ބިންމަތީގައި ނޫނީ ފައިވާނާއި އެކު ނަމާދުކުރެވޭ މިސްކިތެއްގައި ނަމާދު ކުރާއިރު، ސަޖިދަ ޖަހާ ތަނާއި ދިމާލަށް ފައިވާންޖޯޑު ބޭއްވުމުގެ ޙުކުމް…
This article is available in Dhivehi only.
⬆️ބިންމަތީގައި ނޫނީ ފައިވާނާއި އެކު ނަމާދުކުރެވޭ މިސްކިތެއްގައި ނަމާދު ކުރާއިރު، ސަޖިދަ ޖަހާ ތަނާއި ދިމާލަށް ފައިވާންޖޯޑު ބޭއްވުމުގެ ޙުކުމް ނޫނީ ސުތުރާއެއް ގޮތުގައި ފައިވާންޖޯޑު ބޭއްވުމުގެ ޙުކުމް
އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ”އަޥްލާ ވެގެންވާ ގޮތަކީ ތިބާގެ ވާތްފަރާތުގައި (މީހެއް ނެތްނަމަ) އެ ބެހެއްޓުމެވެ. ނުވަތަ ދެފައިތިލަ ދެމެދުގައެވެ. ދެންފަހެ ކުރިމަތީގައި ފައިވާންޖޯޑު ބޭއްވުމާއި މެދު ދަންނައެ، ޢިލްމުވެރިން ތެރެއިން ވަރަށް ގިނަ ބޭކަލުންގެ ގާތުގައި އެއީ މަކުރޫހަވެގެންވާ ކަމެކެވެ.“ —اهـ.
އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލްކަރީމް އަލްޚުޟައިރު ވިދާޅުވިއެވެ: ”އަޥްލާ ވެގެންވަނީ އޭނާގެ ވާތްފަރާތުގައި ނޫނީ ދެފައިތިލަ ދެމެދުގައި ބޭއްވުމެވެ. މިއީ ޢަޥްލާވެގެންވާ ގޮތެވެ. ކުރިމަތީގައި ނޫނީ ކަނާތުގައި ބާއްވައިފިނަމަ، އެއީ ސުންނަތް ގޮތާއި ޚިލާފުގޮތެކެވެ. އެހެނަސް އޭގައި ފާފަ ނުއެކުލެވެއެވެ. (އެބަހީ: އެކަމުގައި ވަނީ މަކުރޫހަކަމެވެ.)“—اهـ.
އިބްނު ބާޒާއި ސުވާލުވެވުނެވެ:
ނަމާދުވެރިޔާ އޭނާގެ ސުތުރާއެއް ގޮތުގައި އޭނާގެ ފައިވާން ބޭއްވުން ޖާއިޒުތޯއެވެ؟
ޖަވާބު: ނޫނެކެވެ. ސުންނަތް ގޮތަކީ އޭނާގެ ކުރިމައްޗަށް އެ ނުބޭއްވުމެވެ. ފާރެއް ނޫނީ ތަނބެއް އިނދެއްޖެނަމަ ނޫނީ ދަނޑިގަނޑެއް ކަހަލައެއްއެއްޗެއް އަތްގާތްކޮށް އޮވެއްޖެނަމަ، އޭނާއަށް ވަނީ ސުތުރާއެއް ގޮތުގައި އެފަދަ އެއްޗެއް ނެގުމެވެ. (ވެލިބިމުގައި ނަމާދު ކުރާއިރު ސުތުރާއެއް ގޮތުގައި ނޭގޭނޭ މިފަދަ) އެއްވެސް އެއްޗެއް ނެތިއްޖެ ނަމަ، އޭނާއަށް ވަނީ ރޮނގެއް ދަމާފައި އެއީ ސުތުރާއެއް ގޮތުގައި ނެގުމެވެ. ދެންފަހެ ފައިވާނާއި މެދު ދަންނައެ، ފަހެ ސުންނަތަކީ އެއަށް އަރައިގެން ނަމާދު ކުރުމެވެ. ނޫނީ ދެފައިތިލަ ދެމެދުގައި އެބެއިންދުމެވެ. އަދި އޭނާގެ ކުރިމައްޗަށް އެނުބެހެއްޓުމެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «...فليصل فيهما، أو ليجعلهما بين رجليه» ((ފަހެ އެއަށް އަރައިގެން ނަމާދު ކުރާށެވެ. ނޫނީ ދެފައިތިލަ ދެމެދުގައި އެ ބަހައްޓާށެވެ.)) ⁽¹⁾
އަދި ނަމާދުވެރިޔަކީ އިމާމު ނަމަ ނޫނީ ފަރުދީގޮތުގައި ނަމާދު ކުރާއިރު، އޭނާ އަށް ވަނީ އޭނާގެ ވާތްފަރާތުގައި އެދެކިބަ ބެހެއްޓުމެވެ. އޭނާގެ ކުރިމައްޗަށް އެބެހެއްޓުމެއް ނޫނެވެ.“—اهـ.
އިބްނު ޢުޘައިމީން އާއި މިސުވާލުކުރެވުމުން ވިދާޅުވިއެވެ:
”...އަހަރެންނަށް ފެންނަގޮތަކީ ސުތުރާއެއް ގޮތުގައި އެ ނުހެދުމެވެ. އެހެނީ އާދަކާދާގައި ފައިވާނަކީ ހަޑި އެއްޗެކެވެ. ވީމާ ތިބާ ﷲ عز وجل އަށް ކުރިމަތިލައިގެން ހުންނަހިނދުގައި ތިބާގެ ކުރިމައްޗަށް ފައިވާންޖޯޑު ލައިގެން ނުވާނެއެވެ. މިގޮތުން ނަބިއްޔު ﷺ ނަމާދުވެރިންނަށް (އަރިދަފުސް ރޯނގާފަދަ އުދަގުލަކުން އަންނަ) ކުޅު، ކުރިމައްޗަށް ވާ ގޮތަށް ޖެހުން ނަހީ ކުރެއްވިއެވެ. އެއީ އޭނާގެ ކުރިމައްޗަށް އެ އޮތުމުން ދުރުކުރުމަށެވެ. އަދި އެކަލޭގެފާނު عليه الصلاة والسلام މިކަމާއިމެދު ޙަދީޘް ކުރެއްވިއެވެ: «...فإن الله تعالى قبل وجهه» ((އެހެނީ ނަމާދު ކުރާއިރު އޭނާގެ —ނަމާދުވެރިޔާގެ— ކުރިމައްޗަށް ވޮޑިގެންވަނީ ﷲ تعالى އެވެ.)) ރިވާކުރެއްވީ البخاري (406)“— اهـ .."فتاوى ابن عثيمين" (13/326).
~ ގަލަންދާނު 🖋
ـــــــــــــــــــــــــــ
[1] އަބޫ ހުރައިރާގެ މިޙަދީޘު: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«إِذَا صَلَّى أَحَدُكُمْ فَلْيَلْبَسْ نَعْلَيْهِ، أَوْ لِيَخْلَعْهُمَا بَيْنَ رِجْلَيْهِ، وَلاَ يُؤْذِ بِهِمَا غَيْرَهُ.» ((ތިޔަބައިމީހުންގެ ތެރެއިން މީހެއް ނަމާދު ކުރާނަމަ، ފައިވާނަށް އަރައިގެން އޭނާ ނަމާދު ކުރާށެވެ. ނޫނީ ދެފައިތިލަ ދެމެދުގައި އެ ބަހައްޓާށެވެ. އަދި އެނޫން މީހަކަށް އެއިން ދުއްތުރާ ނުކުރާށެވެ.))
— އިބްނު ޚުޒައިމާގެ "ޞަޙީޙު" ގެ ތަޢުލީޤުގައި އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު މިޙަދީޘު ޞައްޙަ ކަމަށް ކަނޑައެޅުއްވިއެވެ. އަދި އިބްނު ޚުޒައިމާގެ ތަޢްލީޤުގައި އައްޝެއިޚް އަލްމުޙައްދިޘް މާހިރް އަލްފަޙްލު ވެސް މިޙަދީޘު ”ޞައްޙަ“ ކަމަށް ކަނޑައެޅުއްވިއެވެ. (2/ 202) އައްޝެއިޚް ޢަބްދުލް ޢަޒީޒް އައްރާޖިޙީ މިޙަދީޘުގެ ޝަރަޙައިގައި ތެރޭގައި ވިދާޅުވިއެވެ: ”އަދި މިއިން ސާފުވެގެންދާ އަނެއް ކަމަކީ، ބައެއް މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ގޮތަށް ފައިވާންޖޯޑު (ޞަފުގެ) ކުރިމައްޗަށް ބެހެއްޓުން، އެއީ އެއަކަށް އެއްވެސް އަޞްލެއް ނުވާ އެއްޗެއް ކަމެވެ. ފައިވާންޖޯޑު ކުރިމަތީގައި ބެހެއްޓުމުގެ ސަބަބުން މީސްތަކުންނަށް ދުއްތުރާ ވެއެވެ. މުޅި ޞަފުގެ ކުރިމައްޗަށް ފައިވާނުން ފުރާލެވިފައިވާތީ ތިބާއަށް ފެންނާނެއެވެ.“ —اهـ.
Comments (0)
Be the first to comment.