ހަށަންބަންތަކްބީރު ކިޔުމުގައި ލަފްޒުތަކަށް ރައްކާތެރިވުން
This article is available in Dhivehi only.
⚠️ ހަށަންބަންތަކްބީރު ކިޔުމުގައި ލަފްޒުތަކަށް ރައްކާތެރިވުން
ސުވާލު: ތަކްބީރަތުލް އިޙްރާމް ކިޔާއިރު ބައެއް ފަހަރު އަޅުގަނޑުގެ ދުލުން "ރާ" (ر) އަކުރު ތަކްރާރުވެއެވެ. ވީމާ، އަލުން ނިޔަތްގަނެ ތަކްބީރު ކިޔަންޖެހޭނެހެއްޔެވެ؟ ނުވަތަ މީގެ ސަބަބުން ނަމާދުގެ ޞައްޙަކަމަށް އަޘަރެއް ކުރާނެހެއްޔެވެ؟
ޖަވާބު:
الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:
ތަކްބީރަތުލް އިޙްރާމް ކިޔާއިރު "ރާ" (ر) އަކުރު ތަކްރާރުކުރުން ނުވަތަ ތަޝްދީދުކުރުމަކީ ގިނަ ޢިލްމުވެރިންގެ އަރިހުގައި (ކުށެއް ކަމުގައި ވިޔަސް) ނަމާދުގެ ޞައްޙަކަމަށް އަޘަރުކުރާ ކަމެއް ނޫނެވެ. އެހެނަސް ބައެއް ޢިލްމުވެރިން، އެއީ (ނަމާދުގެ ރުކުނަކަށް) އަކުރެއް އިތުރުކުރުން ކަމުގައި ބައްލަވައި އޭގެ ސަބަބުން ނަމާދު ބާޠިލުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އިމާމް އައްރަމްލީ "ނިހާޔަތުލް މުޙްތާޖް" ގައި މި މައްސަލައިގައި އައްޝާފިޢީ މަޛްހަބުގެ ފުޤަހާއިންގެ މެދުގައި އޮތް ޚިލާފު ޛިކުރުކުރައްވަމުން، ނަމާދު ބާޠިލުނުވާނެ ކަމަށް ތަރްޖީޙު ދެއްވައި ވިދާޅުވެފައިވެއެވެ:
"މާނަ ބަދަލުވާ ފަދައިން އަކުރެއް އިތުރުކުރުމުން ނަމާދަށް ގެއްލުންވެއެވެ (ބާޠިލުވެއެވެ). އެއީ 'ﷲ' ގެ ހަމްޒާ ދެމުމާއި (އެބަހީ: آللَّه މިހެން)، އަދި 'ބާ' ގެ ފަހަތަށް އަލިފެއް އިތުރުކުރުން (އެބަހީ ތަކްބީރުގައި ﷲ أكبار މިހެން)، ފަދަ ކަންކަމެވެ. (މިފަދަ ކަންކަމުގެ ސަބަބުން ނަމާދު ޞައްޙަ ކަމަށް ބުރުއަރައެވެ.) ސަބަބަކީ އެއިރުން (މިޘާލަކަށް أكبار އޭ ކިޔުމުން) އެ ބަސް ބަދަލުވަނީ އެއްކޮޅުގައި ހަން އަޅާފައި އޮންނަ ބެރު ކަމަށްވާ 'ކަބަރް' ގެ ޖަމްޢުއެވެ. (ގިނަގޮތެވެ.) އަދި ޤައްފާލުގެ ފަތާވާގައިވާ ފަދައިން ﷲ ގެ އިސްމުފުޅުގެ ކުރިއަށް 'ވާވު' އަކުރު އިތުރުކުރުމާއި، ނުވަތަ 'أكبر' ގެ 'ب' ނުވަތަ އިބްނު ރަޒީން ފަތުވާ ދެއްވާފައިވާ ފަދައިން އޭގެ 'ر' ތަޝްދީދުކުރުން ވެސް (މިކުށުގެ ތެރޭގައި ހިމެނެއެވެ.) ފުރަތަމަ ބައިގައި (ب ތަޝްދީދުކުރުމުގައި) އެކަން ސާފުކޮށް (ޞައްޙަކަމަށް ބުރޫއަރާ ކުށެއް ކަން) އެނގެއެވެ. ނަމަވެސް ދެވަނަ ބަޔާމެދު ( ر ތަޝްދީދުކުރުން ނުވަތަ ތަކްރާރުކުރުމުގެ ކަންތަކުގައި) ދަންނައެ، އިބްނުލް ޢިމާދާއި އެނޫން ބޭކަލުން ވިދާޅުވި ފަދައިން އެބުނުން ބަލައިނުގަނެވެއެވެ. ސަބަބަކީ 'ر' އަކީ އޭގެ ޠަބީޢަތުގައިވެސް ތަކްރާރުވާ (تكرير) އަކުރަކަށްވެފައި، އެ އިތުރުވުމުން (ކުށެއް ކަމުގައި ވިޔަސް) މާނަ ބަދަލުނުވާތީއެވެ." —ނިމުނީ.
ވީމާ، ތިބާގެ ކިބައިން މިފަދަ ކަމެއް (ر ތަކުރާރު ވުން ފަދަ މާނަ ބަދަލުނުވާ ކުށެއް) ދިމާވިނަމަވެސް ތިބާގެ ނަމާދު ޞައްޙަވާނެކަމަށް އުންމީދުކުރެވެއެވެ. ނަމަވެސް ތިބާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިފަދަ ކަންކަމުން ދުރުހެލިވުމަށް ސަމާލުކަން ދިނުމެވެ. ސަބަބަކީ އެއީ ކިޔުމުގެ ކުށަކަށް (ލަޙްނަކަށް) ވާތީއާއި، އެކަމުގެ ސަބަބުން ނަމާދު ބާޠިލުވާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާތީއެވެ. (ރައްކަލެއް ގޮތުގައެވެ.)
"މަވާހިބުލް ޖަލީލު" ގައި (މުއައްލިފު) ވިދާޅުވެފައިވެއެވެ:
"ﷲ ގެ އިސްމުފުޅުގެ ހަމްޒާ (أ) އާއި ل އާއި ދެމެދު ދެމުމުން ދުރުހެލިވާންޖެހެއެވެ. އެއީ ސުވާލެއް ކުރާފަދަ ގޮތަކަށް ސިފަވެދާނެތީއެވެ. އަދި 'ب' އާއި 'ر' އާއި ދެމެދު ދެމުމުންވެސް ދުރުހެލިވާންޖެހެއެވެ. އެއީ މާނަ ބަދަލުވާނެތީއެވެ. އަދި (الله ކިޔާ އިރު) 'ه' ގެ ޟައްމާ (އުބުފިލި) މާބޮޑަށް ދަމައިގެން 'و' އެްް އުފެދޭވަރަށް ނުކިޔުމާއި، (أكبر ގެ) 'ر' އަށް ތަޝްދީދުދީ މަޑުކުރުމުން ދުރުހެލިވާންޖެހެއެވެ. މި އެންމެހައި ކަންކަމަކީ ކިޔުމުގައިވާ ކުށްތަކެކެވެ (ލަޙްނެވެ). އަދި މީގެ ސަބަބުން ނަމާދު ބާޠިލުވެދާނެކަމުގެ ބިރުއޮތް ކަންކަމެވެ." ނިމުނީ.
والله أعلم .
— ޤަޠަރުގެ ފަތުވާ ބޯޑު، އިސްލާމްވެބް (153453)
~ ގަލަންދާނު 🖋️
Comments (0)
Be the first to comment.