ނަބިއްޔުންގެ ހަށިކޮޅު ބިންގަނޑަށް ޙަރާމް ވުމާއި މެދު އޮތް ޙަދީޘުގެ ދަރަޖަ
This article is available in Dhivehi only.
🖊 ނަބިއްޔުންގެ ހަށިކޮޅު ބިންގަނޑަށް ޙަރާމް ވުމާއި މެދު އޮތް ޙަދީޘުގެ ދަރަޖަ
—①—
ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވި ކަމަށް އަޥްސު ބުނު އަޥްސު ގެ އަރިހުން ރިވާވެގެންވެއެވެ.
«إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ وَفِيهِ الصَّعْقَةُ فَأَكْثِرُوا عَلَىَّ مِنَ الصَّلاَةِ فِيهِ فَإِنَّ صَلاَتَكُمْ مَعْرُوضَةٌ عَلَىَّ " . قَالَ قَالُوا يَا رَسُولَ اللَّهِ وَكَيْفَ تُعْرَضُ صَلاَتُنَا عَلَيْكَ وَقَدْ أَرِمْتَ يَقُولُونَ بَلِيتَ . فَقَالَ " إِنَّ اللَّهَ عَزَّ وَجَلَّ حَرَّمَ عَلَى الأَرْضِ أَجْسَادَ الأَنْبِيَاءِ»
"ހަމަކަށަވަރުން ތިޔަބައިމީހުންނަށް ދެއްވިގެންވާ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރުދުވަހެވެ. އާދަމް ޢަލައިހިއްސަލާމު ޚަލްޤުކުރެއްވުނީ އެދުވަހުގައެވެ. އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕެވުނީވެސް އެދުވަހުގައެވެ. ތާޅަފިލި ފުމެލެއްވޭނީވެސް ހުކުރު ދުވަހުގައެވެ. الصَّعْقَةُ ވެސް ވުން ވަނީ އެދުވަހުގައެވެ. (ޤިޔާމަތް ޤާއިމުވުމުގެ ބިރާއި ސިހުމުގައި މީސްތަކުން މަރުވެދިޔުމެވެ.) ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅެއެވެ." ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު އަވަހާރަވެ ކަލޭގެފާނުގެ ހަށިކޮޅު ފީވެ (ފަނާވެ) ދިޔުމަށްފަހުގައި އަހަރެމެންގެ ޞަލަވާތް ކަލޭގެފާނަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟" ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން މާތް ﷲ ވަނީ ނަބިއްޔުންގެ ހަށިތައް ކެއުން(ފަނާކުރުން) ބިމަށް ޙަރާމްކުރައްވާފައެވެ.“
—ރިވާކުރެއްވީ އަބޫ ދާޥޫދު (1047) އެވެ.
1⃣❞ އަލްޙުސެއިން ބުނު ޢަލީ އަލްޖަޢްފީ އަރިހުން، ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ޖާބިރު އަރިހުންް، އަބޫ އަލްއަޝްޢަޘް އަރިހުން، އަޥްސު ބުނު އަޥްސު އަރިހު ގެންނެވި މިޙަދީޘު، ރިވާކުރެއްވީ:
އިބްނު އަބީ ޝައިބާ (5554) އާއި އަޙްމަދު (16262) އާއި އައްދާރިމީ (1694) އާއި އިބްނު މާޖާ (1085) އާއި އަބޫ ދާވޫދު (1047) އަދި އައްނަސާއީ (1678) އެވެ.
އަބޫ ޙާތިމް ވިދާޅުވިއެވެ: ”ދެންފަހެ ޙުސައިނުއް ޖަޢްފީ: ހަމަކަށަވަރުން އޭނާ ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ޖާބިރުގެ ކިބައިން ރިވާކޮށްފައި ވެޔޭ، އަބުލް އަޝްޢަޘް ގެ ފުށުން، އަޥްސު ބުނު އަޥްސު އަރިހުން، ނަބިއްޔު ﷺ ޙަދީޘު ކުރެއްވިޔޭ ހުކުރު ދުވަހާއި މެދު: އެންމެ މާތް ދުވަހަކީ ހުކުރުދުވަހޭ، އަދި الصَّعْقَةُ އާއި ތާޅަފިލި ފުންމެވުން ވަނީ އެދުވަހުގަޔޭ އަދި މިފަދަ ގޮތަކަށް އޮތް މި ޙަދީޘު، ދަންނައެ، އެއީ މުންކަރު ޙަދީޘެކެވެ. އަދި ޙަސަނުއްް ޖަޢްފީ ނޫން މީހެއް ފުށުން އެޙަދީޘު ރިވާވެގެންވާ ކަމެއް އަހަރެންނަށް އެގިފައި ނުވެއެވެ.“
އަދި އަބޫ ޙާތިމް ވިދާޅުވިއެވެ: ”(މިޙަދީޘު) އަބޫ އުސާމާ އާއި ޙުސައިނުއް ޖަޢުފީ ގެނެސްފައިވަނީ އެންމެ މީހެއް ފުށުންނެވެ. އެއީ ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ތަމީމެވެ. ދެންފަހެ މި ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ތަމީމާއި މެދު ދަންނައެ، އޭނާ އަކީ ޙަދީޘު ރިވާޔަތުގައި ޟަޢީފު މީހެކެވެ. އަދި ޘިއްޤާ (އިތުބާރު ހުރި) ރާވީ އަކީ (ނަން އެއްގޮތް އެހެނަސް އެނޫން ފަރާތެއް ކަމަށްވާ) ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ޖާބިރެވެ.“
— އަބޫ ޙާތިމްގެ ބަސްކޮޅު ނިމުނީ، [علل الحديث (565)]
އަދި އަލްބުޚާރީ އާއި އިބްނު ޙިއްބާން ވިދާޅުވީ، (މިޙަދީޘުގެ ސަނަދު ނަޤުލު ކުރި އިރު) ޙުސައިނު ބުނު ޢަލީ އަލްޖަޢްފީ ވަނީ ކުށްޖެހިފައި ކަމެވެ. އެއީ އޭނާ ހީކުޅައީ <ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ތަމީމު> އަކީ <ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ޖާބިރު> ކަމުގައޭ އެވެ. (މަޞްދަރު ބެލުމަށް: [النكت الظراف، 1736])
އަދި އިބްނު މާޖާ (1637) ގައި (މިއާއި ގާތް ކުރާ ރިވާޔަތެއް) ޒައިދު ބުނު އައިމަން ގެ ސަނަދުން، ޢުބާދަތު ބުނު ނުސައްޔު އަރިހުން އަބުއްދަރްދާއު ގެ އަރިހުން ގެންނަވާފައިވެއެވެ... މި ޒައިދު ބުނު އައިމަން އަކީ މަޖްހޫލެކެވެ. އަދި ޢުބާދާ ފުށުން ޙަދީޘު ރިވާޔަތްތައް އަޑުއިވިފައި ނުވާ މީހެކެވެ.
އަލްބުޚާރީ ވިދާޅުވިއެވެ: ”ޒައިދު ބުނު އައިމަން ގެ ސަނަދުން ޢުބާދަތު ބުނު ނުސައްޔު ގެންނަނީ މުރްސަލް ކޮށެވެ. (ސަނަދު މެދުކެނޑުމެއް ވެއެވެ.) އޭނާ ފުށުން (އެބަހީ: ޒައިދު ފުށުން) އެގޮތުގައި ރިވާޔަތްތައް ގެނެސްފައިވަނީ ސަޢީދު ބުނު އަބީ ހިލާލެވެ.“ (التاريخ الكبير 3/387)
އަދި ޚުދު ޢުބާދަތު ، އަބުއްދަރްދާ އަރިހުން ގެންނަ ރިވާޔަތް ތަކީ ސަނަދު މެދުކެނޑުމެއް އޮތް ރިވާޔަތްތަކެވެ. އޭނާ ރިވާ ކުރަނީ އޭނާގެ ބައްޕަ ފަރާތުން، އަބުއްދަރްދާއު އަރިހުންނެވެ. (ބައްޕަގެ ނަން ނެތް ނަމަ، އެދެމެދު އެޔޮތީ މެދުކެނޑިފައެވެ. ކާކުގެ ފުށުން ކަން ނުއެނގިއެވެ.) ❝
— އައްޝެއިޚް އަލްމުޙައްދިޘް އަބޫ ޢަލީ އަލްޙަސަނީ (ބަސްކޮޅު) މިހިސާބަށް، ނިމުނީ.
🖋
Comments (0)
Be the first to comment.