގެފާނުގެ ދަރިވަރު އިބްނުލް ޤައްޔިމްގެވެސް ރައުޔެވެ. އަދި އަނެއްބައި ބޭކަލުން ދެކިލެއްވީ މި ރަކުޢަތް ތަކީ، ޟުޙާ ނަމާދު ކަމުގައެވެ. މިއީ އަބޫ ދާޥޫދާއި، އައްތިރުމިޛީ އާއި އަލްޢިރާޤީ އާއި އިބްނު ރަޖަބުލް ޙަންބަލީގެ ރައުޔެވެ.
އަހަރެން ބުނަމެވެ: އޭނާއަށް ”ތިމަން އިލާހު ފުއްދަވައި ދެއްވާ ހުށީމޭ“ ، އޮތް ބަހުގެ މާނައަކީ: އޭނާ ވަނީ ﷲ تعالى ގެ ރައްކައުތެރިކަމުގެ ދަށުގައި ކަމެވެ. އާފާތްތަކާއި ފާފަތަކުން އޭނާ ރައްކައުތެރި ކުރެއްވުމެވެ. އަލްޢިރާޤީއާއި އެނޫން ބޭކަލުން މިފަދައިން ޝަރަޙަ ކުރެއްވިއެވެ. އިތުރު ތަފްޞީލަށް، އިސްލާމް ސުވާލުޖަވާބު ގެ ފަތުވާ 223325 އަށް ރުޖޫޢަވާށެވެ.] (މުތަރުޖިމުގެ ބަސް މިހިސާބަށް ނިމުނީ.)
މިބަޔާންވެވުނީ ފުރަތަމަ ދަލީލެވެ.
ދެވަނަ ޙަދީޘަކީ: އިމާމު މުސްލިމްގެ ”ޞަޙީޙު“ ގައިވާ ޢަމްރު ބުނު ޢަބަސާ ގެ ޙަދީޘެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«...صَلِّ صَلاَةَ الصُّبْحِ ثُمَّ أَقْصِرْ عَنِ الصَّلاَةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ... ثُمَّ صَلِّ فَإِنَّ الصَّلاَةَ مَشْهُودَةٌ مَحْضُورَةٌ»
(ފަތިސް ނަމާދު ކޮށް އަވަދިވެގެން، ދެން ނަމާދު ކުރުމުން މަޑުޖަހާށެވެ. އެއީ އިރުއަރައި (އުދެރެހުން) އެއްކޮށް އެރުމާއި ހަމައަށެވެ... . ދެން ނަމާދު ކުރާށެވެ. އެހެނީ އެނަމާދަކީ ހެކިވެވި އެއަށް (މަލާއިކަތުން) ޙާޟިރުވެލައްވާ ނަމާދެކެވެ.)
=
Comments (0)
Be the first to comment.